ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރައިގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އަދި މޭޒުތައްވެސް, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރުގެ ކެމްޕޭން އޮފީހުގައި ބޭނުންކުރުމަށް ދޫކޮށްފިއެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދިން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރައިގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިތަކެތި ދޫކޮށްފައިވަނީ އެމިނިސްޓްރީގެ ވަޒީރު ޑރ. ޢަލީ ޙައިދަރުގެ އެންގުމަށް ކަމަށެވެ.
އެގޮތުން މިތަކެތި ދޫކުރުމަށް އެ މިނިސްޓްރީގެ އެޑްމިންގ ޑިޕާޓަށް އީމެއިލް ކޮށްފައިވަނީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިސްމާއިލް އިނާޝްއެވެ. އޭނާގެ އީމެއިލްގައި އަންގާފައިވަނީ, ”މިނިސްޓަރ އަންގަވައިގެން" އާޒިމާގެ ކެމްޕެއިން އޮފީހުގައި ބޭނުންކުރުމަށް މައިކްރޯ ސޮޕްޓް އޮފީސް ޕެކޭޖު އަޅާފައިވާ 2 ކޮމްޕއުޓަރ ސިސްޓަމާއި 2 މޭޒު 7 ޖެނުއަރީ 2024 ވަނަ ދުވަހަށް ލިބޭނެގޮތް ހަމަޖައްސަވައިދިނުމަށެވެ.
މި ތަކެތި މިހާރު އާޒިމާގެ ކެމްޕޭން އޮފީހުގައި ބޭނުން ކުރަމުންދާކަމުގައިވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ހައުސިން މިނިސްޓްރީގެ އޮފިޝަލް ޔަގީން ކޮށްދީފައި ވެއެވެ.
ޑރ. ޢަލީ ޙައިދަރު އަޙްމަދު އަންގަވައިގެން, މަލޭސިޓީގެ މޭޔަރ އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓްގެ އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ބޭނުންކުރުމަށް 2 ކޮންޕިއުޓަރ ސިސްޓަމާއި 2 މޭޒް ގެންގޮސްފައިވާތީ އެމައްސަލަ އަމިއްލަ ފަރާތަކުން މިހާރުވަނީ މިމަހުގެ 9 ވަނަ ދުވަހު އޭސީސީއަށްވެސް ހުށަހަޅާފައެވެ.
އަމިއްލަ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ, ދައުލަތުގެ މުދާ މިކެމްޕޭނުގައި ބޭނުންކުރުމަށް ޑރ. ޢަލީ ޙައިދަރު ދޫކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އަދި ގާނޫނު އަސާސީއާވެސް ޚިލާފަށް ކަމަށެވެ. އަދި މިއީ ކޮރަޕްޝަންގެ އުސޫލުން ހިންގާފައިވާ އަމަލެއް ކަމުގައިވެސް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
ދައުލަތުގެ މުދާ އަމިއްލަ ފަރާތްތަކުގެ ބޭނުމަށް ދޫކުރުމަކީ މާލިއްޔަރު ގާނޫނުން މަނާކުރާކަމެކެވެ. އަދި ކެނޑިޑޭޓުން ކެމްޕޭން ކުރުމުގައި ރިޝްވަތު ދީގެންނާއި އަދި ކޮރަޕްޝަން އުސޫލުން ކެމްޕޭން ކުރުމަކީ އިންތިޚާބާބެހޭ ގާނޫނުން މަނާކޮށްފައިވާ ކަމެއްވެސްމެއެވެ.
ކުރިޔަށް އޮތް މާލޭސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ސަރުކާރު ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ސަރުކާރުން ދަނީ އިންތިޚާބަށް ސިޔާސީ ނުފޫޒު ފޯރުވަމުންނެވެ. އެގޮތުން އާބަންކޯއިން މިހާރުވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އާޒިމާގެއަށް ތާއީދު ނުކުރާނެކަމަށް މެނޭޖްމަންޓަށް ގަބޫލު ކުރެވޭ ބައެއް މުވައްޒަފުން ވޯޓު ލާދުވަހު މާލެ ކައިރީގައިވާ ކުޑަގިރި ޕިކްނިކް އައިލޭންޑުގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ހަމަޖައްސާ, އެ މުވައްޒަފުންނަށް އެދުވަހު މާލެ އާދެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާ ނުދީފައެވެ.
އޭގެ އިތުރުންވެސް އާޒިމާއަށް ވޯޓު ނުލާނެކަމަށް އާބަންކޯއިން ގަބޫލުރާ ބައެއް މުވައްޒަފުންވަނީ, ވޯޓު ނުލެވޭގޮތް ހަދަން, އެހެން ރަށްތަކަށްވެސް ހޮނިހިރުދުވާހާއި ދިމާކޮށް ފޮނުވާލާފައެވެ.