ޚަބަރު

ސީރިޔާގައި އެތައް ލައްކަ މުސްލިމުންނެއް މެރި ހަނގުރާމައެއްގައި ބައިވެރިވި 36 ދިވެހި ޓެރަރިސްޓަކު ރާއްޖެ އަށް ސިއްރުން މިރޭ ގެންނަނީ

ދިޔަވަރު
ސީރިޔާގައި އެތައް ލައްކަ މުސްލިމުންނެއް މެރި ހަނގުރާމައެއްގައި ބައިވެރިވި 36 ދިވެހި ޓެރަރިސްޓަކު ރާއްޖެ އަށް ސިއްރުން މިރޭ ގެންނަނީ

ސީރިޔާގެ ދާހިލީ ހަނގުރާމާގައި، ރާއްޖެއިން ފިލައިގެން، ޤާނޫނާއި ޚިލާފަށް، ދިޔަ 36 ޓެރަރިސްޓަކު ރާއްޖެއަށް މިރޭ ދަތުރުކުރަމުން ދާކަމުގެ ޚަބަރު ސޯޝަލް މީޑިޔާގައި ފެތުރިއްޖެވެ. މީގެ ތެރޭގައި ޤާސިމް އިބްރާހިމް ގެ އަނބިކަބަލުން އައިޝަތު ނަހުލާ (ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ)ގެ އެއްބަނޑު އެއްބަފާ ކޮއްކޮމެންތައް މި ފްލައިޓްގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ދަތުރު ކުރަމުން ދަނީ ބިޔޯންޑްގެ ފްލައިޓެއް ޗަރޓަރ ކޮށްގެންނެވެ.

ދިޔަވަރަށް އިތުރަށް މައުލޫމާތު ލިބޭ ގޮތުގައި މި ފްލައިޓްގައި ތިބި ފަރާތްތަކުގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ތެރެއަށް ވިހެއި، މީހުންވެސް ހިމެނެއެވެ. މި ހަނގުރާމާގައި އަނބިން ގޮވައިގެން ގޮސް ހަނގުރާމަ ކުރަނިކޮށް ފިރިން މަރުވެ ހުވަފެންވި އަންހެނުންވެސް އެބަތިއްބެވެ. އެމީހުން އެކި މީހުންނާއި އިނދެ ލިބުނު ދަރިންވެސް މީގެ ތެރޭގައި ހިމެނޭކަމަގައު މައުލޫމާތު ލިބެއެވެ. މިއީ ކުށެއް ނެތް މައުސޫމު ކުދިންތަކެކެވެ.

ރާއްޖެއަށް މި މީހުން ގެނެސް ރިހިބިލިޓޭޝަންގެ ޚިދުމަތް މި މީހުންނަށް ދޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި ރިހިބިލިޓޭޝަން ފެސިލިޓީ އަކީ ކިހާ ފެންވަރެއްގެ ރިހިބިލިޓޭޝަން އެއް ފޯރުކޮށްދޭ ތަނެއް ކަމެއް ސާފުވެފައެއް ނުވެއެވެ. ރާއްޖޭގައި އާންމުންނަށް ފެންނަށް ހުރި ޑްރަގް ރިހިބިލިޓޭޝަން އާއި، އެފަދަ އެހެނިހެން ވަސީލަތްތަކަކީ ފެންވަރުދަށް، ފުރިހަމަ ފަރުވާ ދެވެން ނެތް އަދި އެހާމެ ފަރުވާ ކުޑަކޮށް ހިދުމަތްދޭ ތަންތަން ކަމުން، ޓެރަރިސްޓުން ރިހިބިލިޓޭޝަން ކޮށްދިނުމަށް ހަދާފައިވާ ތަނަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ފެންވަރުގެ ތަންތަނަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ސްކޫލްތަކުގެ މާހައުލުގައި ބުލީ ކުރާ ކުދިންނާއި މެދުވެސް އެއްވެސް ފިޔަވަޅެއް އެޅެން ނެތްތާގައި ސްކޫލްތަކުގައި އެކަންކަން ސިއްރުކޮށް، އެޑިޔުކޭޝަނުން އަޅާ ނުލާ ސަގާފަތެއް އުފައްދަމުން ދާއިރު، ހަނގުރާމައެއްގައި މީހުން މަރާތަން ލޮލަން ފެނި، މީހުން މެރުން އެއީ ކުޑަކުޑަ ކަންކަން ގޮތުގައި ފެނިފައިތިބި ކުދިންތަކެއް، ރާއްޖޭގެ ސްކޫލްތަކަށް ފޮނުވަންފެށުމުން ކުރިމަތިވެދާނެ ހާލަތަކާއި މެދު، އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

މި ފްލައިޓް މިރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ޖައްސާއިރު، ރާއްޖޭގެ ގިނަބަޔަކު މީހުން މެރުމުގައި ބައިވެރިވެފައިވާ 36 ޓެރަރިސްޓަކު ރާއްޖެއަށް ގެނައުމާއި އިންތިހާއަށް ދެކޮޅެވެ. މިއީ ދިވެހިންގެ އާންމު ދިރިއުޅުމުގެ ސުލްހަވެރިކަން ގެއްލިގެންދާ ނުހަނު ބިރުވެރި ކަމެކެވެ. މި މީހުން ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ޖިހާދު ކުރުމުގެ ނަމުގައި ކަމުގައި ވިއަސް، ސީރިޔާ ހަނގުރާމާގައި އެޤައުމުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރި، ގިނަ ހަނގުރާމަ ވެރި ޖަމާއަތްތަކަށް ފައިސާ ހަރަދު ކޮށްފައި ވަނީ އެމެރިކާއާއި އިޒްރޭލުން ކަމަށް ހުޅަނގުގެ މީޑިޔާތައް ނޫން އެހެނިހެން މީޑިޔާތަކަކުން ވަނީ ހާމަ ކޮށްފައެވެ. މި ހަނގުރާމައިން ސީރިޔާ ސަރުކާރު ބަލިވިނަމަ، އެކަމުގެ އެންމެ ބޮޑު ފައިދާއެއް ވާނީ އަރަބި ސްޕްރިންގ ފެށި އެމެރިކާއަށާއި، އިޒްރޭލަށެވެ.