ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މަގާމުތަކަށް އައްޔަނުކުރައްވާފައިވާ ބައެއް ސީނިއާ އޮފިޝަލުން އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުމާއި ގުޅިގެން ނެރުނި ބަޔާނަކީ ޒިންމާދާރުކަން ކުޑަ ބަޔާނެކެވެ. ކުޑަމިނުން އިންޑިޔާގެ ނަންވެސް މި ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.
މިފަދަ ބަޔާނެއްގެ ބޭނުމަކީ ޒިންމާ ނެގުން ކަމުގައި ވާއިރު، އެއްވެސް ޒިންމާއެއް މިކަމުގައި ނަގާފައި ނުވާތާގައި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެމީހުންގެ އަމިއްލަ އޮފިޝަލް އެކައުންޓު ތަކުން ކޮށްފައިވާ ޓްވީޓް ތަކަކީ، ސަރުކާރާއި ގުޅުމެއް ނެތް އެއްޗެއް ކަމަށް ދައްކައި، މި މައްސަލައިން ސަރުކާރު މަސައްކަތް ކޮށްފައި މިވަނީ ބޯދަމާލައި މައްސަލަ އާއި ވީހާވެސް ދުރުވެގަތުމަށެވެ.
ބަޔާނުގައި އެމީހުންނާއި (ޑެޕިއުޓީ މިނިސްޓަރުން ޝިއުނާ، މަލްޝާ އަދި މަހުޒޫމް އާއި، ޕާޓީގެ އިސް އެކްޓިވިސްޓުންނާއި އަދިވެސް އެހެނިހެން މަގާމުތަކުގައި ތިބި ފަރާތްތަކުން އެމީހުންގެ އަމަލުތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ތަފްސީލް ކޮށްފައި ނުވުމުން ދޭހަވަނީ މާ ބޮޑު ފިޔަވަޅެއް އެޅުމުގެ ޝައުގެއް ސަރުކާރުގައި ނެތްކަމެވެ.
އަދި މި ބަޔާނުގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަށް މިކަމުގެ ސަބަބުން، ގޯސް ވެފައިވާ މިންވަރަށް ބަލައި، އެކަމުގެ މައްޗަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ނުވުމަކީ، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ސުލްހަވެރި އެކުވެރި ގުޅުން ހީނަރުވުމުގައި ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު ކުރި ނޭދެވޭ އަމަލާއި މެދު ސަރުކާރުގެ މާ ބޮޑު މައްސަލައެއް ނެތްކަން ހާމަވުމެވެ.
ސޯޝަލް މީޑިޔާގައި ހިނގަމުންދާ މި ހަމަނުޖެހުމައި ބައިވެރި ނުވުމަށް ސަރުކާރާއި، ސަރުކާރުގެ ޕާޓީގެ ފަރާތްތަކަށް ގޮވާލާފައި ނުވެއެވެ.
މިކަމުން އަރާގަނެ ދެޤައުމުގެ ދެމެދު އޮތް ބައިލެޓްރަލް ގުޅުން އަލުން އާލާކޮށް، އެގުޅުން ހަރުދަނާ ކުރަން ބޭނުންވާ ވާހަކަ އެއްވެސް މި ބަޔާނުގައި ނުވެއެވެ. އަދި އެފަދަ ކަމަކަށް އިސްނަގާފައި ނުވުމަކީ މި ބަޔާނަކީ ނަމަކަށް ނެރުނު އެއްވެސް ޒިންމާދާރު ކަމެއް ނެތް ބަޔާނެއް ކަން ދައްކުވައިދޭ ކަމެކެވެ.
ބަޔާނުގައިވަނީ ބޭރުގެ އިއްޒަތްތެރިންނާއި މެދު އިހާނެތިކޮށް ވާހަކަތަކެއް ސަރުކާރުގެ އިސްފަރާތްތަކުން ދައްކާފައިވާކަން ސަރުކާރުން ދެނަހުރި ކަމަށެވެ. ސަރުކާރަށް މިކަން އެނގެންވީ 2 ދުވަސް ފަހުން ތޯއެވެ؟ ސަރުކާރުގެ އިސްވެރިންނާއި، ޕާޓީގެ އެތައް ބައެއް ކުރީ އެއް ޓުވީޓެއް ދެ ޓުވީޓެއް ނޫނެވެ. މިނިސްޓަރުންނާއި، މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުން ގެންގުޅުއްވާ ފޭކް އެކައުންޓްތަކުންވެސް ޓްވީޓް ކޮށްފައިވާ އިރު، ބޭރު ޤައުމެއްގެ ވެރިއަކަށް މަލާމާތުގެ ބަސް ރައްދުކޮށް ހެދި އިރު އެކަން ހުއްޓާ ނުލާއި މިއަދާއި ހަމައަށް ޕީޕީއެމް އެކްޓިވިސްޓުން ގެންދިޔައީ ކީއްވެތޯއެވެ؟
ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިޔާއިން ކަމަށްވެފައި، ރާއްޖޭގައި އޮތް އެންމެ ބޮޑު އިންޑަސްޓްރީ އަކީ ފަތުރުވެރިކަން ކަމަށް ވާއިރު، މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ފަތުރުވެރިކަމަށް ލިބޭއިރު، އަދި މުޅި އިޤްތިޞާދަށް އޭގެ ދެރަ އަސަރު ކުރާއިރު، ބަޔާނުގައި އެކަން ފާހަގަ ކޮށްފައި ނުވެއެވެ. އަދި މި ބަޔާނުގައި އިންޑިޔާގެ ފަތުރުވެރިން ރާއްޖެއަށް ބޭނުންވާކަމަށް ބަޔާން ކޮށްފައި ނުވަނީ، ސަރުކާރުން އިންޑިޔާގެ ފަތުރުވެރިން ރާއްޖެ އަންނަން ބޭނުން ނުވާތީ ތޯއެވެ؟
މުއިއްޒާއި އިންތިހާއަށް އަރިސް، މުއިއްޒުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މުއިއްޒު ރުއްސަން އިންޑިޔާއަށް އެއްޗެހި ކިޔުމުން، ސަރުކާރުން އެކަމަށް މާފަށް އެދެން ޖެހޭނެއެވެ. މިކަމުގައި އޮތް ޑިޕްލޮމެޓިކް ހައްލަކީ އެއީ އެވެ. ޑެޕިއުޓީ މިނިސްޓަރުން ދެއްކެވި އިހާނެތި ވާހަކަތަކަށް އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ރައްޔިތުންގެ ކިބައިން ސީދާ މައާފަށް އެދެންވާނެއެވެ. މައާފަށް އެދުމަކީ އިޚްލާޞްތެރިކަމާއި ދެޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރަން ބޭނުންވާކަން ދައްކުވައިދޭ ކަމެކެވެ.
މިއީ މިފަދަ ބަޔާނެއްގައި ކޮންމެހެން ހުންނަން ޖެހޭ ކަންކަމެވެ. މިވަރު ނުވާނަމަ ބަޔާން ނުނެރޭނީއެވެ. 4 މިލިއަން ޑޮލަރު މުއިއްޒުގެ އިންތިހާބަށް ޚަރަދުކޮށްގެން ފޮރިންގ މިނިސްޓަރުކަން ގަނެލައިގެން ޒަމީރު ފޮރިން މިނިސްޓަރުކަމަށް އަޔަސް، އަދި ޚާރިޖީ ދުނިޔެއަށް ތަސައްރަފު ފުދުނު ކަމަކަށް ނުވާނެއެވެ. އިސްތިއުފާ ދެއްވާށެވެ.