ޚަބަރު

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަނީ 

ދިޔަވަރު
މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަނީ 

އަންނަ މާޗް މަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލަން ތާވަލްކޮށްފައި ވަނީ މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 14 ގެ ނިޔަލަށް ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބު ބާއްވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބެވި ނަމަވެސް، އާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައިމާޗު 17 ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފުރިހަމަވާންޖެހޭ ޝަރުުތުތަކަށް ބަލާލާއިރު ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެސް ވާދަ ނުކުރެވޭނެއެވެ.

އަދި ހަމައެއާއެކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާންޖެހޭނެއެވެ.