އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ރައީސް މުއިއްޒު ސަސްޕެންޑު ކުރިކަމަށް ބުނާ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ ވަޒީފާއިން ވަކިކުރުމަށް ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު މޯޑީއާއި އެގައުމުގެ ވެރިން ބަދުނާމްވާގޮތަށް ސޯޝަލް މީޑިއާގައި ސަރުކާރުގެ އިސް އޮފިޝަލުން ވާހަކަ ދެއްކި މައްސަލަ އިންޑިއާގެ ސަރުކާރުންވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާފައި ކަމުގައެވެ.
އެގޮތުން ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް އިހުތިރާމް ނުކޮށް އަދި ޑިޕްލޮމެޓިކް ޕްރޮޓޮކޯލްއައި ޚިލާފްވި ތިން ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިކުރަން އިންޑިއާއިން އެދިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް, ތިން ޑެޕިއުޓީ މިނިސްޓަރުންވެސް ވަޒިފާއިން ވަކިކުރުމަށް މުއިއްޒު ދެކޮޅު ހައްދަވާފައިވާކަމަށް އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.
އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް ދިވެހިންގެ ބަޔަކު މީސް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދުވަނީ ހާޒިރުވެސް ކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯޑީއާއި އެގައުމުގެ ވެރިން ބަދުނާމްވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިގެން ރައީސް މުއިއްޒު ސަސްޕެންޑް ކުރިކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދުއެވެ.
”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ކުރެވިފައިވާގޮތުގައި, މި ތިން ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފްވަނި މިއަދު އޮފީހަށްވެސް ނިކުންނަވާފައެވެ. ޔޫތު މިނިސްޓްރީގެ އިސް ބައެއް އޮފިޝަލުންވަނީ މިކަން ”ދިޔަވަރު އޮންލައިން“ މިއަދު ކަށަވަރު ކޮށްދީފައެވެ.
އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރި ވީޑިއޯއަށް ފާޑުކިޔާ, އިންޑިއާއަށް ފާޅުކަންބޮޑު ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައި އެގައުމަށް އިންޒާރު ދިނުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ, ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި މުއިއްޒުގެ ތަރުޖަމާނެއްގެ މަގާމުގައި ހުންނެވި, ސްޕޯޓްސް މިނިސްޓަރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާއެވެ. އޭގެ އިތުރުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގައި ހުންނެވި މަލްޝާ ޝަރީފްވެސް ވަނީ އިންޑިއާއަށް އިންޒާރުދީ, އެގައުމުގެ ވެރީންނަށް ރައްދުވާގޮތަށް ހުތުރު ބަހުން ރައްދުދީ ހަދާފައެވެ. އޭނާއަކީވެސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ސިޓީކައުންސިލްގައި މަސައްކަތް ކުރި މުވައްޒަފެކެވެ.
މި ދެ މުވައްޒަފުންނަކީވެސް ރައީސް މުއިއްޒުގެ ވަރަށް އަރިސް ދެ މުވައްޒަފުންނެވެ.
މިމައްސަލާގައި ދެން ސަސްޕެންޑް ކޮށްފައިވަނީވެސް ޔޫތު މިނިސްޓްރީގެ ޑެޕިއިޓީ މިނިސްޓަރ އަބްދުﷲ މަހްޒޫމް މާޖިދުއެވެ.
އިންޑިއާގެ ބޮޑުވަޒީރަށާއި ވެރީންނަށް ބަދުބަސް ރައްދުކޮށް މައްލަވަ ކުރި ޑެޕިއުޓީ މިނިސްޓަރުންނާމެދު އަޅާފައިވަނީ ރަމްޒީ ފިޔަވަޅެއްކަމަށް ބުނެ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒު ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވަނީ ޕްރެޝަރަށް ކެތް ނުކުރެވިގެން, ފާޑުކިއުންތަކުން މިވަގުތަށް ރެކިވަޑައިގެންނެވޭނެ މަގެއް ހޯއްދެއްވުމަށް ކަމަށެވެ.
އަދި މިހާތަނަށް އައިއިރުވެސް ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވާކަން ސަރުކާރުން ޔަގީން ކޮށްދީފައެއްވެސް ނުވެއެވެ.