ޚަބަރު

ސަސްޕެންޑު ކުރި ބައެއް މުވައްޒަފުން މިއަދުވެސް އޮފީހަށް ނުކުތް

ދިޔަވަރު
ސަސްޕެންޑު ކުރި ބައެއް މުވައްޒަފުން މިއަދުވެސް އޮފީހަށް ނުކުތް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ރައީސް މުއިއްޒު ސަސްޕެންޑު ކުރިކަމަށް ބުނާ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން ބައެއް ޑެޕިއުޓީން މިއަދުވެސް ވަޒީފާއަށް ނުކުތްކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯޑީއާއި އެގައުމުގެ ވެރިން ބަދުނާމްވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިގެން ރައީސް މުއިއްޒު ސަސްޕެންޑް ކުރިކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދުއެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައިވާގޮތުގައި, މި ތިން ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން މިއަދު އޮފީހަށް ނުކުންނަވާގައިވަނީ މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފްއެވެ. ޔޫތު މިނިސްޓްރީގެ އިސް ބައެއް އޮފިޝަލުންވަނީ މިކަން "ދިޔަވަރު އޮންލައިން" ކަށަވަރު ކޮށްދީފައެވެ.

އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރި ވީޑިއޯއަށް ފާޑުކިޔާ, އިންޑިއާއަށް ފާޅުކަންބޮޑު ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައި އެގައުމަށް އިންޒާރު ދިނުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ, ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި މުއިއްޒުގެ ތަރުޖަމާނެއްގެ މަގާމުގައި ހުންނެވި, ސްޕޯޓްސް މިނިސްޓަރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާއެވެ. އޭގެ އިތުރުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގައި ހުންނެވި މަލްޝާ ޝަރީފްވެސް ވަނީ އިންޑިއާއަށް އިންޒާރުދީ, އެގައުމުގެ ވެރީންނަށް ރައްދުވާގޮތަށް ހުތުރު ބަހުން ރައްދުދީ ހަދާފައެވެ. އޭނާއަކީވެސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ސިޓީކައުންސިލްގައި މަސައްކަތް ކުރި މުވައްޒަފެކެވެ.

މި ދެ މުވައްޒަފުންނަކީވެސް ރައީސް މުއިއްޒުގެ ވަރަށް އަރިސް ދެ މުވައްޒަފުންނެވެ.

އިންޑިއާގެ ބޮޑުވަޒީރަށާއި ވެރީންނަށް ބަދުބަސް ރައްދުކޮށް މައްލަވަ ކުރި ޑެޕިއުޓީ މިނިސްޓަރުންނާމެދު އަޅާފައިވަނީ ރަމްޒީ ފިޔަވަޅެއްކަމަށް ބުނެ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒު ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވަނީ ޕްރެޝަރަށް ކެތް ނުކުރެވިގެން, ފާޑުކިއުންތަކުން މިވަގުތަށް ރެކިވަޑައިގެންނެވޭނެ މަގެއް ހޯއްދެއްވުމަށް ކަމަށެވެ. އަދި މިހާތަނަށް އައިއިރުވެސް ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވާކަން ސަރުކާރުން ޔަގީން ކޮށްދީފައެއްވެސް ނުވެއެވެ.

ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިއިރު، އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެ މައްސަލަގަނޑު އުފެދުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ޕޯސްޓެއް ކުރުމުން އެކަމާ ދެކޮޅަށް، ސަސްޕެންޑު ކުރިކަމަށްބުނާ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު އިންޑިއާގެ ވެރިންނަށް މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.

ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކުންވެސް ބުނަމުންދަނީ, ރާއްޖޭގެ ޓުއަރިޒަމަށް ލިބުނު ގެއްލުމާއި އަޅާ ބަލާއިރު, ރާއްޖޭގެ އިގްތިސާދުގެ އިތުރުން ޚާރިޖީ ސިޔާސަތަށްވެސް ގެއްލުން ދިން މި މުވައްޒަފުންނާމެދު ފިޔަވަޅުއެޅިކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ވަރަށްބޮޑު އިތުރުފުޅެއް ކަމުގައެވެ.

ރާއްޖެއާ އިންޑިއާ ދެމެދު އުފެދުނު މިމައްސަލައަށްފަހު ރާއްޖެއަށް އައުމުގެ ބަދަލުގައި ލަކްޝަދީޕު ހިޔާރު ކުރުމަށް ގޮވާލައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރަދާ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ޕޯސްޓެއް ކޮށްފަ އެވެ.

އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

”މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް,“ އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ. އެހެންނަމަވެސް އިންޑިއާ ބަދުނާމުވާގޮތަށް ސަރުކާރުގެ އިސްވެރިންތަކެއް ހިންގި އަމަލުގެ އަދަބެއްގެ ގޮތުން ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން މިއަދުވަނީ އަންގައިފިއެވެ.