ދަރިވަރުންގެ ޓިއުޝަން ފީއަށް ހަދާ ޓީޓީ ތަކަށް ބޭނުންވާ ޑޮލަރު ދިނުމާއި، ވިޔަފާރި ތަކުން ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު ދިނުން ބޭންކް އޮފް މޯލްޑިވްސް އިން ހުއްޓާލައިފިއެވެ. މީގެ ކުރިން ބޭންކު އޮފް މޯލްޑިވްސްގެ އާންމު ކަސްޓަމަރުންނަށް %15-30 ދެމެދު އަދަދަކަށް ވިޔަފާރި މުދާ ގެނައުމަށް ހަދާ ޓީޓީ ތަކަށް ޑޮލަރު ދޫކޮށްފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ނަން ނުޖެހުމަށް ޝަރުތުކޮށް ދިޔަވަރު އަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރީ، ވިޔަފާރިތަކަށް ޑޮލަރު ދެވޭނޭ ގޮތް ނެތީ، ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ޑޮލަރު ނެގޭ ލިމިޓް މުއިއްޒު އަންގައިގެން އިތުރު ކުރުމާއި ގުޅިގެން ޑޮލަރުގެ ސަޕްލައި ކުޑަވެގެންނެވެ. މިކަމާއި ގުޅިގެން ވިޔަފާރިވެރިން ތިބީ މުއިއްޒާއި މެދު ހިތްހަމަ ނުޖެހިފައެވެ.
ކުއްލިއަކަށް ޓީޓީއަށް ޑޮލަރު ދިނުން ހުއްޓާލީ ކަސްޓަމަރުންނަށް އެކަން ކުރިޔާލައި އަންގައިގެން ނޫނެވެ. ބީއެމްއެލްގެ ކަސްޓަމަރުންނަށް މިކަން އަންގާފައި ނުވަނީ އާންމުކޮށް އަންގައިފިނަމަ، ސަރުކާރުން އެކަމާއި ހިތްހަމަ ނުޖެހިދާނެތީ ކަމަށް މައުލޫމާތު ލިބެއެވެ. ޓީޓީ ހެދުމުގައި ޑޮލަރު ނުލިބޭ މައްސަލާގައި ވިޔަފާރިވެރިން ބީއެމްއެލް އާއި ވަކި ވަކިން ގުޅުމުން ނުވަތަ އީމެއިލް ކުރުމުން، 2 ޖެނުއަރީ 2024 އިން ފެށިގެން ވިޔަފާރިތަކަށް ޑޮލަރު ދިނުން ހުއްޓާލާފައިވާކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ބޭންކުން ޑޮލަރު ދޫކުރުން ހުއްޓާލުމުން، ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓު އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ބެލެވެއެވެ. މުއިއްޒު ވެރިކަމަށް އައީ ޑޮލަރުގެ ބްލެކް މާކެޓް ހުއްޓުވާނެ ކަމަށް ބުނެއެވެ. ނަމަވެސް މިހާތަނަށް ޑޮލަރުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.
ވިޔަފާރިވެރިއަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެމުން ހާމަ ކުރެއްވި ގޮތުގައި ޑޮލަރު އަގުބޮޑުކޮށް ބްލެކް މާކެޓުން ގަނެގެން މުދާ ގަންނަން ޖެހުމުން، އިތުރަށް މުދަލުގެ އަގު ބޮޑު ވެގެން ދާނެއެވެ. އަދި ޑޮލަރުގެ މައްސަލަ ކުރިއަށް ވުރެ މި ސަރުކާރު އައުމުން މިވީ ގޯސް ކަމަށް އޭނާ ހާމަ ކުރިއެވެ.