އެއްވެސް ހައިސިއްޔަތެއް ނެތި, މަހުޖަނު ގާސިމް އިބުރާހިމްގެ އަނބިކަނބަލުން ނަހުލާ, ރައީސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ތަނެއްގައި, މުއިއްޒުއާއި ސަލާމް ކުރައްވަން ސަފުގެ އެންމެ ކުރީގައި ހުންނަވަން ފަށައިފިއެވެ.
ނަހުލާވަނީ ދާދިފަހުން ރައީސް މުއިއްޒު ޗައިނާއަށް ފުރާ ވަޑައިގެންނެވިއިރުވެސް, އަދި ޗައިނާއިން ވަޑައިގެންނެވިއިރުވެސް ރައީސް މުއިއްޒުއާއި ސަލާމް ކުރައްވަން ސަފުގެ އެންމެ ކުރީގައި ހުންނަވާފައެވެ. އެގޮތުން ރައީސް މުއިއްޒު އެންމެ ފަހުން ޗައިނާއިން އެނބުރި ވަޑައިގެންނެވިއިރު, ނަހުލާ ހުންނަވާފައިވަނީ, ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރައީސްއާއި ޖެހިގެން މުއިއްޒުއާއި ސަލާމްކުރަން އަތުރާފައިވާ ސަފުގެ ތިންވަނާގައެވެ.
ނަހުލާ މުއިއްޒުއާއި ސަލާމް ކުރައްވަން ސަފުގެ ކުރީގައި ހުންނަވަން ފަށާފައިވާއިރު, އޭނާ ނިސްބަތްވާ ޖުމުހޫރީ ޕާޓީއަކީ މިސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ނޫނެވެ. އަދި މުއިއްޒު އިންތިޚާބު ކޮށްދިނުމަށް ފާއިތުވި ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީންވެސް އަދި މަހުޖަނު ގާސިމްވެސް މުއިއްޒުއަށް ތާއީދު ކުރައްވާފައެއްވެސް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުއާއި ސަލާމް ކުރައްވަން ސަފުގެ ކުރީގައި ހުންނަވަން ނަހުލާ ޖާގަ ހޯއްދަވަމުން ދަނީ, ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްއަށް މެސެޖްކޮށް އާދޭސް ދަންނަވައިގެންނެވެ.
ކުއްލިއަކަށް ނަހުލާ މުއިއްޒު އައި ސަލާމް ކުރައްވަން ސަފުގެ ކުރިއަށް އަރުއްވަން ފައްޓަވާފައިވާއިރު, އޭނާވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައެވެ. އަދި ވެރިކަންކުރާ ޕާޓީ, ޕީއެންސީގެ ޓިކެޓް ނަހުލާއަށް ދޭން ނިންމާފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“ މައުލޫމާތު ލިބިފައި ވެއެވެ.
އޭގެ ބަދަލެއްގެ ގޮތުން, ގާސިމްގެ ގޮޑިއާއި ނަހުލާގެ ގޮނޑި ޖޭޕީއަށް ދޫކޮށްލުމުން, 50 މިލިއަން ރުފިޔާ ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ޚަރަދު ކޮށްދެއްވުމަށް މަހުޖަނު ގާސިމް އެއްބަސްވެވަޑައިގެންފައި ވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައި ވެއެވެ.
ކުރީ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި ނަހުލާ ހުންނެވިއިރު ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަށް އަދިވެސް ވީ އޭސީސީގައެވެ.