ޚަބަރު

މުއިއްޒު އަންގަވައިގެން, އިންޑިއާއަށް ޖެއްސުން ކުރުމަށް, ސަސްޕެންޑްކުރި ޑެޕިއުޓީ މިނިސްޓަރު ޗައިނާ ޕްރޮމޯޓު ކުރަން ފަށައިފި

ދިޔަވަރު
މުއިއްޒު އަންގަވައިގެން, އިންޑިއާއަށް ޖެއްސުން ކުރުމަށް, ސަސްޕެންޑްކުރި ޑެޕިއުޓީ މިނިސްޓަރު ޗައިނާ ޕްރޮމޯޓު ކުރަން ފަށައިފި

އިންޑިއާއާއި އެގައުމުގެ ވެރިންނަށް ބަދުބަސް ބުނެގެން ރައީސް މުއިއްޒު ސަސްޕެންޑްކުރި ބައެއް ޑެޕިއުޓީ މިނިސްޓަރުން ރައީސް މުއިއްޒުގެ އެންގުމަށް ޗައިނާ ޕްރޮމޯޓު ކުރަން ފަށައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރި ވީޑިއޯއަށް ފާޑުކިޔާ, އިންޑިއާއަށް ފާޅުކަންބޮޑު ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައި އެގައުމަށް އިންޒާރު ދިނުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ, ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިިއިރު މުއިއްޒުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި, ސްޕޯޓްސް މިނިސްޓަރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާއެވެ. އޭގެ އިތުރުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގައި ހުންނެވި މަލްޝާ ޝަރީފްވެސް ވަނީ އިންޑިއާއަށް އިންޒާރުދީ, އެގައުމުގެ ވެރީންނަށް ރައްދުވާގޮތަށް ހުތުރު ބަހުން ރައްދުދީ ހަދާފައެވެ. އޭނާއަކީވެސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ސިޓީކައުންސިލްގައި މަސައްކަތް ކުރި މުވައްޒަފެކެވެ.

މި ދެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން މުއިއްޒުގެ ކުރީގެ ތަރުޖަމާން, އަދި މިހާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ މިއަދުވަނީ ޗައިނާ ޕްރޮމޯޓު ކުރުމުގެ ގޮތުން, ޗައިނާއަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރާއި ގުޅޭ ގިނަ ޓުވީޓުތަކެއް ރީޓުވީޓުކޮށް ހަދާ އަދި ރާއްޖެއާއި ޗައިނާއާ ދެމެދެގެ ގުޅުމަށް އޮތް ލޯބި ދައްކުވައިދޭ ޓުވީޓުތައްވެސް ކޮށް ހަދާފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަމްޒު ކޮށްދިނުމަށް ޝިއުނާ ކޮށްފައި އޮތް އެކްސް ޕޯސްޓެއް

ސަރުކާރުގެ ބައެއް އިސް އޮފިޝަލުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ, ރައީސް މުއިއްޒު ވިދާޅުވެގެން, އިންޑިއާއަށް ބަދު ބަސް ބުނެ އެގައުމުގެ ވެރިންނަށް މައްލަވަ ކުރި މިސަރުކާރުގެ އިސް އޮފިޝަލަކު މެދުވެރިކޮށް ޗައިނާ ޕްރޮމޯޓު ކުރަން ފަށާފައިވަނީ އިންޑިއާއަށް ޖެއްސުން ކުރުމުގެ ގޮތުން ކަމުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ރައީސް މުއިއްޒު ސަސްޕެންޑު ކުރިކަމަށް ބުނާ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ ވަޒީފާއިން ވަކިކުރުމަށްވެސް ރައީސް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އޭގެ ތެރެއިން ބައެއް ޑެޕިއުޓީ މިނިސްޓަރުންވަނީ ވަޒީފާއަށްވެސް މިހާރު ނިކުންނަވަން ފައްޓަވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރަށާއި ވެރީންނަށް ބަދުބަސް ރައްދުކޮށް މައްލަވަ ކުރި ޑެޕިއުޓީ މިނިސްޓަރުންނާމެދު އަޅާފައިވަނީ ރަމްޒީ ފިޔަވަޅެއްކަމަށް ބުނެ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒު ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވަނީ ޕްރެޝަރަށް ކެތް ނުކުރެވިގެން, ފާޑުކިއުންތަކުން މިވަގުތަށް ރެކިވަޑައިގެންނެވޭނެ މަގެއް ހޯއްދެއްވުމަށް ކަމަށެވެ.

އަދި މިހާތަނަށް އައިއިރުވެސް ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވާކަން ސަރުކާރުން ޔަގީން ކޮށްދީފައެއްވެސް ނުވެއެވެ.