ޚަބަރު

ރާއްޖެގެ ކަނޑުގައި ހަނގުރާމައިގެ ހަމަލާތައް ދޭން ފެށުމާއި އެކު، ރާއްޖެއަށް ދަތުރުކުރަން، މުދާ ބޯޓުފަހަރުތައް ޖެހިލުން ވާން ފަށައިފި!

ދިޔަވަރު
ރާއްޖެގެ ކަނޑުގައި ހަނގުރާމައިގެ ހަމަލާތައް ދޭން ފެށުމާއި އެކު، ރާއްޖެއަށް ދަތުރުކުރަން، މުދާ ބޯޓުފަހަރުތައް ޖެހިލުން ވާން ފަށައިފި!

ރާއްޖެއަށް މުދާ އުފުލާ ބޯޓު ފަހަރު ދަތުރު ކުރަމުންދާ މަގަށް އަމާޒުވާހެން ދެވަނަ ހަމަލާއެއް ދީފިއެވެ. މިފަހަރު ހަމަލާ ދީފައިވަނީ ރާއްޖޭގެ ހުޅަނގާއި ހުޅަނގު އުތުރުން ދަތުރު ކުރަމުން ދިޔަ އިޒްރޭލަށް ނިސްބަތްވާ ދެ ތެޔޮ ޓޭންކަރަކަށެވެ. މީޑިޔާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ޑްރޯން ބޭނުން ކޮށްގެންނެވެ.

ޖޯޑަން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ ތެޔޮ ޓޭންކަރަށް ވެސް ބޮމުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މި ދެ ތެޔޮ ޓޭންކަރު ދަތުރުކުރަން ހަމަޖެހިފައި އޮތީ ބާބް އަލް މަންދާބް ކަނޑުއޮޅި އާއި ރަތް ކަނޑުން ކަމަށް ނޫސްތަކުން މައުލޫމާތު ދެއެވެ.

ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމެންދެން ރަތް ކަނޑުގައި ހުރި އިސްރާއީލުގެ އުޅަނދުތަކަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މިދެންނެވި ދެ ތެޔޮ ޓޭންކަރަށް އަމާޒުކޮށްފައިވަނީ ބާބް އަލް މަންދާބް ކަނޑުއޮޅިން 2000 ކިލޯމީޓަރު ދުރުގައި ހުރި ޑްރޯންތަކަކުންނެވެ. މިއީ ކޮންތާކުން އައި ޑްރޯން ތަކެއް ކަމެއް ސާފު ވެފައި ނުވެއެވެ.

އިތުރު ހަމަލާއެއް ދީފާނެ ކަމަށް ބަލައި މި ދެ އުޅަނދުވެސް ވެސް މިހާރު ވަނީ ދަތުރު ކުރަމުންދިޔަ މިސްރާބު ބަދަލު ކޮށްފައެވެ.

ރާއްޖެ ކައިރީގައި ހަމަލާތައް ބަދަލު ކުރަމުން ދާއިރު ސަރުކާރުން ދަނީ ޔޫއެސް އާއި އިޒްރޭލާއި ގުޅިގެން ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލު ބޯޓުތަކަށް ހަމަލާ ދިނުމަށް އެ ކޯލިޝަނުގައި ބައިވެރިވުމަށް މަޝްވަރާކުރަމުންނެވެ. ރާއްޖެއިން މި ކޯލިޝަންގައި ބައިވެރިވެއްޖެނަމަ، ރާއްޖެއަށް މުދާ އެތެރެކުރާ ބޯޓު ފަހަރުތަކަށް ހަމަލާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެފަދަ ހަމަލާއެއް އަތުވެއްޖެ ނަމަ، ރާއްޖޭގެ ތަކެތީގެ އަގު އިތުރަށް ބޮޑުވެ، ތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. މިހާރުވެސް، ބައެއް ސަރަހައްދުން ދަތުރު ކުރާ ބައެއް ބޯޓް ފަހަރުތަކުން ބޮޑެތި އިންޝްއަރަންސް ނަގަމުންދާކަމަށް ނޫސްތަކުން މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން ދިމާވި ކޮވިޑްގެ އާލަމީ ވަބާގައި ޤައުމުތަކުގެ ދެމެދުގައި ދަތުރުފަތު ހުއްޓުމުން ރާއްޖެއަށް ކާބޯތަކެތި ފޯރުކޮށްދިނީ އަވަށްޓެރި އިންޑިޔާއިންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އިންޑިޔާއާއި އޮތް ގާތް ގުޅުން ސިޔާސީ ބޭނުމަށް ކަނޑާލާފައެވެ. އަދި ޗައިނާ އަކީ ރާއްޖެއާއި މާ ދުރުގައި އޮތް ޤައުމެއް ކަމުން މިފަދަ ހާލަތެއްގައި ޗައިނާއަށް ވެދެވޭނެ އެއްވެސް އެހީއެއް ނޯންނާނެއެވެ.

ރާއްޖެއާއި ކައިރިން މި ހަމަލާ ދީފައިވާއިރު، ސަރުކާރުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ހާމަ ކޮށްފައި ނުވެއެވެ.