ރާއްޖޭގައި ހެއްދޭ ދަނޑުވެރި ހުރިހާ ބާވަތެއް ހެއްދޭ ގޮތަށް އުތުރުތިލަފަޅުގައި އެގްރިކަލްޗާ އެސްޓެބްލިޝްމަންޓްއެއް ގާއިމުކުރުމަށް ޗައިނާއާއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ނުވަތަ ފުޑް ސެކިޔުރިޓީ، ޗައިނާގެ އަތް މައްޗަށް އެއްކޮށް ދޫކޮށްލަން މުއިއްޒު ކުރި މަޝްވަރާއެކެވެ. އޭރުން ރާއްޖެެއަށް ލިބެންވާ ކާބޯތަކެތި، ލިބޭނީ ޗައިނާއިން އުތުރުތިލަފަޅުގައި ހައްދާ ކާބޯތަކެތިން ދިން މިންވަރަކަށެވެ. އަދި މިފަދައިން ދަނޑުވެރި ހުރިހާ ބާވަތެއް ހެއްދޭ ވަރުގެ ތަނެއް އުތުރުތިލަފަޅުގައި ގާއިމު ކުރާނަމަ އެތަނުން ދީފައި ހުރި ގޯތިތައް ފުށި ދިއްގަރުފަޅަށް ނުވަތަ އެހެން ތަނަކަށް ބަދަލު ކުރަން ޖެހެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ސްޓޭޓް ވިޒިޓް ނިންމަވައިލެއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ދެއްވި ޕްރެސް ސްޓޭޓްމަންޓްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޝްވަރާ ކުރެވުނީ ގާތްގަނޑަކަށް ދެ ލައްކަ މީހުންގެ ސަޕްލައިއެއް ދެވޭ ވަރު ތަނެއް ހެދުމަށެވެ.
"އުތުރުތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށް، މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ވާ ވަރަށް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭ ވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް ގާއިމު ކުރުމުގެ މަޝްވަރާ ކުރެވިގެން ދިޔަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.