ޚަބަރު

ރިޕޯޓު: މުއިއްޒުގެ ޗައިނާ ދަތުރު: އަމިއްލަފުޅު ޕީއާރަށް އިސްކަންދީ, ޖާގަ ދިނީ ވަކި މީޑިއަތަކަކަށް އެކަނި, ހަމަހަމަ ކަމާއި އިންސާފު ކޮބާ?

ދިޔަވަރު
ރިޕޯޓު: މުއިއްޒުގެ ޗައިނާ ދަތުރު: އަމިއްލަފުޅު ޕީއާރަށް އިސްކަންދީ, ޖާގަ ދިނީ ވަކި މީޑިއަތަކަކަށް އެކަނި, ހަމަހަމަ ކަމާއި އިންސާފު ކޮބާ?

މާލިއްޔަތު ޤަވާއިދާއި ހިލާފާށް ވަކި ނޫސްވެރިންތަކަކަށް 1.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުގައި ވަކި މީޑިއާތަކަކަށް އެކަނި ފުރުސަތު ދީގެން, މުއިއްޒު ބޭނުންވާ ވަކި ޖާނަލިސްޓުން ކޮޅަކަށް އެކަނި ދައުވަތު ދިނުމުން, ސަރުކާރަށް ނޫސްވެރިންގެ ފާޑުކިއުން ރައީސް މުއިއްޒުއަށް އަމާޒު ވެއްޖެއެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބައިވެރި ކުރަނީ ސަރުކާރަށް ތާއީދުކުރާ 4 މީޑިއާއެއް އެކަންޏެވެ. އޭގެ އިތުރުންވެސް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ގޮތުގައި މުއިއްޒުއަށް ސަނާކިޔާ ވަކިވަކި ފަރުދުންވެސް މިދަތުރުފުޅުގައި އަރިހުގައި ގެންދަވައެވެ.

މި ގޮތުން މުއިއްޒުގެ ޗައިނާ ދަތުރުގައި ބައިވެރި ކޮށްފައިވަނީ މިހާރު ނިއުސް އާއި، ސަންގު ނިއުސް އާއި، ވަގުތު އޮންލައިން އާއި، ދިޔަރެސް ނޫހުގެ ނޫސްވެރިންނެވެ. ދިޔަވަރު ނޫހުގެ ނޫސްވެރިންގެ ގޮތުގައި މުއިއްޒުއާއެކީ ދަތުރު ކުރާގޮތަށް ހަމަޖެހިފައިވަނީ، ސޯޝަލް މީޑިއާގައި މުއިއްޒުއަށް ސަނާ ކިޔާ ދެ އެކްޓިވިސްޓުން ކަމަށްވާ އަޒާން އާއި، އަހްމަދު އިބްރާހީމް (ޕޮކަންޑި)އެވެ.

މި ދެބޭފުޅުންނަކީ ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި, ސޯޝަލް މީޑިއާގައި މުއިއްޒުއަށް ސަނާކިޔާ, އަދި ރައީސް މުއިއްޒުއާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ފަރާތްތަކުގެ އަބުރު ކަތިލާ, އެފަރާތްތަކަށް މައްލަވަ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ.

މުއިއްޒުއަށް ސަނާކިޔާ 4 މީޑިއާއެއް އަކަނި މިދަތުރުފުޅުގައި ބައިވެރިކުރާއިރު, މި މީޑިއާތަކުގެ ހުރިހާ ޚަރަދަކަށް ރައީސް އޮފީހުގެ ބަޖެޓުން 1.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައެވެ. އެއީ 4 މީޑިއާއިން ބައިވެރިވާ ޖާނަލިސްޓުންގެ ޓިކެޓާއި ފުޑް އެންޑް އެކަމަޑޭޝަންގެ އިތުރުން, ރައީސް މުއިއްޒު ޕްރޮމޯޓު ކޮށްދިނުމަށް ޗައިނާގައި އެ މީޑިއާތަކުން ހަދާ ޑޮކިއުމެންޓްރީތަކަށް ހިނގާ ޚަރަދުތައްވެސް ހިމެނޭގޮތުންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރަށް ވަކި ނޫސްވެރިންތަކެއް ތަފާތު ކޮށްގެން ގެންދާތީ، ރާއްޖޭގެ ގިނަ ނޫސްވެރިން ތިބީ އެކަމާއި ހިތްހަމަ ނުޖެހިފައެވެ. އަދި މިއީ ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިހާރުވުމަށް, ދައުލަތުގެ ބަޖެޓުން ހިންގާ ބޮޑު ކޮރަޕްޝަނެއްގެ ގޮތުގައިވެސް ބައެއް މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ.

އެފަދަ ބޮޑު ހަރަދެއް ކޮށްގެން ވަކި ނޫސްތަކަަކަށް އިސްކަން ދީގެން, ބައެއް ނޫސްވެރިން މުއިއްޒު ދަތުރުގައި ބައިވެރިކުރާއިރު, މީގެ ކުރިން ރާއްޖޭގެ ކުރީގެ ވެރިން ބޭރަށް ދަތުރު ކުރައްވާއިރު، މިގޮތަށް ޤައުމުގެ މާލިއްޔަތުން ބުރަ ބޮޑުވާގޮތަށް، ނޫސްވެރިން ގެންދަވާފައެއް ނުވެއެވެ. ރައީސް އޮފީހުގެ މީޑިޔާ ޓީމުން ނަގާ ފޮޓޯ އާއި، ދޭ ޚަބަރާއި މައުލޫމާތު ހުރިހާ ނޫސްވެރިންނަށް ފޯރު ކޮށްދިނުމުން އެކަން ފުދެއެވެ.

މިއީ ބޭރު ޤައުމުތަކުގެ ވެރިންވެސް އަމަލު ކުރައްވާ އުސޫލެއް ނޫނެވެ. ނޫސްތަކުން ދާނަމަ ނޫސްވެރިން ދަތުރު ކުރާގޮތަށް ހަމަޖެހިފައި އޮންނަނީ އެ ނޫހެއްގެ އަމިއްލަ ހަރަދުގައެވެ.

ނޫސްވެރިންގެ މެދުގައި މިފަދަ ތަފާތު ކުރުންތައް ގެންގުޅެ، ސަރުކާރު ދަތުރުތަކުގައި ވަކި ބަޔަކަށް ފުރުސަތުދީ، ވަކި ބަޔަކު ބާކީ ކުރުމަކީ ސަރުކާރަށް ތާޢީދު ނުކުރާ ނޫސްތަކަށް އަދަބު ދިނުމުގެ ގޮތުން މުއިއްޒު ކުރާ ކަމެއް ކަމަށް ބައެއް ނޫސްވެރިން ދިޔަވަރު އަށް ސިފަކޮށް ދީފައިވެއެވެ. ގިނަ ނޫސްތަކަށް ދައުވަތު ދީފައި ނުވާއިރު، ދިޔަވަރު ނޫހަށް ވެސް މުއިއްޒުގެ ފަރާތުން ޗައިނާއަށް ދިޔުމަށް ދައުވަތު ލިބިފައި ނުވެއެވެ.