ޚަބަރު

ރައީސް ވިދާޅު ނުވަނީސް ޑެޕިއުޓީ މިނިސްޓަރުން ބޮޑުވަޒީރު މޯޑީއަށް މައްލަވަކޮށް, ޖެއްސުންކޮށް ނުހަދާނެ: އާޒިމް

ދިޔަވަރު
ރައީސް ވިދާޅު ނުވަނީސް ޑެޕިއުޓީ މިނިސްޓަރުން ބޮޑުވަޒީރު މޯޑީއަށް މައްލަވަކޮށް, ޖެއްސުންކޮށް ނުހަދާނެ: އާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުނުވާނަމަ އެމަނިކުފާނުގެ ޑެޕިއުޓީ މިނިސްޓަރުން، އިންޑިއާއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ބަސް ނުބުނުއްވާނެ ކަމަށް، އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި، މިހާރު ހޫނުވެގެން އުޅޭ އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ މައްސަލައަށް އަލިއަޅުއްވާލައްވާ އާޒިމް ވިދާޅުވީ މިއަދު ފެނިގެން މިދަނީ ގައުމާއި ހަވާލުވެ ގައުމުގެ އިގްތިސާދު ހަލާކުކުރަމުންދާ މަންޒަރު ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުން މީހަކު އިންތިހާބު ކުރުމުން، އެމީހަކު ކައިރިކުރަން ޖެހޭނީ ގާބިލު ކަންކަން ކުރެވޭ، ތައުލީމާއި ތަޖުރިބާ ހުރި މީހުން ކަމަށެވެ. އަދި ތަނަކުން މީހަކު ގެނެސްގެން އެކަމެއްކޮށްގެން ކަންކަން ނުކުރެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން ބުނަމުން ދިޔައިން، އެމަނިކުފާނަށް އަޅުގަނޑުމެން ނަސޭހަތްތެރިވަމުން ދިޔައިން ޕަބްލިކަލީ ވެސް ތިހެން ނުހައްދަވާށޭ. ތިބޭފުޅާ އޮޅުވާލައިގެން އަޅުގަނޑުމެން ތެރޭގައި ފިތުނަ އުފައްދައިގެން ބިރު އުފައްދައިގެން ވެރިކަމަށް ތިހުރީ އާދެވިފައޭ. ދެން ގައުމު ސުންނާފަތިކޮށްނުލާށޭ. ގައުމު ސުންނާފަތިކޮށްލަން ނޫންތޯ އެބޭފުޅާ ތަންތަންނަށް އެމީހުން އެ ލީ.

އާޒިމް ވިދާޅުވީ ޑރ. މުއިއްޒު ވިދާޅު ނުވަނީސް، އެމަނިކުފާނުގެ ޑެޕިއުޓީ މިނިސްޓަރުން އެކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެ ހުއްދަ ނުލިބި އެކަން ކޮށްފައިވާ ނަމަ ރައީސް މުއިއްޒު ހުންނެވީ ވަރަށް ބޮޑަށް ފިތިފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ފިތިފައި ހެދޭނެ ގޮތެއް ނެތިފައި، އެބޭފުޅުންގެ ދަށުވެފައި ކޮންމެވެސް ކަމެއް ވެގެން އެބޭފުޅާއަށް ހެދޭނެ ގޮތެއް ނެތިފައި އެހުރީ. ބާރެއް ނެތް ވެރިއެއް ގައުމެއްގައި ހުރިތަން މި ފެންނަނީ. ބާރެއް ނެތް ވެރިއެއް ބާރުހުރިކަންދައްކަނީ. ބާރު ހުރި ނަމަ މިއަދު އެ ބޭފުޅުން ސަސްޕެންޑެއް ނޫން ކުރާނި، އެބޭފުޅުން ވަކިކުރާނީ. މިއީ ގައުމީ ބޮޑު މައްސަލައެއް. ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށް އަންނަނީ އިންޑިއާ މީހުން. ގިނަ ރިސޯޓްތަކުގެ ބޮޑު ބަޔަކަށް އަންނަނީ އިންޑިއާ މީހުން.

އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އިންޑިއާއާއި ދެކޮޅަށް އެ ވާހަކަ ދެއްކީ ދިވެހިން ނޫން ކަމަށާއި، އެކަން ކުރީ ގައުމަށް ގައްދާރުވަމުންދިޔަ ބައެއް ކަމަށެވެ. އަދި އެމްޑީޕީން ދިވެހިން ދިފާއުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.