އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި, އެކަނޑުގައި ރާއްޖޭގެ ބާރު މާ ގަދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާކަނޑުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖެއަށް ކަަމަށެވެ.
އަދި ވިދާޅުވީ ރާއްޖޭގެ ރަށްތައް ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށްވެސް ބޮޑު ކަމަށެވެ.
މި ކަނޑުގައި އެއްގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ… އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިއްޔެގެ ޕްރެސްގައި މުއިއްޒުވަނީ ރާއްޖެއަށް ބުލީ ނުކުރުމަށްވެސް އިންޑިއާއަށް އިންޒާރު ދެއްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވި ނަމަވެސް އިންޑިއާއަށް ރާއްޖެއަށް ބުލީ ނުކުރެވޭނެކަމުގައެވެ.
އަދި ވިދާޅުވީ ރާއްޖެ އޮތީ އިންޑިއާގެ "ބެކް ޔާޑުގައި" ނޫންކަމަށާއި, ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ.
އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް.
އިންޑިއާއަށް އިންޒާރު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިއްޔެގެ ޕްރެސް ސްޓޭޓްމަންޓުގައި މުއިއްޒުވަނީ އިންޑިއާއަށް ބަރޯސާވުން ކުޑަކުރުމަށް, ރާއްޖެއިން ކާޑުގެ ބާވަތްތައްވެސް އެހެން ގައުމުތަކުން އެތެރެ ކުރުމަށް ނިންމާފައިވާކަން އިއުލާންކޮށް އަދި އާސަންދައި ބޭސްފަރުވާ ކުރުމަށްވެސް ދިވެހިން ދެން އިންޑިއާއަށް ދާން ނުޖެހޭނެ ގޮތް ހައްދަވާ ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އިންޑިއާ ކަނޑުގެ މިލްކުވެރިކަމަށް ދައުވާ ކުރައްވާފައިވާއިރު, ފާއިތުވި ހަފްތާގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި, ހދ. މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރަން ސިއްރު އެއްބަސްވުމެއްގައި މުއިއްޒު ވަނީ ސޮއި ކޮށްފިއެވެ. އެހެންނަމަވެސް, ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ޗައިނާއާއެކީ ސޮއިކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާ 20 އެއްބަސްވުމުގެ ތެރޭގައި މިއެއްބަސްވުން ހިމަނާފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ސިއްރު އެއްބަސްވުމެއްގެ ގޮތުގައި ސޮއިކޮށްފައިވާ މި އެއްބަސްވުމުގައި މި މިލިޓަރީ ބޭސް އަށް ދީފައިވާ ނަމަކީ ”ނޭވީ މަރުކަޒު“ ނުވަތަ ”މެރިޓައިމް ސެންޓަރު“އެވެ.
މެރިޓައިމް ސެންޓަރު ނުވަތަ ނޭވީ މަރުކަރުގެ ގޮތުގައި އެއްބަސްވުމުގައި ލިޔެފައިވަނީ, މި ސިއްރު އެއްބަސްވުން ހާމަކުރުމަށް ސަރުކާރަށް މަޖުބޫރުވެއްޖެ ހާލަތެއްގައިވެސް, ޗައިނާއިން ރައްޖޭގައި މިލިޓަރީ ބޭސްއެއް ގާއިމް ކޮށްފައި ނުވާކަމަށް ސާބިތު ކޮށްދިނުމުގެ ގޮތުންނެވެ.
މަކުނުދޫއަކީ ރާއްޖޭގެ އުތުރުން ހުޅަނގަށް ވާގޮތަށް, އިންޑިއާ ކަނޑުން ދަތުރުކުތާ އުޅަނދުތަކާއި ސަބްމެރިންތަކަށް ފާރަލެވޭގޮތަށް, މުހިންމު ލޮކޭޝަނެއްގައި އޮންނަ ރަށެކެވެ. އަދި ޗައިނާއިން މި ރަށުގައި އަސްކަރީ ބޭސްއެއް ގާއިމް ކުރުމުން މުޅި އިންޑިއާ ކަނޑުގެ ސާވައިލަންސް ބެލެހެއްޓުމުގެ އިތުރުން އިންޑިއާ ކަނޑު ހުރަސްކޮށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް ޗައިނާގެ ނޭވީގެ ރާޑަރުތަކަށް ނާރާ ދަތުރެއް ނުކުރެވޭނެއެވެ.