ޚަބަރު

ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވި މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ ފަސްޓު ކުލާހުގަ

ދިޔަވަރު
ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވި މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ ފަސްޓު ކުލާހުގަ

އަމިއްލަފުޅާށާއި އަދި ނާއިބު ރައީސްވެސް, ދައުލަތަށް ޚަރަދު ކުޑަކުރުމުގެ ގޮތުން ފަސްޓު ކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވުމަށްފަހު, ޗައިނާއަށް ވަޑައިގެންނެވުމަށް މިއަދު ފަސްޓު ކުލާހުގައި ރައީސް މުއިއްޒު ދަތުރު ކުރައްވައިފިއެވެ.

މުއިއްޒު ދެމަފިރިކަނބަލުން މިއަދު ޗައިނާއަށް ދަތުރު ކުރައްވާފައިވަނީ ސިންގަޕޯރ އެއަރލައިންސްގެ ފަރސްޓު ކުލާހުގައެވެ. ސިންގަޕޯރ އެއަރލައިންސްގެ ފަސްޓު ކުލާހަކީ ދުނިޔޭގެ އެއަރަލއިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ކުލާސްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ސިންގަޕޯރ އެއަރލައިންގެ ފަސްޓު ކުލާހުގެ ޓިކެޓް އާންމު ގޮތެއްގައި އަގު އުޅެނީ 18 ހާސް އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.

މިއަދު ރައީސް މުއިއްޒުގެ ދެމަފިރިކަނބަލުން ފަސްޓު ކުލާހުގައި ދަތުރު ކުރައްވާފައިވާއިރު, ބައެއް ވަޒީރުން އިކޮނޮމީ ކުލާހުގައި ދަތުރުކުރައްވާ މަންޒަރު ރައީސް އޮފީހުގެ މިނިސްޓަރ އިބުރާހިމް ޚަލީލުވަނީ ޓުވީޓު ކުރައްވާފައެވެ. ބެލެވޭ ގޮތުގައި ބައެއް ވަޒީރުން އިކޮނޮމީ ކުލާހުގައި ތިއްބެވިތަން ވީޑިއޯކޮށް އެކްސްގައި ޕޯސްޓު ކުރައްވާފައިވަނީ ރައީސް މުއިއްޒު ފަސްޓު ކުލާހުގައި ދަތުރު ކުރައްވާކަން އާންމުންގެ ސަމާލުކަމަށް އަޔަ ނުދިނުމަށްޓަކައެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.

ފާއިތުވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭބަނަލް އެއަރޕޯޓުގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު އެނބުރި ޜާއްޖެ ވަޑައިގަންނަވާނީވެސް ސިންގަޕޯރ އެއަރލައިންގެ ފަސްޓު ކުލާހުގައެވެ.

ފަސްޓުކުލާހުގައި އެމަނުކުފާނާ ނައިބު ރައީސް ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވެފައި ވަނިކޮށް, ނާއިބު ރައީސް ރާއްޖެއިން ބޭރަށް ކުރެއްވި ހުރިހާ ދަތުރެއްވެސް ކުރައްވާފައިވަނީ ފަސްޓު ކުލާހުގައެވެ.

ގިނަ ބަޔަކު ރައީސް މުއިއްޒު ސިފަ ކުރައްވަނީ ބަހާއި އަމަލާ ދިމާނުވާ ރައީސެއްގެ ގޮތުގައެވެ.