ޚަބަރު

އިންތިޚާބުން ބަލިވި އާޒިމާއަށް ވަޒީރުން ފެންވަރުގައި ރައީސް މުއިއްޒުގެ ލީގަލް އެޑްވައިޒަރުކަން ދެއްވަނީ

ދިޔަވަރު
އިންތިޚާބުން ބަލިވި އާޒިމާއަށް ވަޒީރުން ފެންވަރުގައި ރައީސް މުއިއްޒުގެ ލީގަލް އެޑްވައިޒަރުކަން ދެއްވަނީ

މިއަދު އޮތް މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންއިން ބަލިވި, ސަރުކާރު ކެނޑިޑޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރެއްވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ރައީސް މުއިއްޒު ލީގަލް އެޑްވައިޒަރުކަން ދެއްވަން ހަމަޖައްސަވައިފިއެވެ.

މިއަދު ބޭއްވުނު މޭޔަރ ބައި އިލެކްޝަން އިދިކޮޅު ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 44.8 ޕަސެންޓް ވޯޓުންނެވެ. އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 29.6 ޕަސެންޓް ވޯޓެވެ. ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފް ފާތިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 13.8 ޕަސެންޓެވެ.

ސަރުކާރު އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި އާޒިމާ އިންތިޚާބުން ބަލިވުމާއެކު ރައީސް މުއިއްޒު ނިންމަވާފައިވަނީ އާޒިމާއަށް ވަޒީރުން ފެންވަރުގައި ރައީސް މުއިއްޒުގެ ގާނޫނީ މުޝީރުކަން ދެއްވުމަށެވެ.

އެހެންނަމަވެސް, ކުއްލިއަކަށް އާޒިމާއަށް ގާނޫނީ މުޝީރުކަން ދެއްވުމަށް ރައީސް މުއިއްޒު ނިންމެވި ސަބަބެއް އޮފިޝަލް ވިދާޅުވެފައެއް ނުވެއެވެ.

އެހެންނަމަވެސް ފައިތުވި މޭޔަ ބައި އިލެކްޝަންގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވެފައިވަނީ, އޭނާއަކީ މިހާރު އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫންކަމަށާއި, އިސްލާމިކް ބޭންކަށް ދައްވަންޖެހޭ ފައިސާވެސް ނުދެއްކެވިފައިވަނީ އާމްދަނީ ލިބެ އެއްވެސް މަސައްކަތެއް ނުކުރައްވާތީ ކަމުގައެވެ.

ޕީއެންސީގެ ކެނޑިޑޭޓް އިންތިޚާބުން ބަލިވި ސަބަބާއި ގުޅޭގޮތުން ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް މިރޭ ވިދާޅުވީ އާޒިމާ އިންތިޚާބުން ބަލިވީ އާންމު މެމްބަރުންނާއި ބާއްވަންޖެހޭ ގުޅުން ނުބޭއްވުމުގެ ސަބަބުން ކަމުގައެވެ.