ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން މުހައްމަދު (ހަސަންޓެ) ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވަނީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ދައުރުއްސުރެ ހަސަންޓޭ ހޯއްދަވަން މަސައްކަތް ކުރެއްވި ރަށެއް އޭނާއަށް ދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވުމާއި ގުޅިގެންކަން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ހަސަންޓޭ ޕީއެންސީއާއި ގުޅިވަޑައިގަތުމަށް ރައީސް މުއިއްޒުއާއެކު ހެއްދެވި ޑީލްގެ ފުރިހަމަ މައުލޫމާތު އެގިހުރި ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި ހަސަންޓޭއަށް ރަށް ހަމަޖައްސާ ދިނުމުގެ އިތުރުން, 5 ލައްކަ ރުފިޔާވެސް ރައީސް މުއިއްޒުވަނީ ޕީއެންސީއަށް ސޮއިކުރުމުގެ ބަދަލެއްގެ ގޮތުގައި ހަސަންޓޭއަށް ދެއްވާފައެވެ.
ހަސަންޓޭއަށް ހަމަޖައްސާ ދިނުމަށް އެއްބަސްވި ރަށް
މެމްބަރު ހަސަންޓޭ ޕީއެންސީއަށް ސޮއި ކޮށްފައިވަނީ ރ. ދޮރަގަލި ނަމަކަށް ކިޔާ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ގްލޯބަލް އީޝަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އަށް ދޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިގެންނެވެ.
ގްލޯބަލް އީޝަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ކޮށްފައިވަނީ ހަސަން އަހުމަދު (ހަސަންޓޭ)ގެ އިތުރުން އަޒުމީނާ އަބުދުލް ކަރީމް (ހަސަންޓޭގެ އަނބިކަނބަލުން) ގެ ނަމުގައި 2011 ވަނަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ. އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރއަކީ ހަސަންޓޭއެވެ.

ރ. ދޮރަގަލިއަކީ އެންމެ ފުރަތަމަ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު, އޭރު ރިސޯޓު ތަރައްގީ ކުރުމަށް ސީއެސްއާރު ޕްރޮޖެކްޓުތަކަށް ރަށްތައް ދޫކުރުމަށް ގެންގުޅެމުން އައި ސިޔާސަތުގެ ދަށުން ގްލޯބަލް އީޝަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރުމަށް ނިންމި ރަށެކެވެ.
އަދި އޭރު އެކުންފުނިން ހުށަހެޅި ޕްރޮޕޯސަލް ނަޝީދުގެ ސަރުކާރުން ބަލައިގެންފައި (އެކްސެޕްޓް ކޮށްފައި)ވި ނަމަވެސް, 2012 ވަނަ އަހަރު ވެރިކަން ބަދަލުވިއިރު އެރަށް ހަސަންޓޭގެ ކުންފުންޏަށް (ގްލޯބަލް އީޝަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް) އެވާޑް ކޮށްފައެއް ނުވެއެވެ. ވެރިކަން ބަދަލުވިއިރު ސީއެސްއާރު އެގްރީމަންޓުގައި އޮތީ ސޮއި ނުކޮށެވެ.
