އިންޑިއާގެ ލަކްޝަދީބު ޕްރޮމޯޓު ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ކުރެއްވި ވީޑިއޯއަކަށް ފާޑުކިޔާ, ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް އޮފިޝަލުން އިންޑިއާއާއި ދިމާކޮށް, އިންޒާރުދީ ހުތުރު ބަހުން އެގައުމަށް ފާޑުކިއުން އަމާޒުކުރަން ފެށުމާއި ގުޅިގެން މުއިއްޒު ވެރިކަމުން ދުރުކުރާނެ ކަމުގެ އިންޒާރު އިންޑިއާގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުން ދީފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރި ވީޑިއޯއަށް ފާޑުކިޔާ, އިންޑިއާއަށް އެންމެ ފާޅުކަންބޮޑު ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައި އެގައުމަށް އިންޒާރު ދިނުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ, ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި މުއިއްޒުގެ ތަރުޖަމާނެއްގެ މަގާމުގައި ހުންނެވި, ސްޕޯޓްސް މިނިސްޓަރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާއެވެ. އޭގެ އިތުރުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގައި ހުންނެވި މަލްޝާ ޝަރީފްވެސް ވަނީ އިންޑިއާއަށް އިންޒާރުދީ, އެގައުމުގެ ވެރީންނަށް ރައްދުވާގޮތަށް ހުތުރު ބަހުން ރައްދުދީ ހަދާފައެވެ. އޭނާއަކީވެސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ސިޓީކައުންސިލްގައި މަސައްކަތް ކުރި މުވައްޒަފެކެވެ.
ޝިއުނާއަކީ ރައީސް ސާލިހުގެ ވެރިކަމުގައި ރައީސް ސާލިހަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އޭރުގެ ޓުވިޓަރއިން އެނާގެ ޓުވިޓަރ ހޭންޑްލް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވާ ފަރާތެކެވެ. އޭނާ މިހާރު ގެންގުޅެމުން އަންނަނީ އާ އެކްސް ހޭންޑްލްއެކެވެ.
ޝިއުނާގެ އެކްސް ޕޯސްޓުތަކުގައި އޭނާވަނީ އިންޑިއާއަށް އިންޒާރުދީ, އެގައުމުގެ ބޮޑުވަޒީރަށް ވަރަށް ހުތުރު ބަހުރުވައިން ރައްދު ދީ ހަދާފައެވެ.

ސަރުކާރު ތަމްސީލުކުރާ އިސް މަގާމްތަކުގައި ތިބި ބައެއް ފަރާތްތަކުން އިންޑިއާ ސަރުކާރުގެ ވެރިންނާއި ދިމާކޮށް, އިންޒާރު ދެމުން ދިއުމާއި ގުޅިގެން, އިންޑިއާގެ ނޫސްވެރިންނާއި އަދި ސިޔާސީ އިސް ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ, އެއީ ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން, ސަރުކާރުން އިންޑިއާއި ދެކޮޅަށް ގެންގުޅެމުން އަންނަ ސިޔާސަތުގެ ދަށުން ހިންގި "އިންޑިއާ އައުޓު" ފަދަ, އިންޑިއާއި ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ހަރަކާތެއް ކަމުގައެވެ.
އެއާއެކު ސޯޝަލް މީޑިއާގައި އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ވެރިކަމުން ދުރު ކުރާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެފަރާތްތަކުން ވަނީ މިއަދުން ފެށިގެން ދުވަސްތައް ގުނަން ފެށުމަށްވެސް ބުނެ, އިންޒާރު ދީފައެވެ.
އިންޑިއާއި ދެކޮޅު ސިޔާސަތެއް ނުގެންގުޅުއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް އެމަނިކުފާނުގެ އަމަލާ ބަހާ ދިމާނުވާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި އިންޑިއާއަށް އިންޒާރުދީ, އިންޑިއާއިމެދު ނަފްރަތު އުފެއްދުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ގެންދަނީ ފާޅުގައި ކުރަމުންނެވެ.