ޚަބަރު

ރައީސް މުއިއްޒު ހިމެނޭހެން, 18 މީހުންގެ ވަފުދުން ޗައިނާގެ ބޮޑުފާރު ބައްލަވާލެއްވުމަށް ނެގި ޓުއަރ ޕެކޭޖަށްވެސް ޚަރަދު ކުރީ ދައުލަތުގެ ބަޖެޓުން

ދިޔަވަރު
ރައީސް މުއިއްޒު ހިމެނޭހެން, 18 މީހުންގެ ވަފުދުން ޗައިނާގެ ބޮޑުފާރު ބައްލަވާލެއްވުމަށް ނެގި ޓުއަރ ޕެކޭޖަށްވެސް ޚަރަދު ކުރީ ދައުލަތުގެ ބަޖެޓުން

ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ހިމެނޭހެން 18 މީހުންގެ ވަފުދުން, ޗައިނާގެ މަޝްހޫރު ބޮޑު ފާރު ބައްލަވާލެއްވުމަށް މިއަދު ކުރެއްވި ދަތުރުފުޅަށް ނެގި ޓުއަރ ޕެކޭޖަށްވެސް ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްފިއެވެ.

ރަސްމީ ދަތުރުފުޅެެއްގެ ގޮތުގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ހޯއްދެވުމަށާއި, އަދި ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމުގައި ރައީސް އޮފީހުން ކުރިންވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ގިނަ ވަގުތު ހޭދަ ކުރައްވާފައިވަނީ ޗައިނާގެ ތާރީޚީ ތަންތަން ބައްލަވާލެއްވުމަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުތަކުގައެވެ. އޭގެ ތެރޭގައި ޗައިނާގެ މަޝްހޫރު ބޮޑު ފާރާއި އަދި މިއުޒިއަމްތައް ހިމެނެއެވެ.

ރައީސް މުއިއްޒުއާއެކީ 18 ބޭފުޅުންގެ ގުރޫޕުން މިއަދުވަނީ ޗައިނާގެ މަޝްހޫރު ބޮޑު ފާރަށް ޒިޔާރަތްކޮށް, އެ ތާރީޚީ ސަރަހައްދު ބައްލަވާަލއްވާފައެވެ. އަދި މިތަނަށް މި 18 ބޭފުޅުން ޒިޔާރަތް ކުރެއްވުމަށް ނެންގެވި ޓުއަރ ޕެކޭޖަށްވެސް ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރައްވާފައިވާއިރު, ރައީސުލްޖުމހުރިއްޔާވެސް އަމިއްލަފުޅު ކަންކަމަށް ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރުމަކީ މާލިއްޔަތު ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.

ޗައިނާގެ ބޮޑު ފާރަކީ ޗައިނާގެ ޙަޟާރަތާއި ގުޅުންހުރި ތާރީޚީ ބިނާއެކެވެ. އަދި މިއީ ޗައިނާއަށް ދަތުރުކުރާ ފަތުރުވެރުންގެ މެދުގައިވެސް މަޝްހޫރު ބިނާއެކެވެ.

ރައީސްގެ މި ދަތުރުފުޅު ގިނަ ބަޔަކު ސިފަކޮށްފައިވަނީ, ޗައިނާގެ ތާރީޚީ އަދި އާސާރީ ތަންތަން ބައްލަވާލެއްވުމަށް ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަން ރުފިޔާއެއް ތަޅާ ބުރުވާލި ދަތުރުފުޅެއްގެ ގޮތުގައެވެ.