އެއަށްފަހު 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ, ދެން ފެށިގެން އައި ރައީސް ވަހީދުގެ ވެރިކަމުގައި, އެރަށް ހަސަންޓޭގެ ކުންފުންޏަށް ހޯދުމަށް ހަސަންޓޭ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ހަސަންޓޭ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ސީއެސްއާރު އެއްބަސްވުމުގައި ސޮއި ކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދިއެވެ. ސިވިލް ކޯޓުން ހަސަންޓޭއާއި އެއްކޮޅަށް މައްސަލަ ނިންމާ, ހުކުމް ކޮށްފައިވަނީ ސީއެސްއާރު އެއްބަސްވުމުގައި ސޮއި ކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްފައެވެ. އެހުކުމް ސިވިލް ކޯޓުން ކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާރޗްމަހުގެ 31 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އެ މައްސަލަ ދައުލަތުން ހަައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވެއެވެ. ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ ހަސަންޓޭއާއި ދެކޮޅަށެވެ. އެގޮތުން ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ ސީއެސްއާރު އެއްބަސްވުމުގައި ސޮއިކުރުން ފިނޭންސް މިނިސްޓްރީގެ މައްޗަށް ލާޒިމްކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ރަގަޅަށް ނޫންކަމަށާއި, އެއްބަސްވުމުގައި ސޮއިކުރުމަކީ ސަރުކާރަށް ލާޒިމްކަމެއް ނޫންކަމަށެވެ. ހައި ކޯޓުން އެހުކުމް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ރ. ދޮރަގަލީގެ މައްސަލާގައި މިހާރު ދެމިއޮތް ގޮތަކީ ކޮބާ?
ރައީސް ނަޝީދުގެ ސަރުކާރުން ސީއެސްއާރުގެ އުސޫލުން ހަސަންޓޭގެ ކުންފުނިން ރ. ދޮރަގަލީގައި ރިސޯޓު ތަރައްގީ ކުރުމަށް ހުށަހެޅި ޕްރޮޕޯސަލް ބަލައިގެންފައިވީ ނަމަވެސް, އަރަށް ހަސަންޓޭގެ ކުންފުންޏަށް އެވާޑް ކޮށްފައެއް ނުވެއެވެ. ސީއެސްއާރު އެއްބަސްވުމުގައި އެސަރުކާރުންވެސް, އަދި އޭގެ ފަހުން އައި އެއްވެސް ސަރުކާރަކުންވެސް ސޮއި ކޮށްފައެއް ނުވެއެވެ.
ހަމައެއާއެކު, ރ. ދޮރަގަލި ހަސަންޓޭގެ ގްލޯބަލް އީޝަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ސަރުކާރަށް ލާޒިމް ނުކުރެވޭނެކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމް އެއަށްފަހު ހަސަންޓޭ ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ނުވާތީ, އެރަށުގެ މައްސަލާގައި އަދިވެސް ދެމި އޮތީ އެމައްސަލާގައި ހައި ކޯޓުން ކޮށްފައިވާ ހުކުމްކަވެސް ފާހަގަކޮށްލާން ޖެހެއެވެ.
އަދި އެއަށްފަހު ހައި ކޯޓުގެ ހުކުމް ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތުވެސް ވަނީ ފަހަނައަޅާ ގޮސްފައެވެ.
އެހެންކަމުން ރ. ދޮރަގަލި އަކީ ގާނޫނީ ގޮތުންވެސް އެރަށުގެ މިލްކުވެރިކަމުގެ މައްޗަށް ހަސަންޓޭއަށް އެއްވެސް ހުއްޖަތެއް މިހާރު ދެއްކެން އޮތް މައްސަލައެއް ނޫންކަން އެއީ ވަރަސްވެސް ސާފުކޮށް އޮތް ކަމެކެވެ.
އެހެންނަމަވެސް މިރަށް ހޯދުމަށް ހަސަންޓޭ ރައީސް ސާލިހުގެ ވެރިކަމުގައިވެސް އޭރުގެ ސަރުކާރަށް ޕްރެޝަރުކުރިކަން ރައީސް އޮފީހުން ފެންނާންހުރި ލިޔެކިޔުންތަކުން އެގެން ހުރިކަމަށާއި, އެހެންނަމަވެސް, އެމައްސަލާގައި ހައި ކޯޓުގެ ހުކުމެއް އޮތުމާއެކު, ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ރ. ދޮރަގަލި ހަސަންޓޭގެ ކުންފުންޏަށް ދެވޭނެ އެއްވެސް މަގެއް އޭރުވެސް މިހާރުވެސް ފެނާން ނޯނާނެ ކަމަށް "ދިޔަވަރު އޮންލައިން" އާއި ވާހަކަ ދެއްކި, މި މުއާމަލާތުގެ މައުލޫމާތު އެނގިހުރި ރައީސް އޮފީހުގެ މިހާުރުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒުއަށްވެސް ރ. ދޮރަގަލި ހަސަންޓޭގެ ކުންފުންޏަށް ދެވޭނެ ގޮތެއް ނޯންނާނެ!
