ދިޔަރެސް ނޫސް ހިންގުމަށް، އޮޅުވާލައިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، ފައިސާ ހޯދާފައިވާކަން ދިޔަވަރު.ކޮމް އަށް ހާމަވެއްޖެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަން ރިޕޯޓްގައި، ދިޔަރެސް އިން ދޮގު މައުލޫމާތު ކެމްޕެއިނުގައި ފެތުރި ކަމަށް ބުނެފައިވާ އިރު، ހަގީގަތް ނުވަތަ ފެކްޓް ހާމަކޮށްދޭ ބައެއް ކަމަށް ބުނެ، އިޔޫއިން ހޯދާފައިވާ ފައިސާ ދިޔަރެސް ނޫހަށް ދީފައި ވަނީ ތެދު މައުލޫމާތު ފެތުރުމަށް އެހީވެދޭ އެންޖީއޯ އެއް ކަމުގައިވާ IFJ Internews އިންނެވެ.
އިންޓަރ ނިވްސްގެ ރާއްޖޭގެ ޕްރޮޖެކްޓް މެނޭޖަރ އަކީ އާދަން ޝަރީފް ކިޔާ ފަރާތެކެވެ. އައި.އެފް.ޖޭ އިންޓަރނިވްސް ގެ ފެކްޓްޗެކް ޕްރޮޖެކްޓަށް ފައިސާ ދީފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންނެވެ. އާދަން ޝަރީފް ވަނީ މީގެ ކުރިން ޕްރޮގްރާމް ކޯޑިނޭޓަރެއް ގޮތުގައި އައިއޯއެމް ގައި އާއި، ޔޫއެންޑީޕީ ގައި މަސައްކަތް ކޮށްފައެވެ. އާދަން ޝަރީފް އާއި، އަޒާން އާއި ބައިވެރި ވެގެން، އައި.އެފް.ޖޭ އިންޓަރނިވްސް ފައިސާ ހޯދުމަށްފަހު، އެ ފައިސާ ވަނީ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ބުނެ ދިޔަރެސް ނޫސް ހިންގުމަށް ބޭނުން ކޮށްފައެވެ. މި ގޮތަށް އަޒާން އާއި އޭނާގެ ޓީމުން ނަގާފައިވަނީ ކިހާ ފައިސާއެއް ކަމެއް އަދި ހާމަވެފައި ނުވި ނަމަވެސް މިހާރު މި ވައްކަން ވަނީ އައި.އެފް.ޖޭ އިންޓަރނިވްސްގެ ބައިނަލްއަގުވާމީ ގޮފިތަކުގެ ސަމާލު ކަމަށް ގެނެސްފައެވެ.
އިންޓަރނިއުސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންތެރި، ތެދުވެރި މައުލޫމާތު ފޯރުކޮށް ދިނުމަށް އުފައްދާފައިވާ އެނޖީއޯއެކެވެ. 35 އަހަރު ވެފައިވާ މި އެންޖީއޯއިން 100 އަށް ވުރެ ގިނަ ޤައުމުތަކަށް އެހީތެރި ކަން ފޯރުކޮށްދީފައި ވެއެވެ.
އިންތިހާބާއި ދިމާކޮށް މުއިއްޒުގެ އެދުމުގެ މަތިން، ދިޔަރެސް ނޫހުން ވަނީ އަވަށްޓެރި އިންޑިޔާއިން ރާއްޖޭގެ މިނިވަންކަން ނަގާލަނީ ކަމަށް ބުނެ، ދޮގު ވާހަކަތައް ފަތުރައި، ދިވެހިންގެ މިނިވަންކަމަށް ނުރައްކާ ވާ ކަމަށް ބުނެ، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއް ރައްޔިތުންނަށް ހަޤީގަތް އޮޅުވާލުމަށް ހިންގާފައެވެ. މިގޮތުން މުއިއްޒު ރައްޔިތުންގެ ވޯޓު ހޯދާފައިވަނީ ދޮގު މައުލޫމާތާއި އޮޅުވާލުމުގެ ތެރެއިންނެވެ.