ޚަބަރު

‏މާލޭގެ ސްކޫލްތައް ހަލާކޮށްލުން، އަނެއްކާވެސް ޕްރިންސިޕަލެއް ވަކިކޮށް މިނިސްޓްރީއަކަށް

ދިޔަވަރު
‏މާލޭގެ ސްކޫލްތައް ހަލާކޮށްލުން، އަނެއްކާވެސް ޕްރިންސިޕަލެއް ވަކިކޮށް މިނިސްޓްރީއަކަށް

‏މާލޭގެ ސްކޫލްތައް ސިޔާސީކޮށް އެތަންތަނުގައި ތިބި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ވަކިކުރުމަށް ސަރުކާރުން ހިންގާ ދަށު ދަރަޖައިގެ އެޖެންޑާގެ ތެރެއިން އަނެއްކާވެސް ޕްރިންސިޕަލެއް ވަކިކޮށް އެހެން މަޤާމަކަށް އައްޔަންކޮށްފިއެވެ.

މިފަހަރު ބަދަލުކޮށްފައިވަނީ 100 އިންސައްތަ ދިވެހި މުދައްރިސުންނާއި އެކު ކިޔަވާދެމުން ދިޔަ ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދެވެ. އޭނާ ވަނީ އެ ސްކޫލްގެ ޕްރިންސިޕަލް ކަމުން ވަކިކޮށް މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ޕާމަނަންޓް ސެކެރެޓަރީއަށް އައްޔަން ކޮށްފައެވެ.

މީގެކުރިންވެސް ވަނީ މާލޭގެ އެންމެ ބޮޑެތި ސްކޫލްތަކުގެ ގޮތުގައި ހިންގާ 2 ސްކޫލެއްގައި ތިބި ރަނގަޅު 2 ޕްރިންސިޕަލުން މަގާމު ވަކިކޮށް ސިޔާސީ މަގާމު ތަކަށް އައްޔަންކޮށްފައެވެ. އެއީ އިސްކަންދަރު ސްކޫލް ޕްރިންސިޕަލް ހުސެއިން ސައީދު މުހައްމަދާއި ސެންޓަރ ފޯ ހަޔަރ އެޑިއުކޭޝަން ( ސީއެޗްސީ ) ޕްރިންސިޕަލް އައިޝަތު ސަފޫރާއެވެ. މި ދެ ޕްރިންސިޕަލުންވެސް އައްޔަން ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނަށެވެ.

ސަރުކާރުގެ ސިޔާސީ ޕްރޮޕެންގެންޑާގެ ތެރެއިން ދާދި ފަހުންވެސް ވަނި ސްކޫލެއް ކުދިން ލައްވާ ރައީސް މުއިއްޒަށް ސަނާ ކިޔާ ލަވަ ކިޔުއްވާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ތުއްތު ދަރިވަރުންތަކެއް ނެރެގެން އެ ކުދިން ލައްވާ ވަނީ ރައީސް މުއިއްޒަށް ޅެން ބަހުން ސަނާ ކިޔުއްވާފައެވެ. މިކަމަށް އެތައް ބަޔަކު ވަނީ ފާޑުވެސް ކިޔާފައެވެ.

ސަރުކާރުން ވަނީ ޓޮޕްޓެން ހޮވުން ވެސް ހުއްޓާލާފައެވެ. މަސައްކަތް ކުރަމުންދަނީ ދަރުވަރުންގެ ފެންވަރު އިތުރަށް ދަށްކޮށް، ތައުލީމީ ޤާބިލު ފަރާތްތައް އުފެދެން ހުރި ސްކޫލްތައް ހަލާކުކޮށްލުމެވެ. އަދި ގްރޭޑް 8 ގައި މިއަހަރު ތިބި ދަރިވަރުންގެ ސިލަބަސް ފުރިހަމަ ނުކުރެވޭނެ ހެން، އަވަސް އަރުވާލައިގެން އަންނަ އަހަރު ގްރޭޑް 8 ގެ ދަރިވަރުން އޯލެވެލް ހަދަން ސަރުކާރުން ދަނީ މަޖުބޫރު ކުރުވަމުންނެވެ. މިކަމުގެ ސަބަބުން އެކަނިވެސް އެތައް ހާސް ދަރިވަރުންގެ މުސްތަޤްބަލް ގެއްލިގެން ދާނެއެވެ.