ސިޔާސީ

ރިޕޯޓު: މުއިއްޒުއެވެ! ކޮރަޕްޝަންގެ ހަރާމް ފައިސާގެ ދަހިވެތިކަމުގައި, ޗައިނާގެ އުނގަށް ތިޔަ ވެއްޓިވަޑައިގަތީ ހާދަހާވާ އަވަހަކަށެވެ!

ދިޔަވަރު
ރިޕޯޓު: މުއިއްޒުއެވެ! ކޮރަޕްޝަންގެ ހަރާމް ފައިސާގެ ދަހިވެތިކަމުގައި, ޗައިނާގެ އުނގަށް ތިޔަ ވެއްޓިވަޑައިގަތީ ހާދަހާވާ އަވަހަކަށެވެ!

ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށްވި ނަމަވެސް, މިއީ މިނިވަން މުސްތަގިއްލު ގައުމެކެވެ. އަދި މި ގައުމަކީ އެއްވެސް އިރަކު, ތަރައްގީގެ ދަހިވެތި ކަމުގައިވެސް އަދި އޭނޫން މަގުސަދެއްގައިވެސް އެއްވެސް ގައުމެއްގެ އުގަށް ވެއްޓި, ގައުމުގެ އިގްތިސާދީ މިނިވަންކަން ނަގާލި ގައުމެއް ނޫނެވެ. މުޅި ގައުމުގެ ތަރައްގީ ފާއިތުވި އެއްވެސް ސަރުކާރަކުން އެންމެ ގައުމަކަށް ހިބަކޮށް ދީފައެއް ނުވެއެވެ.

ފަހަަރެއްގައި ޚިޔާލުތަފާތުވާ ބަޔަކު ތިބެދާނެއެވެ. އެހެންނަމަވެސް ރައީސް ޔާމިންގެ ދައުރުގައި އެމަނުކުފާނުވެސް ގައުމުގެ ތަރައްގީގެ ލަގަން ދޫކޮށް ނުލައްވައެވެ. ސިނަމާލެ ބްރިޖް ޗައިނާގެ އެހީގައި އެޅުއްވި ނަމަވެސް, ތަރައްގީގެ ހުރިހާ މަޝްރޫއެއް އެގައުމަށް ދޫކޮށް ނުލައްވައެވެ. ދިވެހި ކުންފުނިތަކަށް ކުރެވޭވަރުގެ މަސައްކަތްތައް ހަވާލު ކުރެއްވީ ދިވެހި ކުންފުނިތަކާއެވެ.

ރައީސް ސާލިހުގެ ދައުރުގައިވެސް ހަމަ އެބީދައިންނެވެ. ވިލިމާލެ ބްރިޖް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރެއްވި ނަމަވެސް, ދިވެހީންނަށް ކުރެވޭ ޒާތުގެ މަސައްކަތްތައް, އިންޑިއާއަށް ވަޑައިގެން އެގައުމުން ކުންފުނިތައް ހޯއްދަވައިގެން އެކުންފުނިތަކާއި ހަވާލެއް ނުކުރައްވައެވެ. ގައުމުގެ އިގްތުސާދީ މިނިވަންކަން ދެމެހެއްޓެވިއެވެ. އޭރު ބަޔަކު މީހުން އެމަނިކުފާނުގެ ސިޔާސަތުތަކަށް ކީ ފާޑުކިޔުންތަކަކީ ބިލާހެއްކަން މިއަދު މިދަނީ މާ ސާފުކޮށް ފާޅުވެ ސާބިތު ވަމުންނެވެ.

ހައުސިން މަޝްރޫއަތަކާއި އަދި އެނޫން މަަޝްރޫޢުތައްވެސް ރައީސް ސާލިހުގެ ދައުރުގައި އިންޑިއާގެ ކުންފުނިތައް ނޫން އެހެން ކުންފުނިތަކަށް އެވާޑްކޮށް ހިންގާފައި އެބަހުއްޓެވެ.

އެހެންނަމަވެސް, ސަގާފީ ކަންކަމުން ފެށިގެ ގޮސް, ބްލޫ އިކޮނޮމީއާއި, ޑިޖިޓަލް އިކޮނޮމީގެ އިތުރުން, އިންވެސްޓްމަންޓްތައް ޕްރޮމޯޓު ކުރުމާއި, ހިއުމަން ރިސޯސް ޑިވެލޮޕް ކުރުމާއި, ޕީއެސްއެމްއަށް އެހީތެރިކަން ހޯދުމާއި, މާލެ ސަރައައްދުގެ ހުރިހާ މަގުތަކެއް ހެދުމާއި, ހިއްކާ ބިންތަކުގައި ހިންގާ ހުރިހާ ހައުސިން މަޝްރޫއުތަކެއް ހިންގުމުގެ އިތުރުން, ހިލެ އެހީއާއި, މަސްވެރިކަމުގެ ދާއިރާއިން ހިންގާންޖެހޭ ތަރައްގީގެ މަޝްރޫއުތަކާއި, މިހެންގޮސް ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއާއި ގުޅުންހުރި ހުރިހާކެމެއް އެއްވެސް ދައުރެއްގައި ބޭރުގެ ގައުމެއްގެ މުށުތެރެއަށް އެކީ ދުކޮށްލާފައެއް ނުވެއެވެ.

