ސޯޝަލް ސެންޓަރުގައި ހުން ޔޫތު މިނިސްޓްރީގެ އޮފީސް ތެރޭގައި, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ކެމްޕޭން ކުރުން އިލެކްޝަންސް ކޮމިޝަންގެ އެންގުމަށްވެސް ހުއްޓައެއް ނުލިއެވެ.
އެހެންނަމަވެސް ސޯޝަލް ސެންޓަރަކީ ވޯޓުލާ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތަނެކެވެ.
ސޯޝަލް ސެންޓަރުގައި ހުރި މީހަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޮތުގައި ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު މިނިސްޓްރީގެ އޮފީސްތެރޭގައި ދަނީ މީހުންނަށް ގުޅާ އަދި ފައިސާވެސް ބަހަމުންނެވެ.
ވޯޓުލާ މީހުންނަށް ފައިސާ ބަހަމުންދަނީ އެ އޮފީސްތެރެއަށް ވޯޓުލާ މީހުން ވެއްދުމަށްފަހު ކަމަށާއި, ފައިސާ ހިފައިންގެން ނިކުތްތަން ފެނިފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި ވާހަކަ ދެއްކި މީހުން ކިޔައި ދީފައިވެއެވެ.
އެތަނުގައި ކެމްޕޭން ކުރުން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވަޑައިގެން އެންގި ނަމަވެސް, އެއީ ސަރުކާރުގެ އޮފީހެއް ކަމަށާއި, އެތަނުގައު ކުރިޔަށްދާ މަސައްކަތްތައް ނުހުއްޓުވޭނެކަމަށް އެތަނުގެ މުވައްޒިފުން އަންގާފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ފަރާތްތަކުން ކިޔައި ދީފައި ވެއެވެ.
އަދި އެތަނުގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން ހަބީބަށް އިންޒާރުދީ އޭނާ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މިއަދު ކުރިޔަށްދާ މާލޭސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ސަރުކާރު ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ސަރުކާރުން ދަނީ އިންތިޚާބަށް ސިޔާސީ ނުފޫޒު ފޯރުވަމުންނެވެ.
އެގޮތުން އާބަންކޯއިން މިހާރުވެސްވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އާޒިމާގެއަށް ތާއީދު ނުކުރާނެކަމަށް މެނޭޖްމަންޓަށް ގަބޫލު ކުރެވޭ ބައެއް މުވައްޒަފުން ވޯޓު ލާދުވަހު މާލެ ކައިރީގައިވާ ކުޑަގިރި ޕިކްނިކް އައިލޭންޑުގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ހަމަޖައްސާ, އެ މުވައްޒަފުންނަށް މިއަދު މާލެ އާދެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާ ނުދީފައެވެ.
އޭގެ އިތުރުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަންގަވައިގެން, އެ މިނިސްޓްރީގެ އެޑްމިންގ ޑިޕާޓަށް މެއިލް ކޮށްގެން މަލޭސިޓީގެ މޭޔަރ އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓްގެ އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ބޭނުންކުރުމަށް 2 ކޮންޕިއުޓަރ ސިސްޓަމާއި 2 މޭޒް ގެންގޮސްފައިވާތީ އެމައްސަލަ އަމިއްލަ ފަރާތަކުން މިހާރުވެސް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.