ޚަބަރު

ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭތީ ބެލެނިވެރިން ސަރުކާރު ދެކެ ރުޅިއައިސްގެން ދަނބިދޫ ސްކޫލު ބަންދުކޮށްފި

ދިޔަވަރު
ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭތީ ބެލެނިވެރިން ސަރުކާރު ދެކެ ރުޅިއައިސްގެން ދަނބިދޫ ސްކޫލު ބަންދުކޮށްފި

ޓީޗަރުން ހަމަނުކޮށް, ސްކޫލުގެ ކިޔެވުން ފެށުމުން ބެލެނިވެރިން ނުކުމެ ލ. ދަނބިދޫ ސްކޫލު ބަންދުކޮށްފި އެވެ.

ދަނބިދޫ ކައުންސިލުގެ ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވީ, ބެލެނިވެރިން ނުކުމެ ސްކޫލު ބަންދު ކުރިއިރު, އެ ސްކޫލުގައި ކިޔަވައި ދެމުން ދަނީ ޓީޗަރުން ހަމަނުކޮށް ކަމަށާއި ކްލާސް ޓީޗަރު ހަތަރެއް ނުވަތަ ފަސް މާއްދާ ކިޔަވައިދެމުންދާ ކަމަށެވެ.

"ކްލާސް ޓީޗަރު ހަތަރު، ފަސް މާއްދާ ކިޔަވައިދެނީ. ދެން އެ ޓީޗަރު ބަލި ވެއްޖެ ދުވަހެއް ވެއްޖިއްޔާ އެ ހުރިހާ މާއްދާއެއް އެ ދުވަހު ނުކިޔަވާ،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ ޓީޗަރުން މަދުވުމުގެ ޝަކުވާގެ އިތުރުން ސްކޫލު އިމާރާތް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ, އެތަން މަރާމާތު ކުރުމަށް ވެސް ބެލެނިވެރިން ގޮވާލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލުގެ ސީލިންގު ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ފަޒީލް ވިދާޅުވީ ސްކޫލުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އޮފިޝަލަކު މާދަމާ އެ ރަށަށް ދާން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.