މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެނޑިޑޭޓުންނަށް ޢަމާޒުކޮށް ޕީއެސްއެމުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސްގެ ސުވާލުތައް, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ފޯރުކޮށް ދީފައިވަނީ ސީދާ ރައީސް މުއިއްޒުގެ އެންގުމަށް ކަމަށް ޕީއެސްއެމްގެ އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން, ޕީއެސްއެމްގެ އޮފިޝަލަލު ކިޔައިދިން ގޮތުގައި, ޕީއެސްއެމްގެ ބަހުސްގައި ކުރުމަށް ހަމަޖެހިފައިވާ ސުވާލުތައް ސަރުކާރު ކެނޑިޑޭޓަށް ކުރިން ފޯރުކޮށްދީފައިވަނީ ޕީއެސްއެމްގެ އެމްޑީ ޒިނާ ޒާހިރުއަށް ސީދާ ރައީސް މުއިއްޒު ގުޅުއްވާ އަންގަވައިގެން ކަމުގައެވެ. އަދި ޕީއެސްއެމްގެ ނިއުސް ހެޑްއަށް ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްވެސް ގުޅުއްވާ އެންގި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްއަކީ ރައީސް މުއިއްޒުގެ ކޮމިއުނިކޭޝަން ސްޓްރަޓެޖީ އެކުލަވާލުމަށް ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާއެވެ. އާންމުކޮށް ޚަލީލް ތަންފީޒު ކުރައްވަނީވެސް ސީދާ ރައީސް މުއިއްޒުގެ އަމުރުފުޅުތަކެވެ.
ސުވާލުތައް އާޒިމާއަށް ދިނުމާއި ގުޅިގެން, މިރޭގެ ބަހުސްގައި ބައިވެރި ނުވުމަށް ބައެއް ކެނޑިޑޭޓުން ވިސްނި ނަމަވެސް, ކެނޑިޑޭޓުން ނިންމާފައިވާ ގޮތް އަދި ސާފުވެފައެއް ނުވެއެވެ.
މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ މޭޔަރު އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ 5 ކެނޑިޑޭޓުންނެވެ.
މޭޔަރު އިންތިޚާބުގައި ވާދަކުރައްވަނީ ފަސް ކެނޑިޑޭޓުންނަކީ:
– އައިޝަތު ޢާޒިމާ ޝަކޫރު/ ޕީއެންސީ
– އާދަމް ޢާޒިމް/ އެމްޑީޕީ
– ސައިފް ފާތިހު/ ދަ ޑިމޮކްރެޓްސް
– ޙުސައިން ވަހީދު/ އަމިއްލަ ގޮތުން
– ޝުޢައިބު ޢަލީ/ ޢަމިއްލަ ގޮތުން
ޕީއެސްއެމް މޭޔަރ ބަހުސްގެ ސުވާލުތައް ސަރުކާރު ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ފޯރުކޮށްދީފައިވާއިރު, މި އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމްވަނީ ސަންގު ޓީވީގެ ބަހުސްގައި ބައިވެރި ނުވެފައެވެ.
އާދަމް އާޒިމް ވިދާޅުވެފައިވަނީ ސަންގު ޓިވީއިން އިންތިޒާމްކޮށްގެން ބޭއްވި ބަހުސްގައި އޭނާ ބައިވެރި ނުވެފައިވަނީ މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އޭނާ އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމުން ކަމުގައެވެ.
ޕީއެސްއެމްއިން ސަރުކާރު ކެނޑިޑޭޓަށް ބަހުސްގެ ސުވާލުތައް ދުރާލާ ފޯރުކޮށްދީފައިވާކަަމަށް އެކުންފުނީގެ މުވައްޒަފަހު ދިން މައުލޫމާތާއި ގުޅިގެން ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިަރަށް ގުޅާލުމުން އޭނާ ފޯނު ނުނަންގަވާތީ އިތުރު މައުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ.