ޚަބަރު

އާޒިމާއަށް ވޯޓު ދޭން މަޖުބޫރުކޮށް, އާބަންކޯގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަނީ

ދިޔަވަރު
އާޒިމާއަށް ވޯޓު ދޭން މަޖުބޫރުކޮށް, އާބަންކޯގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަނީ

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭގެ މޭޔަރ އަދި ކަންސިލަރުންގެ ބައި އިލެކްޝަންގައި, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް, އާބަންކޯގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ފަށައިފިއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިން ގޮތުގައި, މިއިންތިޚާބުގައި އާޒިމާއަށް ވޯޓުލުމަށް އާބަން ކޯއިން މަޖުބޫރު ކުރުވަމުން ދަނީ ހަމައެކަނި ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުންނަށް އެކަނި ނޫންކަމަށާއި, އެކުންފުނީގެ އެންމެ އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށްވެސް ކުންފުނީގެ މެނޭޖްމަންޓުން ސަރުކާރު ކެނޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަމުން ދާކަމުގައެވެ.

އަދި ވަޒީފާގެ ބިރު ދައްކަމުން ދަނީ މިހާރު އަލަށް ކުންފުނީގެ މެނޭޖްމަންޓުން ސަރުކާރުން އައްޔަންކޮށްފައިވާ ފީއެންސީގެ އެކްޓިވިސްޓުން ކަމުގައިވެސް ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިނެވެ.

އެގޮތުން އާބަންކޯގެ މުވައްޒަފު "ދިޔަވަރު އޮންލައިން"އަށް ކިޔައިދިން ގޮތުގައި އާންބަންކޯގެ މެނޭޖްމަންޓުން ދަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭނެކަމަށް މެނޭޖްމަންޓުން ގަބޫލުކުރާ މުވައްޒަފުން މިއިންތިޚާބުގައި ވޯޓު ނުލެވޭނެކަން ޔަގީން ކުރުމުގެ ގޮތުން އެހެން ރަށްތަކަށް ފޮނުވަމުން ކަމުގައެވެ.

‏އަދި އެކުންފުނީގެ ބައެއް މުވައްޒަފުން އަންނަ ހޮނިހިރު ދުވަހު ކުޑަގިރި ޕިކްނިކް އައިލޭންޑުގައި މުޅިދުވަހު ޑިއުޓީ ކުރަންޖެހޭ ގޮތަށް މިހާރު ހަމަޖައްސައި ވޯޓްލާން ދާނެ އެއްވެސް މަގެއް ތަނަވަސް ކޮށްދީފައި ނުވާކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އާބަންކޯގެ މުވައްޒަފު ބުނެފައި ވެއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތަކުގެ ތެރޭގައި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެކަމަށާއި, އަދި މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ނުފޯރުވުން ހިމެނުނު ނަމަވެސް, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒުގެ އަމުރަށް ފެނަކަ ކޯޕަރޭޝަންއިން ވަނީ އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.

އަދި ކުރިޔަށް އޮތް މޭޔަ ބައި އިލެކްޝަންއަށް ސަރުކާރުގެ ކުންފުނިތަކުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ނުފޫޒު ފޯރުވަމުންނެވެ.