ސީއެސްއާރުގެ ދަށުން, ރިސޯޓު ތަރައްގީ ކުރުމަށް ރަށްތައް ދޫކުރުމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ގެންގުޅުނު ކޮންސެޕްޓެކެވެ. އެހެންމަަވެސް އޭރުގެ ސަރުކާރަށް ބަލައިގަނެވޭފަދަ ޕްރޮޕޯސަލްއެއް ހަސަންޓޭގެ ކުންފުނިން އޭރު ހުށަހަޅާފައިވި ނަމަވެސް, އެރަށަކީ ހަސަންޓޭގެ ކުންފުންޏަށް އެވާޑް ކޮށްފައިވާ ރަށެއް ނޫނެވެ. 2012 ވަނަ އަހަރު ވެރިކަން ބަދަލުވިއިރު ސީއެސްއާރު އެއްބަސްވުމުގައި ސޮއި ކުރުމާއިހަމައަށް ދެވިފައެއް ނުވެއެވެ. އަދި އެއަށްފަހު އައި އެއްވެސް ސަރުކާރަކުން ރަށް ހަސަންޓޭގެ ކުންފުންޏަށް ދިނުމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފައެއް ނުވެއެވެ.
އަދި ސީއެސްއާރު އެއްބަސްވުމުގައި ސޮއި ކުރުން ސަަރުކާރަށް ލާޒިން ނުކުރެވޭނެކަމަށް ކޮށްފައިވާ ހައި ކޯޓުގެ ހުކުމް އެގޮތުގައި ދެމި އޮވެފައި, އެމައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ނުވާއިރު, އެރަށުގެ މިލްކުވެރިކަމާއި ހަސަންޓޭގެ ކުންފުންޏާއި އެއްވެސް ގުޅުމެއް ނެތްކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އޭގެ އިތުރުން, ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިހާރު ރަށްތައް ދޫކުރަމުން އަންނަނީ އާންމުކޮށް އިއުލާން ކޮށްގެން ކަމަށް ވެފައި, އަދި ހައި ކޯޓުގެ ހުކުމްވެސް އެގޮތަށް ދެމިއޮވެމެ, މީގެ 13 އަހަރު ކުރީގެ ޕްރޮޕޯސަލްއަކަށް ބިނާކޮށް ހަސަންޓޭއަށް ރ. ދޮރަގަލި ދިނުމަށް މިސަރުކާރަށް ނިންމޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމުގައި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގާނޫނީ ވަކީލުން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް ރިޝްވަރު ދީގެން އެމްޑީޕީގެ މަޖިލިސް މެމްބަރުން ގަތުމަށް ރައީސް މުއިއްޒު ހިންގަވަމުން ގެންދަވާ ކޮރަޕްޝަންގެ ހުތުރު މުއާމަލާތުގެ ތެރެއިން ރ. ދޮރަގަލި ހަސަންޓޭގެ ކުންފުންޏަށް ދިނުމަށް މުއިއްޒު ވައުދުވެ, 5 ލައްކަ ރުފިޔާގެ ހަރާމް ފައިސާއަށާއި, ރަށެއްގެ ބަދަލުގައި ހަސަންޓޭ ސިޔާސީ ގޮތުން ހަށި ވިއްލާކި ނަމަވެސް މިއީ އެއްވެސް ހާލަތެއްގައި ހަގީގަތަކަށް ވުމުގެ ފުރުސަތެއް އޮތް މުއާމަލާތެއް ނޫންކަން ފާހަގަކޮށްލާން ޖެހެއެވެ.