ޚަބަރު

މުއިއްޒުގެ ޗައިނާ ދަތުރު: ބޮޑު ޚަރަދެއް ކޮށްގެން އިސްކަން ދެނީ އަމިއްލަފުޅު ޕީއާރަށް, ކަމާ ނުގުޅޭ އެތައް ބަޔަކު އަރިހުގަ ގެންދަވާ

ދިޔަވަރު
މުއިއްޒުގެ ޗައިނާ ދަތުރު: ބޮޑު ޚަރަދެއް ކޮށްގެން އިސްކަން ދެނީ އަމިއްލަފުޅު ޕީއާރަށް, ކަމާ ނުގުޅޭ އެތައް ބަޔަކު އަރިހުގަ ގެންދަވާ

މާލިއްޔަތު ޤަވާއިދާއި ހިލާފާށް ވަކި ނޫސްވެރިންތަކަކަށް 1.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަމިއްލަފުޅު ޕީއާރަށްކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ, ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި, 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން, ސަރުކާރަށް ތާއީދުކުރާ 4 މީޑިއާއެއް އެކަނި ގެންދަވާއިރު, އޭގެ އިތުރުންވެސް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގޮތުގައި މުއިއްޒުއަށް ސަނާކިޔާ ވަކިވަކި ފަރުދުންވެސް ގެންދަވާކަން ހާމަވުމާއެކު އެވެ.

މި ގޮތުން މުއިއްޒުގެ ޗައިނާ ދަތުރުގައި ބައިވެރި ކޮށްފައިވަނީ މިހާރު ނިވްސް އާއި، ސަންގު ނިވްސް އާއި، ވަގުތު އޮންލައިން އާއި، ދިޔަރެސް ނޫހުގެ ނޫސްވެރިންނެވެ. ދިޔަވަރު ނޫހުގެ ނޫސްވެރިންގެ ގޮތުގައި މުއިއްޒުއާއެކީ ދަތުރު ކުރާގޮތަށް ހަމަޖެހިފައިވަނީ، ސޯޝަލް މީޑިއާގައި މުއިއްޒުއަށް ސަނާ ކިޔާ ދެ އެކްޓިވިސްޓުން ކަމަށްވާ އަޒާން އާއި، އަހްމަދު އިބްރާހީމް (ޕޮކަންޑި)އެވެ.

މި ދެބޭފުޅުންނަކީ ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި, ސޯޝަލް މީޑިއާގައި މުއިއްޒުއަށް ސަނާކިޔާ, އަދި ރައީސް މުއިއްޒުއާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ފަރާތްތަކުގެ އަބުރު ކަތިލާ, އެފަރާތްތަކަށް މައްލަވަ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ.

ސަރުކާރަށް ވަކި ނޫސްވެރިންތަކެއް ތަފާތު ކޮށްގެން ގެންދާތީ، ރާއްޖޭގެ ގިނަ ނޫސްވެރިން ތިބީ އެކަމާއި ހިތްހަމަ ނުޖެހިފައެވެ، އެފަދަ ބޮޑު ހަރަދެއް ކޮށްގެން ވަކި ނޫސްތަކަަކަށް އިސްކަން ދީގެން, ބައެއް ނޫސްވެރިން މުއިއްޒު ދަތުރުގައި ބައިވެރިކުރާއިރު, މީގެ ކުރިން ރާއްޖޭގެ ކުރީގެ ވެރިން ބޭރަށް ދަތުރު ކުރައްވާއިރު، މިގޮތަށް ޤައުމުގެ މާލިއްޔަތުން ބުރަ ބޮޑުވާގޮތަށް، ނޫސްވެރިން ގެންދަވާފައެއް ނުވެއެވެ. ރައީސް އޮފީހުގެ މީޑިޔާ ޓީމުން ނަގާ ފޮޓޯ އާއި، ދޭ ޚަބަރާއި މައުލޫމާތު ހުރިހާ ނޫސްވެރިންނަށް ފޯރު ކޮށްދިނުމުން އެކަން ފުދެއެވެ.

މިއީ ބޭރު ޤައުމުތަކުގެ ވެރިންވެސް އަމަލު ކުރައްވާ އުސޫލެއް ނޫނެވެ. ނޫސްތަކުން ދާނަމަ ނޫސްވެރިން ދަތުރު ކުރާގޮތަށް ހަމަޖެހިފައި އޮންނަނީ އެ ނޫހެއްގެ އަމިއްލަ ހަރަދުގައެވެ.

ނޫސްވެރިންގެ މެދުގައި މިފަދަ ތަފާތު ކުރުންތައް ގެންގުޅެ، ސަރުކާރު ދަތުރުތަކުގައި ވަކި ބަޔަކަށް ފުރުސަތުދީ، ވަކި ބަޔަކު ބާކީ ކުރުމަކީ ސަރުކާރަށް ތާޢީދު ނުކުރާ ނޫސްތަކަށް އަދަބު ދިނުމުގެ ގޮތުން މުއިއްޒު ކުރާ ކަމެއް ކަމަށް ބައެއް ނޫސްވެރިން ދިޔަވަރު އަށް ސިފަކޮށް ދީފައިވެއެވެ. ގިނަ ނޫސްތަކަށް ދައުވަތު ދީފައި ނުވާއިރު، ދިޔަވަރު ނޫހަށް ވެސް މުއިއްޒުގެ ފަރާތުން ޗައިނާއަށް ދިޔުމަށް ދައުވަތު ލިބިފައި ނުވެއެވެ.