އާރަބަންކޯގެ ބައެއް މުވައްޒަފުން އަންނަ ހޮނިހިރު ދުވަހު ކުޑަގިރި ޕިކްނިކް އައިލޭންޑުގައި މުޅިދުވަހު ޑިއުޓީ ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިން ގޮތުގައި އެކުންފުނީގެ މެނޭޖްމަންޓުން ދަނީ, އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭގެ މޭޔަރ އަދި ކަންސިލަރުންގެ ބައި އިލެކްޝަންގައި, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް, އާބަންކޯގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންނެވެ.
އެގޮތުން ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ވޯޓު ނުލާނެކަމަށް މެނޭޖްމަންޓަށް ގަބޫލުކުރެވޭ މުވައްޒަފުން ކުޑަގިރި ޕިކްނިކް އައިލޭންޑުގައި މުޅިދުވަހު ޑިއުޓީ ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު, ވޯޓްލާން ދާނެ އެއްވެސް މަގެއް ތަނަވަސް ކޮށްދީފައި ނުވާކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން އާބަންކޯގެ މުވައްޒަފު ބުނެފައި ވެއެވެ.
އަދި އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭނެކަމަށް މެނޭޖްމަންޓުން ގަބޫލުކުރާ މުވައްޒަފުން މިއިންތިޚާބުގައި ވޯޓު ނުލެވޭނެކަން ޔަގީން ކުރުމުގެ ގޮތުން ހޮނިހިރު ދުވަހާއި ދިމާކޮށް އެހެން ރަށްތަކަށް ފޮނުވަމުން ދާކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފު ކިޔައިދީފައިވެއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިން ގޮތުގައި, މިއިންތިޚާބުގައި އާޒިމާއަށް ވޯޓުލުމަށް އާބަން ކޯއިން މަޖުބޫރު ކުރުވަމުން ދަނީ ހަމައެކަނި ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުންނަށް އެކަނި ނޫންކަމަށާއި, އެކުންފުނީގެ އެންމެ އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށްވެސް ކުންފުނީގެ މެނޭޖްމަންޓުން ސަރުކާރު ކެނޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަމުން ދާކަމުގައެވެ.
އަދި ވަޒީފާގެ ބިރު ދައްކަމުން ދަނީ މިހާރު އަލަށް ކުންފުނީގެ މެނޭޖްމަންޓަށް ސަރުކާރުން އައްޔަންކޮށްފައިވާ ފީއެންސީގެ އެކްޓިވިސްޓުން ކަމުގައިވެސް ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިނެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތަކުގެ ތެރޭގައި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެކަމަށާއި, އަދި މުވައްޒަފުންނަށް ސިޔާސީ ނުފޫޒު ނުފޯރުވުން ހިމެނުނު ނަމަވެސް, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒުގެ އަމުރަށް ފެނަކަ ކޯޕަރޭޝަންއިން ވަނީ އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.
އަދި ކުރިޔަށް އޮތް މޭޔަ ބައި އިލެކްޝަންއަށް ސަރުކާރުގެ ކުންފުނިތަކުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ނުފޫޒު ފޯރުވަމުންނެވެ.