މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި މޭޔަރުގެ މަގާމު ޕީއެންސީއަށް ގެއްލުނީ މި އިންތިހާބުގައި ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ސަޕޯޓަރުންނާ ގުޅުން ބާއްވަންޖެހޭ މިންވަރަށް އެކަން ކުރެވިފައި ނުވާތީ ކަމަށް ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ޗެއަރޕާސަން އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރާއި މާލޭގެ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ނަތީޖާއަށް ފަހު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ ކެނޑިޑޭޓަށް ރައްޔިތުންނާއި އެކަށީގެންވާ ގޮތެއްގައި ގުޅުން ބޭއްވިފައި ނުވާތީ ޕީޑަރޝިޕުން އާންމު މެމްބަރުންގެ ކިބައިން މާފަށް އެދޭ ކަމުގައެވެ.
އާންމު މެންބަރުންނާއެކު ބާއްވަންޖެހޭ ގާތް ގުޅުން ނުބޭއްވުނީތީ ވަރަށް ބޮޑަށް މައާފަށް އެދެން
އަބްދުލްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ޕީއެންސީއާ އެކު ނެތުމަކީ މިއަދު ނާކާމިޔާބާ ކުރިމަތިވި ސަބަބެއްތޯ އެހުމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނެތުމަކީ އިންތިހާބުން ބަލިވި ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލާން ނިކުތީ ވަރަށް މަދު ބައެއް ކަމަށް ފާޙަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ސަޕޯޓަރުންނާ ރަނގަޅު ގުޅުމެއް އުފެއްދުނުނަމަ ގިނަ ބަޔަކު ވޯޓުލާންވެސް ނެރެވުނީސް ކަމަށެވެ. އެކަމަކު ދެން އެފަދަ ކަމެއް ތަކުރާރުކޮށް ނުކޮށް ގުޅުންތައް ވަރުގަދަކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިއިންތިހާބުންވެސް ފިލާވަޅުތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އާޒިމް މިއަދު އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 44.8 ޕަސެންޓް ވޯޓުންނެވެ. އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 29.6 ޕަސެންޓް ވޯޓެވެ. ތިންވަނައަށް ދިޔަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފް ފާތިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 13.8 ޕަސެންޓެވެ.
މިއިންތިހާބުގައި އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި ޝުއައިބް އަލީ ވެސް ވާދަކުރެއްވި އެވެ.