ޚަބަރު

މަވޯޓާ ޝަރީފް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރަން ނިންމުމާއެކު, ދަރިފުޅު ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދީފި

ދިޔަވަރު
މަވޯޓާ ޝަރީފް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރަން ނިންމުމާއެކު, ދަރިފުޅު ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދީފި

ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ސިޔާސީ ވިސްނުން ބަދަލުކޮށް ޕީއެންސީއަށް ސޮއި ކުރައްވުމަށްފަހު, އަމިއްލަ ގޮތުން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ވިސްނަވަމުން ގެންދަވާކަން ހާމަ ކުރެއްވުމާއެކު މެލޭޝިއާގެ އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި ހުންނެވި, މަވޯޓާ ޝަރީފްގެ ދަރިފުޅު މަރިޔަމް މިޒުނާ ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދީފިއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ, ޕީއެންސީގެ ކެނޑިޑޭޓަކުވެސް ވާދަކުރަމުން ދަނިކޮށް, ޝަރީފް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވާދަކޮށްފިނަމަ, ޕީއެންސީއަށް ގޮނޑި ގެއްލުމުގެ ފުރުސަތު އޮންނާނެތީ, މަޖިލިސް އިންތިޚާބުގައި ޝަރީފް ވާދަ ކުރައްވާނަމަ ދަރިފުޅު ވަޒީފާއިން ވަކި ކުރާނެކަން ފޯނުން ގުޅާފަ މިއަދުވަނީ ޝަރީފަށް އަންގާފައި ކަމުގައެވެ.

ޝަރީފް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގިނަ ސަޕޯޓަރުން މަޖިލިސް އިންތުޚާބުގައި މިނިވަންކޮށް ވާދަކުރުމަށް އެދެމުންދާތީ އެކަމާއި ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ވާހަކަދައްކަވަމުން ގެންދަވާ ކަމުގައެވެ.

ޝަރީފްގެ އެކްސް ޕޯސްޓުގައި އިތުރު ތަފްސީލެއް ހާމަ ކުރައްވާފައި ނުވިނަމަވެސް ޝަރީފްގެ ގާތް ފަރާތްތަކުން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ނިންމަވާފައި ވަނިކޮށް ދަރިފުޅު ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ޝަރީފް މިހާރު ގެންދަވަނީ އިންތިޚާބުގައި ވާދަ ކުރެއްވުމާއި ގުޅޭގޮތުން އަލުން ވިސްނަވަމުންނެވެ.

ޝަރީފް ޕީއެންސީއަށް ސޮއި ކުރައްވާފައިވަނީ 4 މިލިއަން ރުފިޔާއާއި, ސިޔާސީ ވަޒީފާގެ 10 ސްލޮޓްއާއި, ދަރިފުޅުގެ ވަޒީފާގެ ޔަގީން ކަމާއި, އަދި މަޖިލިސް ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރުކަން ދިނުމަށް ރައީސް މުއިއްޒު ހުށަހެޅުއްވުމުންނެވެ.

އެމްޑީޕީން ވަކިވުމުގެ ކުރިން ޝަރީފްވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަނުކުރާނެ ކަމަށާއި ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަނނަވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައި ވެއެވެ.

މެލޭޝިއާގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމްގައި ހުންނެވި, ޝަރީފްގެ ދަރިފުޅު މިޒުނާގެ ޕޯސްޓިންގެ މުއްދަތު ފޮރިން މިނިސްޓަރީން އިތުރު ކޮށްދީފައިވަނީ އަންނަ އަހަރުގެ މާރޗްމަހުގެ 31 ގެ ނިޔަލަށެވެ.