ހުސްވެފައިވާ މާލެ ސިޓީ ކައުންސިލުގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
މިއަދު ބާއްވާ މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ޖެހި އިރެވެ. ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:00 ޖަހާއިރެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަ ކުރަނީ ފަސް ކެންޑިޑޭޓުންނެވެ. އެއީ:
ޝުއައިބު އަލީ (އަމިއްލަ ގޮތުން)
ހުސެއިން ވަހީދު (އަމިއްލަ ގޮތުން ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ތާއިދާއެކު)
އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
އާދަމް އާޒިމް (އެމްޑީޕީ)
މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)
މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން މިއަދު ކުރިއަށް ދާނެ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބެ އެވެ.