ހުޅުމާލޭގެ އާބަން އައިލްގައި ހަދާ "ސްޕައިން" އޭރިއާގައި ވިޔަފާރިތަކަށް އަޅާ ކުޑަ ހަތް އިމާރާތެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ. މިއީ ރާއްޖޭގެ ކުންފުނިތަކަށް ވެސް، ކުރެވޭ ވަރުގެ ކުޑަ ޕްރޮޖެކްޓްތަކަކަށް ވެފައި، ދިވެހި ކުންފުނިތަކަށް އިސްކަން ދޭނެ ކަމަށް ބުނެ ވެރިކަމަށް އައިސް، އެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ނުދީ ޗައިނާއަށް ދީފައިވާ ސަބަބެއް ނޭނގެއެވެ.
ޗައިނާއަށް މުއިއްޒާއި އެކު ވަޑައިގެން ހުންނެވި ވިޔަފާރި ވެރިއެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، ދިވެހިންނަށް ކުރެވެން ހުރި، މަސައްކަތްތައް މިގޮތަށް ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ކުޑަ މިނުން ޖޮއިންޓް ވެންޗަރ އަކަށް ވެސް ފުރުޞަތު ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުއިއްޒުގެ ވަފުދުގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. މި ޕްރޮޖެކްޓް ޗައިނާ ކުންފުންޏަށް ދީފައިވަނީ ޕްރޮޖެކްޓް ހަމަ އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަށެވެ. މި ޕްރޮޖެކްޓްގެ ހަަމަ އަގަކީ 429 މިލިއަން ރުފިޔާ އެވެ. މި ޕްރޮޖެކް ހިންގާ މުޅި ސަރަހައްދުގެ ޖުމްލަ އޭރިޔާ އަކީ 102,225 އަކަފޫޓެވެ. މީގެ ތެރެއިން 7 އިމާރާތް އެޅުމަށް 102,225 އަކަފޫޓު އެއްކޮށް ބޭނުމެއް ނުކުރެއެވެ. 102,225 އަކަ ފޫޓު ރާއްޖޭގައި އާންމުކޮށް އިމާރާތް ކުރާ ރޭޓުން، އަކަފޫޓެއް 1400ރ އަށް ކަމަށް ބެލީމާ އެއީ 3 ފްލޯއަށް ހަދާ އިމާރާތެއް ކަމުން، މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކަށް ވާނީ 429 މިލިއަން ރުފިޔާއެވެ. އެހެން ކަމުން، މި ޕްރޮޖެކްޓް މި ހަދަނީ 342 މިލިއަން ރުފިޔާ އަގުބޮޑުކޮށެވެ. މިއީ ދައުލަތުގެ ބަޖެޓަށް މުއިއްޒު ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕަށް ފައިސާ ދިނުމަށްފަހު، މުއިއްޒުގެ ކަޓުގެ ގޮތުގައި އެމީހުން އަތުން ނަގާނެ ފައިސާ އެވެ.
102,225 އަކަ ފޫޓަކީ ކޮމާޝަލް ސްޕައިން ގޮތުގައި ކަނޑައެޅިފައިވާ މުޅި ސަރަހައްދުގެ ސައިޒެވެ. މި 102,225 އަކަ ފޫޓުގެ ތެރޭގައި ޗައިނާގެ ކުންފުނިން ދައުލަތުގެ މާލިއްޔަތަށް ބުރަ ވާހެން އަޅާ 7 ކޮމާޝިއަލް އިމާރާތުގެ އިތުރަށް ސަޕޯޓިން ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތްތައް ވެސް މި ސަރަހައްދުގައި ހިމެނެއެވެ. ހުނާން ކޮންސްޓްރަކްޝަން އާއި ހަވާލު ކުރި މަސައްކަތުގައި ސަޕޯޓިން ހިދުމަތްތައް ދޭން އަޅާ ތަންތަން ނުހިމެނެއެވެ. މި 7 އިމާރާތުގައި ހިމެނެނީ އެންމެ 30 ފިހާރަ ހަދާނެ ޖާގައެވެ. މިއީ 30 ފިހާރައެއް އެޅުމުގެ މަސައްކަތް ކަމުން، މި މަސައްކަތުގައި ފިނިޝިންގ މަސައްކަތް ނުހިމެނޭނެ ކަމަށް އެޗްޑީސީއިން މައުލޫމާތު ދިން ފަރާތުން ދިޔަވަރު ނޫހަށް ކިޔައި ދިނެވެ. އެހެން ކަމުން ސަރުކާރުން ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާއި އެކު މި ސޮއި ކުރި އެއްބަސްވުމަކީ، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓަށް 342 މިލިއަނަށް ވުރެވެސް އިތުރަށް މާ ބޮޑުތަނުން ގެއްލުން ވާނެހެން ކޮރަޕްޝަން ހިމެނޭ ގޮތަށް ސޮއިކުރި ޕްރޮޖެކްޓެކެވެ.

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ނިންމާފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.
ޗައިނާގެ ކުންފުނިތަކުން ބޮޑު އަގުގައި ޕްރޮޖެކްޓްތައް ދީގެން އަވަށްޓެރި ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލަށް އޭގެ އަސަރު މިހާރުވެސް ދަނީ ކުރަމުންނެވެ. ސިރީލަންކާގައި އަޅާފައިވާ ޕޯޓު، ބޮޑު އަގުގައި ކޮރަޕްޝަނަށް މަގުފަހިކޮށް ހަދާފައި ވުމުން، އެއިން ލިބޭ އާމްދަނީ އިން އެފައިސާ އަނބުރާ ނުދެއްކި ސިރީލަންކާއަށް އެންމެ ފަހުން ޖެހުނީ ހަމްބަންޓޯޓާ ޕޯޓް ޗައިނާއަށް ދޭށެވެ. މިހާރު ހަމްބަންޓޯޓާ ޕޯޓުގެ މައްޗަށް ހިނގަނީ ޗައިނާ ސަރުކާރުގެ ބާރެވެ. އަދި ލަންކާގެ ބާރެއް އެތަނަކަށް ނުހިނގައެވެ.
ހަމަ އެގޮތަށް، ޗައިނާއިން ވަނީ ނޭޕާލްގައި ޓުއަރިސްޓުން ގެންނަން ކަމަށް ބުނެ، ޗައިނާ ސަރުކާރުގެ ކުންފުންޏެއް ލައްވާ ބޮޑު އެއަރޕޯޓެއް ކޮރަޕްޝަނަށް މަގުފަހިކޮށް އެތައް މިލިއަން ޑޮލަރެއް ބޮޑުކޮށް އަޅާފައެވެ. މި ސަރަހައްދަށް އެންމެ ފްލައިޓެއްވެސް އަދި ނުޖައްސައެވެ. މި މައްސަލަ ނޭޕާލްގެ ކޮރަޕްޝަނާއި ބެހޭ އިދާރާއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.