ޚަބަރު

ޗައިނާގެ ސީއެމްއީސީ ކުންފުނިން މަޖިލިސް ކެމްޕޭނަށް 100 މިލިއަން ރުފިޔާ ދެނީ, ބަދަލުގައި 800 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ބިޑް ކުރުމަކާ ނުލާ އެކުންފުންޏަށް އެވާޑް ކޮށްފި

ދިޔަވަރު
ޗައިނާގެ ސީއެމްއީސީ ކުންފުނިން މަޖިލިސް ކެމްޕޭނަށް 100 މިލިއަން ރުފިޔާ ދެނީ, ބަދަލުގައި 800 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ބިޑް ކުރުމަކާ ނުލާ އެކުންފުންޏަށް އެވާޑް ކޮށްފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ކެމްޕޭނަށް ރައީސް މުއިއްޒުއަށް 100 މިލިއަން ރުފިޔާ ދޭން ޗައިނާގެ ޗައިނާގެ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން އެއްބަސް ވެއްޖެއެވެ.

މި އެއްބަސުމާއި އެއްގޮތަށް, ރައީސް މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, މިހާރުވަނީ ޖުމްލަ 800 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ބިޑް ކުރުމަކާވެސް ނުލާ އެކުންފުންޏާއި ހަވާކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ.

"ދިޔަވަރު އޮންލައިން" އާއި ވާހަކަ ދެއްކި, މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ސީއެމްއީސީ ކުންފުނިން މަޖިިސް އިންތިޚާބަށް ދޭން އެއްބަސްވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ރުފިޔާ މިހާރުވަނީ ރައީސް މުއިއްޒުއާއި ހަވާލު ކޮށްފައި ކަމުގައެވެ. އެހެންނަމަވެސް އެފައިސާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ގޮތެއް އޮފިޝަލް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައިވާ ރަސްމާލެ އާއި ގުޅީފަޅުގައި މުނިސިޕަލް ހިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ތަރައްގީ ކުރުމަށް ޗައިނާގެ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ މިއަދުވަނީ ހަވާލުކޮށްފައެވެ.

މީގެ ތެރޭގައި ރަސްމާލެ އާއި ގުޅީފަޅުގެ މަގު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުންވެސް ހިމެނެއެވެ.

ޗައިނާގެ ސީއެމްއީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ފަންގް ޔަންޝުއީއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ޗައިނާގެ ސީއެމްއީސީ ކުންފުންޏާއި 800 މިލިއަން ޑޮލަރުގެ މަޝްރޫޢު (ރަސްމާލޭގެ މަގު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުންވެސް ހިމެނޭގޮތަށް) ރައީސް މުއިއްޒު ހަވާކުކުރެއްވިއިރު, ރަސްމާލެއަކީ އަދި ހިއްކާފައިވާ ތަނެއްވެސް ނޫންކަން ފާހަގަ ކޮށްލެވެއެވެ.

ސީއެމްއީސީއަކީ, ރައީސް ޔާމިންގެ ދައުރުގައި, މީގެކުރިން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 1،500 ފްލެޓު އެޅުމާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓުތައްވެސް އެޅީ ޗައިނާގެ ސީއެމްއީސީ ކުންފުނިންނެވެ.

ހުޅުމާލޭގެ އިތުރުން ފުވައްމުލަކުގައި ވެސް ވަނީ އެ ކުންފުނި ފްލެޓުތަކެއް އެޅުމުގެ މަޝްރޫއެއް ހިންގައިފައެވެ.

މި މަޝްރޫއުތައް ހިންގިއިރު އޭރު ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވުމާއެކު މި ކުންފުނީގެ އިސްވެރިންނާއި ރައީސް މުއިއްޒުއާއި ޕާސަނަލް ގުޅުންތަކެއް އޮވެއެވެ. މިގޮތުން އެކުންފުނީ ރައީސް ރައީސް ފަންގް ޔަންޝުއީއަކީ ރައީސް މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ސިނަމާގެ ބުރިޖްގެ މަޝްރޫއާއި ހައުސިން މަޝްރޫއުތައް ކުރިޔަށް ގެންދިޔައިރު, ސީދާ ރައީސް މުއިއްޒު ރިޝްވަތު ނެންގެވިކަން އޮތީ ހާމަވެފައެވެ. އެމަޝްރޫއު ހިންގި ފަރާތްތަކުން ޑޮލަރު ޖަމާކުރީ ސީދާ ރައީސް މުއިއްޒުގެ އަމިއްލަފުޅު އެކައުންޓުތަކަށެވެ. ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒުގެ ޓީމުންވަނީ މުއިއްޒުގެ އެކައުންޓަށް ޗައިނާގެ ކުންފުނިތަކުން ޑޮލަރު ޖަމާކުރިކަމަށް އިއުތިރާފްވެސް ވެފައެވެ.

ޗައިނާގެ ކުންފުނިތަކަކީ އަބަދުވެސް ކޮމިޝަންގެ ގޮތުގައި ކޮރަޕްޝަންގެ ފައިސާ ބަހައިގެން ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކެއްކަން އެއީ އެންމެންވެސް ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮންނަ ކަމެކެވެ.