ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަށް ބަދަލުވި މުވައްޒަފުންގެ މުސާރަ އެގޮތުގައި އޮންނާނީ އެއް އަހަރަށް ކަމަށް ބުނެ ޓްވީޓް ކުރެއްވުމަށް ފަހު، އެވާހަކަ ދިޔަވަރު.ކޮމް އިން އާންމުންގެ ސަމާލު ކަމަށް ގެނައުމުން، މުސާރައަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވާ ކަމުގައި އެމަނިކުފާނު މިހާރު ވިދާޅު ވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށް، އެ ހިދުމަތުގައި ހިމެނޭ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމި ނިންމުމާ އެކު ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
ކުރިން ނިންމީ އެއް އަހަރު ދުވަހަށް މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށް ނަމަވެސް، އޭގެ ފަހުންވެސް އާބަންކޯއިން ކައުންސިލަށް ބަދަލުވާ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިއީ މުއިއްޒަށް ނިންމެވޭނެ ކަމެއް ނޫނެވެ. މިކަން އޮންނާނީ މާލޭ ސީޓި ކައުންސިލަރުގެ އަތް މަތީގައެވެ. އަމިއްލަ ބާރެއް ނޯންނަ ކަމެއްގައި، ރައްޔިތުންނަށް ދޮގު ވައުދު ވުމަކީ ދެރަވަރު ކަންކަމެވެ. އާޒިމާ ޝުކޫރަކީ މުއައްޒަފުންނާއި މެދު ނުބައި، އެއްވެސް ރަހުމެއް ނެތް މީހެއް ކަމުން، އާޒިމާ ޝުކޫރު މާލޭ ސިޓީ ކައުންސިލަށް އައްޔަން ކުރާ ހިސާބުން، އާބަންކޯއިން ބޭރުކޮށް ސިޓީ ކައުންސިލަށް ގެންނަ ގިނަބަޔަކު މުސާރަ އުނި ކުރާނެ ކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ބައެއް ފަރާތްތައް ވަޒީފާއިން ވަކި ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.