ޚަބަރު

ބައެއް ވަޒީރުން ހިމެނޭގޮތަށް، ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނަށް އިންޑިއާއަށް ނުދެވޭ ގޮތަށް ބްލެކް ލިސްޓު ކޮށްފި

ދިޔަވަރު
ބައެއް ވަޒީރުން ހިމެނޭގޮތަށް، ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނަށް އިންޑިއާއަށް ނުދެވޭ ގޮތަށް ބްލެކް ލިސްޓު ކޮށްފި

ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންވެސް ހިމެނޭގޮތަށް އިސް ބައެއް އޮފިޝަލުންނަށް އިންޑިއާއަށް ނުދެވޭގޮތަށް ބްލެކް ލިސްޓު ކޮށްފިއެވެ. "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެބމިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ "ފޮރިން ޑިވިޝަން"އިން މިހާރުވަނީ, އެގައުމުގެ ސަރުކާރުން ބްލެކް ލިސްޓުކުރާ މި ސަރުކާރުގެ އިސް އޮފިޝަލުންގެ ލިސްޓު (look out circular (LOC)) އެކުލަވާލާފައެވެ.

އިންޑިއާ ސަރުކާރުން އެކުލަވާލާ "ލުކް އައުޓް ލިސްޓު (އެލްއޯސީ) (އިންޑިއާއަށް އެރުން މަނާ މީހުންގެ ލިސްޓް)އަކީ, އިންޑިއާގެ ގައުމީ ސަލާމަށް ނުރައްކާކުރާނެކަމަަށް އެގައުމުން ދެކޭ މީހުންގެ ލިސްޓެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް ބައެއް އޮފިޝަލުން އިންޑިއާއަށް އެރުން މަނާކޮށްފައިވާކަން, އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާރޒްގެ އިސް ބައެއް އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ލޯކަލް މީޑިއާގައިވެސް މިހާރުވަނީ ރިޕޯޓު ކޮށްފައެވެ.

މައުލޫމާތު އެނގިހުރި މި ސަރުކާރުގެ ފަރާތަކުން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި އިންޑިއާ ސަރުކާރުން މިހާރު އެކުލަވާލާފައިވާ މި ލިސްޓުގައި ރައީސް މުއިއްޒުއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ނަން ހިމަނާފައި ނުވިނަމަވެސް, އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކައިގެ މި ސަރުކާރުން މިހާރު ސަސްޕެންޑް ކޮށްފައިވާ, ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދުގެ ނަން މިލިސްޓުގައި ވަނީ ހިމަނާފައެވެ.

އަދި އޭގެ އިތުރުން ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ބައެއް ވަޒީރުންވެސް މިލިސްޓުގައި ހިމެނޭކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މި ސަރުކާރުގެ އިސް ފަރާތަކުން ކަށަވަރުކޮށްދީފައި ވެއެވެ.

އެގޮތުން އިންޑިއާއަށް އެރުން މަނާކޮށްފައިވާ ރައީސް މުއިއްޒުގެ ކެބިނެޓްގެ ވަޒީރުންގެ ތެރޭގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)އާއި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އިންޑިއާއަށް ފާޑު ކިޔައިގެން ސަސްޕެންޑް ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުން ނިސްބަތްވަނީ އަސްވާޑުގެ މިނިސްޓަރީއަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ވަނީ މިއަދު ސަސްޕެންޑުކޮށްފަ އެވެ.

އެހެންނަމަވެސް މިއީ ރައީސް މުއިއްޒު ރަމްޒީގޮތުން އެޅި ފިޔަވަޅެއްކަމުގައި ބުނެ, ގިނަ ބަޔަކު ދަނީ މި އޮފިޝަލުން ވަޒީފާއިން ވަކިކުރުމަށް ގޮވާލަމުންނެވެ.

ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިއިރު، އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ.

އެ މައްސަލަގަނޑު އުފެދުނީ އިންޑިއާގެ ލަކްޝަދީބު ޕްރޮމޯޓު ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ކުރެއްވި ވީޑިއޯއަކަށް ފާޑުކިޔާ, ރައީސް މުއިއްޒުގެ އެންގުމަށް, ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް އޮފިޝަލުން އިންޑިއާއާއި ދިމާކޮށް, އިންޒާރުދީ ހުތުރު ބަހުން އެގައުމަށް ފާޑުކިޔަން ފެށުމުންނެވެ.