 އޭގެ ހަގީގީ ސަބަބަކީ, ލޯނުތައް ނެގުމާއި, އަދި ތަރައްގީއާއި ގުޅުންހުރި ހުރިހާކަމެއް އެއްގައުމަށް ދޫކޮށްލުން, އެމަންޒަރު ދުނިޔޭގެ އެހެން ގައުމުތަކުން ދެކޭގޮތައް ބޮޑު ބަދަލެއް އައުމުގެ އިތުރުން, އެބީދައިން ހެދޭ އެއްބަސްވުންތައް އެންމެ ފަހުން އިގްތިސާ ދަންތުރައަކަށްވެސް ބަދަލުވެގެން ދާތީއެވެ.

އޭގެ އެއް މިސާލަކީ ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސްގެ ވެރިކަމުގައި ތައްގީ ކުރި ހަންބަންޓޯޓާ ޓްރާންޝިޕްމަންޓް ބަނދަރެވެ. އެ ބަދަނރު ތަރައްގީ ކުރުމަށް އެގައުމުން ޗައިނާއިން ނެގި ލޯނު ޑީފޯލްޓްވެ, އެންމެ ފަހުން އެގައުމަށް ޖެހުނީ ޗައިނާއިން ތަރައްގީކުރި އެ ޕޯޓު ޗައިނާއަށް ދޫކޮށްލާށެވެ. ޗައިނާއަށް ޖިޒީ ދައްކާށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައި ގަތުމަށްފަހު އެމަނިކުފާނަކީ ރާއްޖެ ނޫން އެހެން އެއްވެސް ގައުމަކަށް ޕްރޯ މީހެއް ނޫންކަމަށް ވިދާޅުވި ނަމަވެސް, އަމަލުން މި ދެއްކެވީ ދިމާ އިދިކޮޅު ސިޔާސަތެކެވެ. އެމަނިކުފާނުގެ ކިބައިން ފެނިގެން މިދައީ އަމަލާއި ބަހާއި ދިމާނުވުމުގެ "މިނާފިގު" ސިފައެވެ.

އެގޮތުން, ގިނަބަޔަކު އެމަނިކުފާނަކީ ޗައިނާ ޕްރޯ ރައީސެއްކަމުގައި ކުރިއްސުރެ ބުނަމުން އަންނަ އައުން ދޮގުކޮށް, އެހެންނަމަވެސް ފުރަތަމަ ފުރަމާނަ ދަތުރުފުޅު މިކުރެއްވީ ޗައިނާއަށެވެ. އެވަރުންވެސް ފުދުނީއެއް ނޫނެވެ. ގައުމުގަ އޮތިއްޔާ އޮތްހާ އިގްތިސާދީ މަސައްކަތެއް މި ހަވާލުވެސް ކުރެއްވީ ޗައިނާއާއެވެ. މަޝްރޫއުތައް ބިޑް ކުރުމަކާވެސް ނުލާ ވެދުމަކަށް މިއެރުވީ ޗައިނާގެ ކުންފުނިތަކަށެވެ.

ހުޅުމާލޭގެ އާބަން އައިލްގެ ”ސްޕައިން“ އޭރިއާގައި ވިޔަފާރިތަކަށް އަޅާ ކުޑަ ހަތް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ހަވާކުރީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާއެވެ. މިއީ ރާއްޖޭގެ ކުންފުނިތަކަށް ވެސް، ކުރެވޭ ވަރުގެ ކުޑަ ޕްރޮޖެކްޓްތަކަކަށް ވާއިރު، ދިވެހި ކުންފުނިތަކަށް އިސްކަން ދޭނެ ކަމަށް ބުނެ ވެރިކަމަށް އައިސް، އެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ގެއްލުވާލީއެވެ.

އާދޭހެވެ. ޗައިނާގެ ކުންފުނިތަކަކީ އަބަދުވެސް ކޮމިޝަންގެ ގޮތުގައި ކޮރަޕްޝަންގެ ފައިސާ ބަހައިގެން ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކެއްކަން އެއީ އެންމެންވެސް ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮތްކަމެކެވެ. ސިނަމާގެ ބުރިޖްގެ މަޝްރޫއުން, ރައީސް ޔާމިންގެ ދައުރުގައި މަނިކުފާނު ޜިޝްވަތު ނެންގެވިކަން އެއޮތީ ސާފުކޮށް ފެންނާށެވެ. އެމަޝްރޫއު ހިންގި ފަރާތްތަކުން ޑޮލަރު ޖަމާކުރީ ސީދާ މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުތަކަށެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހުވެސް މަނިކުފާނުގެ އެހެން އެއްވެސް އެދުމެއް އެބައޮތްތޯއެވެ.

މުއިއްޒުއެވެ. ގައުމު ގުރުބާން ކޮށްގެން ނަމަވެސް, ރިޝްވަތާއި ކޮރަޕްޝަންގެ ފައިސާ އަމިއްލަ ޖީބަށް ލެއްވުން ނޫން އެހެން އެއްވެސް އެދުމެއް މަނިކުފާނުގެ އެބައޮތްތޯއެވެ! ކޮރަޕްޝަންގެ ހަރާމް ފައިސާގެ ދަހިވެތިކަމުގައި މަނިކުފާނު ޗައިނާގެ އުނގަށް ވެއްޓިވަޑައިގަތީ ހާދަހާވާ އަވަހަކަށެވެ!. އެހެންނަމަވެސް ވިސްނަވާށެވެ! އޭގެ ހިތިކަން މަނިކުފާނު ދާދި އަވަހަކަށް ދެކޭނެއެވެ!