ޚަބަރު

މާލިއްޔަތު ޤަވާއިދާއި ހިލާފާށް ވަކި ނޫސްވެރިންތަކަކަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން މުއިއްޒުގެ ޗައިނާގެ ދަތުރުގައި ބައިވެރިކޮށްފި

ދިޔަވަރު
މާލިއްޔަތު ޤަވާއިދާއި ހިލާފާށް ވަކި ނޫސްވެރިންތަކަކަށް 1.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން މުއިއްޒުގެ ޗައިނާގެ ދަތުރުގައި ބައިވެރިކޮށްފި

މާލިއްޔަތު ޤަވާއިދާއި ހިލާފާށް ވަކި ނޫސްވެރިންތަކަކަށް 1.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުގައި އެ ނޫސްވެރިން ބައިވެރިކޮށްފިއެވެ. މި ގޮތުން ބައިވެރި ކޮށްފައިވަނީ މިހާރު ނިވްސް އާއި، ސަންގު ނިވްސް އާއި، ވަގުތު އޮންލައިން އާއި، ދިޔަރެސް ނޫހުގެ ނޫސްވެރިންނެވެ. މި ގޮތުން ދިޔަރެސް ނޫހުން، އަޒާން އާއި، އަހްމަދު އިބްރާހީމް (ޕޮކަންޑި) މިދަތުރުގައި ބައިވެރިވެއެވެ.

ސަރުކާރަށް ވަކި ނޫސްވެރިންތަކެއް ތަފާތު ކޮށްގެން ގެންދާތީ، ރާއްޖޭގެ ގިނަ ނޫސްވެރިން ތިބީ އެކަމާއި ހިތްހަމަ ނުޖެހިފައެވެ، އެފަދަ ބޮޑު ހަރަދެއް ކޮށްގެން ނޫސްވެރިން ގެންދަން ޖެހޭ ސަބަބެއްވެސް ނެތެވެ. މީގެ ކުރިން ރާއްޖެގެ އެހެން ވެރިންނެއް ބޭރަށް ދަތުރު ކުރައްވާއިރު، މިގޮތަށް ޤައުމުގެ މާލިއްޔަތުން ބުރަވާހެން، ނޫސްވެރިން ނުގެންދެއެވެ. ރައީސް އޮފީހުގެ މީޑިޔާ ޓީމުން ނަގާ ފޮޓޯ އާއި، ދޭ ޚަބަރާއި މައުލޫމާތު ހުރިހާ ނޫސްވެރިންނަށް ފޯރު ކޮށްދިނުމުން އެކަން ފުދެއެވެ.

މިއީ ބޭރު ޤައުމުތަކުގެ ވެރިންވެސް ކުރާ ކަމެއް ނޫނެވެ. ނޫސްތަކުން ދާނަމަ ދަނީ އެ ނޫހެއްގެ އަމިއްލަ ހަރަދުގައެވެ.

މުއިއްޒު ވެރިކަމަށް އައުމަށް ޓަކައި، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމަށް ބުނެ ނޫސްތައް ގަނެލާފައިވާކަމަށް ބުނެ ފާޑު ކިޔުމަށް ފަހު، ކެބިނެޓަށް ވެއްދީ ނޫހެކެވެ. އަދި މީގެ އިތުރުން ނޫސްތަކުގައި ތިބި އިސް ފަރާތްތަކަށް ސަރުކާރުގެ މަތީ މަޤާމުތައްވެސް މުއިއްޒު ވަނީ ދީފައެވެ.

ނޫސްވެރިންގެ މެދުގައި މިފަދަ ތަފާތު ކުރުންތައް ގިނަކޮށް، ވަކި ބަޔަކު ގެންގޮސް، ވަކި ބަޔަކު ނެގެންދިޔުމަކީ ސަރުކާރަށް ތާޢީދު ނުކުރާ ނޫސްތަކަށް އަދަބު ދިނުމުގެ ގޮތުން މުއިއްޒު ކުރާ ކަމެއް ކަމަށް ބައެއް ނޫސްވެރިން ދިޔަވަރު އަށް ސިފަކޮށް ދީފައިވެއެވެ. ގިނަ ނޫސްތަކަށް ދައުވަތު ދީފައި ނުވާއިރު، ދިޔަވަރު ނޫހަށް ވެސް މުއިއްޒުގެ ފަރާތުން ޗައިނާއަށް ދިޔުމަށް ދައުވަތު ލިބިފައި ނުވެއެވެ.