ޚަބަރު

ސިޓީ ކައުންސިލަށް އިނގިރޭސިން ސިޓީ ލިޔަން މުންދުގެ ކުންފުންޏަށް 561,000 ރުފިޔާ ދިންއިރު އެންމެ ސިޓީއެއްވެސް ލިޔެފައެއް ނެތް!

ދިޔަވަރު
ސިޓީ ކައުންސިލަށް އިނގިރޭސިން ސިޓީ ލިޔަން މުންދުގެ ކުންފުންޏަށް 561,000 ރުފިޔާ ދިންއިރު އެންމެ ސިޓީއެއްވެސް ލިޔެފައެއް ނެތް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލުން ލިޔަން ޖެހޭ އިނގިރޭސި ސިޓީތައް ލިޔުމަށް މި ސަރުކާރުގެ އެމްބެސެޑާ އެޓް ލާޖު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏަށް 561،000 ރުފިޔާ ދީފައިވާއިރު އެންމެ ސިޓީއެއްވެސް ލިޔެފައި ނެތްކަން ދިޔަވަރު ނޫހަށް ކަށަވަރު ވެއްޖެއެވެ.

ދިވެހި ބަހުން ލިޔެފައިވާ ސިޓީތަކެއް ސިޓީ ކައުންސިލްގައި ހުރިކަމުގައި ވީނަމަވެސް، އެއްވެސް މިންވަރަކަށް ސިޓީ ކައުންސިލްގެ ފައިލްތަކުގައި އަދި ސާވާގައިވެސް އެއްވެސް އިނގިރޭސީ ބަހުން ލިޔެފައިވާ ސިޓީއެއް ނެތްކަން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ. އެހެންކަމުން މުންދުގެ މުއިއްޒުގެ ކޮޅަށް ބަދަލުކުރަން ނަފްސު، މުއިއްޒަށް ވިއްކާލާފައި ވަނީ 561,000ރ އިން ކަމަށް ޤަބޫލު ކުރެވެއެވެ. މިއީ މުންދުގެ އަގު މުޅި ޤައުމުގައި ވެއްޓިގެން ދިޔަ އަދި މުޅި އުމުރަށް އޭނާގެ ނަފްސުގެ އަގު ގޮތުގައި ޖެހިގެން ދާނެ ލައްގަނޑެކެވެ.

ސިޓީ ކައުންސިލް ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަން ޖެހޭ ސިޓީ ލިޔުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ ކިންގްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.

އެ ކުންފުނީގެ ވެބްސައިޓުން އެނގުނު ގޮތުގައި އެއީ ރައީސް މުއިއްޒުގެ ސަރުކާރުގައި މިނިސްޓަރެއްގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެކެވެ. އޭނާ މިހާރު ވަނީ ޔޫއޭއީގައި ހުންނަ ދިވެރިރާއްޖޭގެ އެމްބަސީގެ އެމްބަސަޑަރުކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ބެލިބެލުމުން އެނގުނު ގޮތުގައި މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ މުންދު އާއި އިބްރާހިމް މުހައްމަދު އެވެ.

އެ މަސައްކަތަށް ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފައިވަނީ ނޮވެމްބަރު 10، 2021 ގަ އެވެ. މުންދުގެ ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ އޮކްޓޯބަރު 17، 2021 ގަ އެވެ.

މުންދުގެ އިތުރުން މި ސަރުކާރުގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމަނަތު ހުސައިން ޝަރީފަކީ ވެސް އެ ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.