އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެ މުއްދަތުގައި އެ ތިން ފަރާތަށްވެސް މުސާރަ ހިނގާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިއިރު، އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕޭނުގެ ދަށުން ގިނަ އަދަދެއްގެ ހޮޓެލް އަދި ފްލައިޓު ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
އިންޑިއާއާއި އެގައުމުގެ ވެރިންނަށް ބަދުބަސް ބުނެގެން ރައީސް މުއިއްޒު ސަސްޕެންޑްކުރި ބައެއް ޑެޕިއުޓީ މިނިސްޓަރުން, ރައީސް މުއިއްޒުގެ އެންގުމަށް މިހާރުވަނީ ޗައިނާ ޕްރޮމޯޓު ކުރަން ފަށާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރި ވީޑިއޯއަށް ފާޑުކިޔާ, އިންޑިއާއަށް ފާޅުކަންބޮޑު ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައި އެގައުމަށް އިންޒާރު ދިނުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ, ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިިއިރު މުއިއްޒުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި, ސްޕޯޓްސް މިނިސްޓަރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާއެވެ. އޭގެ އިތުރުން އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމްގައި ހުންނެވި މަލްޝާ ޝަރީފްވެސް ވަނީ އިންޑިއާއަށް އިންޒާރުދީ, އެގައުމުގެ ވެރީންނަށް ރައްދުވާގޮތަށް ހުތުރު ބަހުން ރައްދުދީ ހަދާފައެވެ. އޭނާއަކީވެސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ސިޓީކައުންސިލްގައި މަސައްކަތް ކުރި މުވައްޒަފެކެވެ.
މި ދެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން މުއިއްޒުގެ ކުރީގެ ތަރުޖަމާން, އަދި މިހާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ މިއަދުވަނީ ޗައިނާ ޕްރޮމޯޓު ކުރުމުގެ ގޮތުން, ޗައިނާއަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރާއި ގުޅޭ ގިނަ ޓުވީޓުތަކެއް ރީޓުވީޓުކޮށް ހަދާ އަދި ރާއްޖެއާއި ޗައިނާއާ ދެމެދެގެ ގުޅުމަށް އޮތް ލޯބި ދައްކުވައިދޭ ޓުވީޓުތައްވެސް ކޮށް ހަދާފައެވެ.
އިންޑިއާގެ ބޮޑުވަޒީރަށާއި ވެރީންނަށް ބަދުބަސް ރައްދުކޮށް މައްލަވަ ކުރި ޑެޕިއުޓީ މިނިސްޓަރުންނާމެދު އަޅާފައިވަނީ ރަމްޒީ ފިޔަވަޅެއްކަމަށް ބުނެ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒު ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވަނީ ޕްރެޝަރަށް ކެތް ނުކުރެވިގެން, ފާޑުކިއުންތަކުން މިވަގުތަށް ރެކިވަޑައިގެންނެވޭނެ މަގެއް ހޯއްދެއްވުމަށް ކަމަށެވެ.