އިންޑިއާއާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް ދިވެހިންގެ ބަޔަކު މީސް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށް, ދިވެހި ސަރުކާރުން އިންޑިއާގެ ކިބައިން ރަސްމީކޮށް މާފަދަ އެދުމަށް މިއަދު އަންގައިފިއެވެ.
އަދި އޭގެ އިތުރުން އިންޑިއާގެ ވެރީންނަށް ބަދުބަސް ރައްދުކޮށް, ޑިޕްލޮމެޓިކް ޕްރޮޓޮކޯލްއާއި ޚިލާފްވި, ސަރުކާރުގެ އިސް އޮފިޝަލުން މަގާމްތަކުން ދުރުކުރުމަށްވެސް އިންޑިއާއިން ވަނީ އެގައުމުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަށް އަންގާފައެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަަށް މައުލޫމާތު ދިން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ, މި މައްސަލާގައި ރަސްމީކޮށް އިންޑިއާ ސަރުކާރުގެ ކިބައިން މާފަށް އެދުމަށް ދިވެހި ސަރުކާރުން ދެކޮޅު ހަދާފައިވާއިރު, މިހާރު ސަސްޕެންޑް ކޮށްފައިވާކަމަށް ބުނާ މުވައްޒަފުން އެބޭފުޅުން މިހާރު ތިއްބެވި މަގާމްތަކުން ވަކިކުރުމަށްވެސް ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާ ކަމުގައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި ގޮތުގައި, އިންޑިއާގެ ބޮޑުވަޒީރަށް ރައްދުކޮށް ހަޑިހުތުރު ބަހުން ސަރުކާރުގެ އިސް އޮފިޝަލުން ވާހަކަ ދެއްކި މައްސަލާގައި ދިވެހި ސަރުކާރުން ނެރުނު ބަޔާނަކީ އެއްވެސް ހަރުދަނާކަމެއް ނެތް ބާޔާނެއްކަމަށްވެސް, މިއަދު ސަފީރު ޝަހީބަށް އިންޑިއާ ސަރުކާރުން އަންގާފައިވާ ކަމުގައެވެ. އެމައްސަލަ ކުށްވެރިކޮށް ސަރުކަރުން ނެރުނު ބަޔާނުގައި އިންޑިއާގެ ނަންވެސް ސަރުކާރުން ގެންނަވާފައި ނުވެއެވެ.
އެހެންނަމަވެސް މިމައްސަލައާއި ގުޅިގެން ދެން އިތުރު ބަޔާނެއް ނުނެރުއްވުމަށް ރައީސް މުއިއްޒު މިހާރު ނިންމަފާވައިވާކަމަށްވެސް އޮފިޝަލް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރި ވީޑިއޯއަށް ފާޑުކިޔާ, އިންޑިއާއަށް ފާޅުކަންބޮޑު ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައި އެގައުމަށް އިންޒާރު ދިނުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ, ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި މުއިއްޒުގެ ތަރުޖަމާނެއްގެ މަގާމުގައި ހުންނެވި, ސްޕޯޓްސް މިނިސްޓަރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާއެވެ. އޭގެ އިތުރުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގައި ހުންނެވި މަލްޝާ ޝަރީފްވެސް ވަނީ އިންޑިއާއަށް އިންޒާރުދީ, އެގައުމުގެ ވެރީންނަށް ރައްދުވާގޮތަށް ހުތުރު ބަހުން ރައްދުދީ ހަދާފައެވެ. އޭނާއަކީވެސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ސިޓީކައުންސިލްގައި މަސައްކަތް ކުރި މުވައްޒަފެކެވެ.
މި ދެ މުވައްޒަފުންނަކީވެސް ރައީސް މުއިއްޒުގެ ވަރަށް އަރިސް ދެ މުވައްޒަފުންނެވެ.
މިމައްސަލާގައި ސަސްޕެންޑް ކޮށްފައިވާކަމަށް ބުނާ ތިންވަނަ މުއްޒަފަކީވެސް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދުއެވެ.
އިންޑިއާގެ ބޮޑުވަޒީރަށާއި ވެރީންނަށް ބަދުބަސް ރައްދުކޮށް މައްލަވަ ކުރި ޑެޕިއުޓީ މިނިސްޓަރުންނާމެދު އަޅާފައިވަނީ ރަމްޒީ ފިޔަވަޅެއްކަމަށް ބުނެ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒު ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވަނީ ޕްރެޝަރަށް ކެތް ނުކުރެވިގެން, ފާޑުކިއުންތަކުން މިވަގުތަށް ރެކިވަޑައިގެންނެވޭނެ މަގެއް ހޯއްދެއްވުމަށް ކަމަށެވެ.
އަދި މިހާތަނަށް އައިއިރުވެސް ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވާކަން ސަރުކާރުން ޔަގީން ކޮށްދީފައެއްވެސް ނުވެއެވެ.
މިމައްސަލައާއި ގުޅިގެން އިންޑިއާ ރައްޖޭގެ ގުޅުމަށްވަނީ ވަަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައެވެ.