ޚަބަރު

ފާޑު ކިއުން އަމާޒުވާން ފެށުމުން, ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ ތުހުމަތު ކުރެވޭ އިސޫ އާރބަންކޯއިން ވަކިކޮށްފި

ދިޔަވަރު
ފާޑު ކިއުން އަމާޒުވާން ފެށުމުން, ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ ތުހުމަތު ކުރެވޭ އިސޫ އާރބަންކޯއިން ވަކިކޮށްފި

ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރަކަމުން ވަކިކޮށްފިއެވެ.

އިސޫއަކީވެސް ރައީސް މުއިއްޒުގެ އެންވުމަށް ވަޒީފާ ދީފައިވާ ފަރާތެކެވެ.

އާބަންކޯގެ ޑިރެކްޓަރުކަމަށް އައްޔަންކުރިން ހަފްތާއެވެސް ނުވަނީސް އިސޫ މަގާމުން ވަކިކޮށްފައިވަނީ, ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ސަރުކާރުގެ އިސް މަގާމްތަކަށް އައްޔަން ކުރަމުންދާތީ ރައީސް މުއިއްޒުއަށް ވަރަށްބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވަނިކޮށެވެ.

އާބަންކޯގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަަށް މައުލޫމާތު ދިން ގޮތުގައި އިސޫ ޑެޕިއުޓީ ޑިރެކްޓަރަކަމަށް އައްޔަންކުރިތާ ހަފްތާއެއްވެސް ނުވަނީސް އޭނާ މަގާމުން ވަކި ކޮށްފައިވަނީ ކުރިމަތިވި ޕްރެޝަރުތަކާހެދި ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައީސް މުއިއްޒު އަންގަވައިގެންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރިލްވާން ރަހީނުކޮށް މަރާލުމަށް ޓަކައި 2014 ވަނަ އަހަރު އިސޫ އޭނާއަށް ފާރަލައި، މަރައިލުމުގައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި، ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ވަނަ އަހަރު އޭނާއަށް ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ވެސް އިސޫގެ މައްޗަށް ތުހުމަތު ކުރިއެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގު ކުރަން ކުރީގެ އެމްޑީޕީ ސަރުކާރުން އެކުލަވައިލި މަރު ކޮމިޝަނުން އެ ދެ މައްސަލަ ތަހުގީގުކޮށް، ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއެވެ. އެއީ، އިސޫގެ އިތުރުން އަހްމަދު މުއާޒު (ގަޓު މުއާ) އާއި އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށެވެ.

ނަމަވެސް ފަހުން ކްރިމިނަލް ކޯޓުން ވަނީ މަދަނީ މިންގަނޑުން ބަލާއިރު، އިސޫ އާއި މުއާޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވައިލައިފައެވެ.

މިހަފްތާގައި ރައީސް މުއިއްޒުވަނީ, ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ވަގު ލިޔުމެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރި ހަސަން އަލީއަށްވެސް މި ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުކަން ދީފައެވެ.

މަރާލާފައިވާ ރިޟުވާންއާއި ޔާމިން ރަޝީދުގެ މަރުގެ މައްސަލާއިގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ރައީސް މުއިއްޒު ސަރުކާރުގެ މަތީ މަގާމްތައް ދަމުންދާރީ ގިނަބެއްގެ ފާޑުކިއުން އަމާޒުވެސް ސަރުކާރަށްވަނީ އާންމުންގެ ގިނަ ބައެއްގެ ރުޅިވެރިކަމާވެސް ކުރިމަތިލާން ޖެހިފައެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ ގޭންގުތަކުގެ އިސްވެރިންގެ އިތުރުން ރޭޕްގެ ތުހުމަތު ކުރެވޭ ފަރާތްތައްވެސް ސަރުކާރުގެ ސީނިއަރ މަގާމްތަކަށް ދަނީ އައްޔަން ކުރަމުންނެވެ.