އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑުކޮށްފި އެވެ.
ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިއިރު، އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެ މައްސަލަގަނޑު އުފެދުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ޕޯސްޓެއް ކުރުމުން އެކަމާ ދެކޮޅަށް، މިއަދު ސަސްޕެންޑު ކުރި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.
ރާއްޖޭގެ ޓުއަރިޒަމަށް ލިބުނު ގެއްލުމާއި އަޅާ ބަލާއިރު އެޅުއްވި ފިޔަވަޅަކީ ވަރަށް ޒިންމާދާރުކަން ކުޑަ ފިޔަވަޅެކެވެ. ރާއްޖޭގެ އިޤްތިޞާދަށް މިމީހުންގެ ސަބަބުން އެތައް މިލިއަނެއް ގެއްލުން ވާއިރު، ދެ ޤައުމުގެ ގުޅުން ހީނަރުވެފައިވާ މިންވަރުން ކުރިއަށް އޮތް 5 އަހަރު އަރާނުގަނެވޭނެއެވެ. މިއީ ޑިޕްލޮމެޓިކް އަދި އިޤްތިޞާދީ މަރުދަން ޖެހުމެކެވެ.
ރާއްޖެއަށް އައުމުގެ ބަދަލުގައި ލަކްޝަދީޕު ހިޔާރު ކުރުމަށް ގޮވާލައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރަދާ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ޕޯސްޓެއް ކޮށްފަ އެވެ.
އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
"މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.