ޚަބަރު

ހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް، ޔޫއެސް-އިޒްރޭލް ކޯލިޝަންގައި ރާއްޖެ ބައިވެރި ވުމާއި ގުޅޭގޮތުން ޒަމީރު އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މަޝްވަރާ ކޮށްފި!

ދިޔަވަރު
ހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް، ޔޫއެސް-އިޒްރޭލް ކޯލިޝަންގައި ރާއްޖެ ބައިވެރި ވުމާއި ގުޅޭގޮތުން ޒަމީރު އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މަޝްވަރާ ކޮށްފި!

އިޒްރޭލަށް ހަމަލާ ދެމުންދާ، ހޫދީންނާއި ދެކޮޅަށް ރެޑް ސީގައި ހަނގުރާމަ ކުރުމަށް، އެމެރިކާ-އިޒްރޭލް ކޯލިޝަންގައި ރާއްޖެ ބައިވެރި ވުމާއި ގުޅޭގޮތުން ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޒަމީރު އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މީގެ ދެދުވަސް ކުރިން ފޯނުން މަޝްވަރާ ކޮށްފައި ވާކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މި ކޯލިޝަންގައި ވީހާ ގިނަ ބަޔަކު ހިމެނުމަށްޓަކައި، އަދި ރެޑްސީ ގައި ދަތުރުކުރާ ޒައެނިސްޓު ބޯޓު ފަހަރުތަކަށް ހޫދީން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެކުލަވާލާ މި ކޯލިޝަންގައި ސްރީ ލަންކާއިން ބައިވެރިވާނޭ ކަމުގެ ޔަގީން ކަން މީގެ ދެތިން ދުވަސްކުރިން އެމެރިކާއަށް ވަނީ ދީފައެވެ.

އެމެރިކާގެ އިތުރަށް މި ކޯލިޝަންގައި އިސްކޮށް ތިބީ، ކެނަޑާ، ގުރުއާން އަންދާ ޑެންމާކު، ފްރާންސް، ޔޫކޭ، އިޓަލީ، ނެދަލެންޑް، ނޯވޭ، ގްރީސްއެވެ. 21 ޑިސެމްބަރ 2023 ގައި ޕެންޓަގަން އިން ވަނީ 20 ގައުމު މި ކޯލިޝަންގައި އެހާތަނަށް ބައިވެރި ވެފައި ވާކަމުގެ ޔަގީން ކަން މީޑިޔާއަށް ދީފައެވެ. އަރަބި ޤައުމުތަކުުގެ ތެރެއިން ޖޯޑަން އަދި ބަހުރައިން މި ކޯލިޝަންގައި ވަނީ ބައިވެރި ވެފައިއެވެ.

އިޒްރޭލަށް ހަމަލާ ދެމުންދާ، ހޫދީންނާއި ދެކޮޅަށް ރެޑް ސީގައި ހަނގުރާމަ ކުރުމަށް، އެމެރިކާ-އިޒްރޭލް ކޯލިޝަންގައި ރާއްޖެ ބައިވެރި ވުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ ފޯނުން ގުޅައިގެންނެވެ. އަދި މި މަޝްވަރާގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ ހޫތީންގެ ޙަރަކާތްތަކުގެ ސަބަބުން ސަލާމަތީ ގޮތުން ކުރިމަތިވާ ނުރައްކާތައް ފާހަގަކޮށް، އެއްބާރުލުން ދިނުމުގެ ފައިދާއާއި ބެހޭ ގޮތުން ފޮރިން މިނިސްޓަރ ޒަމީރު އާއި ވާހަކަ ދައްކާފައިވެއެވެ.

މި ހަނގުރާމައިގެ ކޯލިޝަންގައި ދިވެހި ސިފައިން، ފަލަސްތީނާއި ދެކޮޅަށް ބައިވެރި ކުރުމަށް މުއިއްޒަށް މަޝްވަރާ އަރުވާފައިވާއިރު، އެމެރިކާއިން އެދިލެއްވި އެދިލެއްވުމާއި ދެކޮޅަށް، ސަރުކާރުން މިކަން ނުނިންމާނެ ކަމަށް ސަރުކާރުގެ އިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއެވެ. މިގޮތުން ޔޫއެސް އެއިޑް އިން ސަރުކާރަށް ލިބެން ހުރި އެހީތައް ހުއްޓިދާނެ ކަމުގެ ބިރު މުއިއްޒަށް އޮތް ކަމަށާއި، އެހެން ކަމުން މުއިއްޒު މަޝްވަރާ ކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް ނޭނގޭ ގޮތަށް މި ހަނގުރާމާގައި ފަލަސްތީނާއި ދެކޮޅަށް، އިޒްރޭލް-އެމެރިކާ އެދޭހެން ބައިވެރުވުން ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ އިންޒާރާއި ގުޅިގެން އިޒްރޭލް ޕާސްޕޯޓް ބޭން ކުރުންވެސް މުއިއްޒު ވަނީ ހުއްޓާލާފައެވެ. އަދި އިޒްރޭލުން ފަލަސްތީނުގައި ހިނގަމުންދަނީ ގަތުލުއާންމެއް ކަމަށް ސަރުކާރުން ބުނުމަށް ވަނީ ދެކޮޅު ހަދާފައެވެ. ބައިނަލްއަގުވާމީ ހުރިހާ މުނާސަބަތު ތަކުގައި ސަރުކާރުން ވާހަކަ ދައްކާފައިވަނީ ފަލަސްތީނުގައި ހިނގަނީ "ހަމަ ނުޖެހުމެއް" ކަމަށް ބުނެއެވެ. ފަލަސްތީނުގެ މައްސަލާގައި ކުރީ ސަރުކާރުން، ފަލަސްތީނާއި އެއްކޮޅަށް ގެންގުޅުނު ހާރިޖީ ސިޔާސަތު މިސަރުކާރުން ހުއްޓާލައި، އިޒްރޭލަށް ފައިދާވާހެން ސިޔާސަތު ބައްޓަން ކޮށްފައިވާއިރު، ރާއްޖެއިން ބޭރުގެ ޤައުމެއްގެ ބަޔަކަށް މުއިއްޒު ދެއްވި އެންމެ ފުރަތަމަ ފަރީކުޅުއްވުން އަރުވާފައިވަނީ، މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ޔޫއެސް އިން ރާއްޖެއައި ވަފްދަށެވެ. އެ ވަފްދު ރާއްޖެ އައިސްފައިވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން އިޒްރޭލާއި ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދިނުމުންނެވެ. މުއިއްޒު އިޒްރޭލަށް ފައިދާވާހެން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން މުއިއްޒާއި މެދު ރާއްޖޭގެ ގިނަ ބަޔަކު ތިބީ ހިތްހަމަ ނުޖެހިފައެވެ. ރައީސް ނަޝީދުގެ ދައުރަށްފަހު، އެމެރިކާ އެދޭހެން އިޒްރޭލާއި ގުޅުން ހުރި ކަންކަމަށް މިގޮތަށް ދޫދޭ އެއްވެސް ސަރުކާރެއް ނާދެއެވެ.