ރާއްޖޭގައި ތިބި އިންޑިއާގެ 88 ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭގޮތުން, ދެގައުމުން އެކުލަވާލާފައިވާ ހައިލެވެލް ކޯރ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން މިއަދު ފޮރިން މިނިސްޓްރީގައި ބާއްވާފައިވާއިރު, ދެގައުމުގެ ދެމެދުގައި ކުރިޔަށްދާ މި ސިއްރު ވާހަކަތައް, ފޮރިން މިނިސްޓްރީގެ އިމާރާތް "ބަގު" ކޮށްގެން ޗައިނާ ސަރުކާރުން އަޑު އަހަމުންދާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން" އަށް ލިބިއްޖެއެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ނަން ހަމާ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި, ޗައިނާ ސަރުކާރުން, ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ކުރިޔަށްދާ މަޝްވަރާތައް އަޑު އަހަމުންދާކަމުގެ ކަންބޮޑުވުން ފޮރިން މިނިސްޓްރީގެ ބައެއް އޮފިޝަލުންގެ މެދުގައި އޮތް ނަމަވެސް, ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެކަމާއި ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އެޅުއްޗުމަށް ބޭނުންފުޅުވެވަޑައި ނުގެންނެވި ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި މަޝްވަރާތައް ޗައިނާ ސަރުކާރުން އަޑު އަހަމުންދަނީ ދިވެހި ސަރުކާރުގެ ރުހުން އޮވެގެން ކަމުގައެވެ.
އެހެންނަމަވެސް, އިންޑިއާގެ ފަރާތުން ހައިލެވެލް ކޯރ ގްރޫޕްގައި ހިމެނޭ އޮފިޝަލުންގެ މެދުގައި މިކަމުގެ ކަންބޮޑުވުން އޮތް ކަމުގެ މައުލޫމާތު ""ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން އޮފިޝަލް ހިއްސާ ކޮށްފައެއް ނުވެއެވެ. އޮފިޝަލް ވިދާޅުވީ މިކަން އަދި އިންޑިއާގެ ސަމާލުކަމަށް އައިސްފައިކަން އެނގިފައި ނުވާކަމުގައެވެ.
ފޮރިން މިނިސްޓްރީ މިހާރު ހިންގާ އިމާރާތަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވިފައިވާ އިމާރާތެކެވެ. އަދި 2019 ވަނަ އަހަރުންފެށިގެން، އަލުން އިމާރާތުގެ އާބާތުރަ ފިލުވާފައިވަނީވެސް ޗައިނާ ސަރުކާރުގެ ހިލޭ އެހިގައެވެ. އާބާތުރަ ފިލުވުމަށްފަހު މި އިމާރާތް އަލުން ބޭނުންކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ރާއްޖެއާއި ޗައިނާގެ ގުޅުން ރަގަޅުވެ އިންޑިއާއާއެކު އޮތް ގުޅުންވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. އަދި އެންމެ ފަހުން ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ވަނީ ޗައިނާއާއެކު ސިއްރު 10 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އޭގެ ތެރޭހައި ހދ. މަކުނުދޫގައި ޗައިނާގެ އަސްކަރީ ބޭސްއެއް ގާއިމް ކުރުމުގެ އެއްބަސްވުންވެސް ހިމެނެއެވެ.
ޗައިނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު, ޗައިނާގެ އެންގުމާ އެއްގޮތަށް ރައީސް މުއިއްޒުވަނީ މާރޗް 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަންގަވާފައެވެ.