ޚަބަރު

އާޒިމާގެ ކެމްޕޭނަށް ހައުސިން މިނިސްޓްރީގެ 2 ކޮމްޕިއުޓަރ ސިސްޓަމްއާއި 2 މޭޒު ދިން މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ދިޔަވަރު
އާޒިމާގެ ކެމްޕޭނަށް ހައުސިން މިނިސްޓްރީގެ 2 ކޮމްޕިއުޓަރ ސިސްޓަމްއާއި 2 މޭޒު ދިން މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަންގަވައިގެން, އެ މިނިސްޓްރީގެ އެޑްމިންގ ޑިޕާޓަށް މެއިލް ކޮށްގެން މަލޭސިޓީގެ މޭޔަރ އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓްގެ އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ބޭނުންކުރުމަށް 2 ކޮންޕިއުޓަރ ސިސްޓަމާއި 2 މޭޒް ގެންގޮސްފައިވާތީ އެމައްސަލަ އޭސީސީއަށް ހުށަހަޅައިފިއެވެ.

މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އަމިއްލަ ފަރާތަކުންނެވެ. އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ, ދައުލަތުގެ މުދާ މިކެމްޕޭނުގައި ބޭނުންކުރުމަށް ޑރ. ޢަލީ ޙައިދަރު ދޫކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އަދި ގާނޫނު އަސާސީއާވެސް ޚިލާފަށް ކަމަށެވެ. އަދި މިއީ ކޮރަޕްޝަންގެ އުސޫލުން ހިންގާފައިވާ އަމަލެއް ކަމުގައިވެސް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި, ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަންގަވައިގެން ހައުސިން މިނިސްޓްރީގެ މުވައްޒަފު އެމިނިސްޓްރީގެ އެޑްމިންގ ޑިޕާޓަށް ކުރި އީމެއިލްގައިވަނީ, "މިނިސްޓަރ އަންގަވައިގެން ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިސްމާއިލް އިނާޝް އެދިފައިވާ ގޮތަށް" އާޒިމާގެ ކެމްޕެއިން އޮފީހުގައި ބޭނުންކުރުމަށް މައިކްރޯ ސޮޕްޓް އޮފީސް ޕެކޭޖު އަޅާފައިވާ 2 ކޮމްޕއުޓަރ ސިސްޓަމާއި 2 މޭޒު 7 ޖެނުއަރީ 2024 ވަނަ ދުވަހަށް ލިބޭނެގޮތް ހަމަޖައްސަވައިދިނުމަށެވެ.

މި ތަކެތި މިހާރު އާޒިމާގެ ކެމްޕޭން އޮފީހުގައި ބޭނުން ކުރަމުންދާކަމުގައިވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ހައުސިން މިނިސްޓްރީގެ އޮފިޝަލް ޔަގީން ކޮށްދީފައި ވެއެވެ.

ކުރިޔަށް އޮތް މާލޭސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ސަރުކާރު ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ސަރުކާރުން ދަނީ އިންތިޚާބަށް ސިޔާސީ ނުފޫޒު ފޯރުވަމުންނެވެ. އެގޮތުން އާބަންކޯއިން މިހާރުވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އާޒިމާގެއަށް ތާއީދު ނުކުރާނެކަމަށް މެނޭޖްމަންޓަށް ގަބޫލު ކުރެވޭ ބައެއް މުވައްޒަފުން ވޯޓު ލާދުވަހު މާލެ ކައިރީގައިވާ ކުޑަގިރި ޕިކްނިކް އައިލޭންޑުގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ހަމަޖައްސާ, އެ މުވައްޒަފުންނަށް އެދުވަހު މާލެ އާދެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާ ނުދީފައެވެ.

އޭގެ އިތުރުންވެސް އާޒިމާއަށް ވޯޓު ނުލާނެކަމަށް އާބަންކޯއިން ގަބޫލުރާ ބައެއް މުވައްޒަފުންވަނީ, ވޯޓު ނުލެވޭގޮތް ހަދަން, އެހެން ރަށްތަކަށްވެސް ހޮނިހިރުދުވާހާއި ދިމާކޮށް ފޮނުވާލާފައެވެ.