ޚަބަރު

ފޮރިން މިނިސްޓްރިއަށް ވެއްދި ސިޔާސީ މީހުންގެ އަދަދު 60 އަށް, ޖާގަ ނެތިގެން ގިނަ މީހުން ތިބެނީ ބެލްކަނީގައި ގޮނޑި އަޅައިގެން, ގިނައީ އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ މީހުން, ހަވާލު ކުރާނެ މަސައްކަތެއް ނެތް

ދިޔަވަރު
ފޮރިން މިނިސްޓްރިއަށް ވެއްދި ސިޔާސީ މީހުންގެ އަދަދު 60 އަށް, ޖާގަ ނެތިގެން ގިނަ މީހުން ތިބެނީ ބެލްކަނީގައި ގޮނޑި އަޅައިގެން, ގިނައީ އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ މީހުން, ހަވާލު ކުރާނެ މަސައްކަތެއް ނެތް

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ގިނައިން ސިޔާސީ މީހުން ވެއްދި މިނިސްޓްރީއަކީ ފޮރިން މިނިސްޓްރީ ކަމުގައި ވެއްޖެއެވެ. އެގޮތުން ފޮރިން މިނިސްޓްރީއަށް މިހާތަނަށް ވައްދާފައިވާ ސިޔާސީ މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ.

ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އާއި ވާހަަކަދަކަމުން ވިދާޅުވެފައިވަނީ ސިޔާސީ ގިނަބަޔަކަށް މިހާރު ފޮރިން މިނިސްޓްރީން ވަޒީފާ ދީފައިވާއިރު, މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތުގެ އެތެރޭގައި އެމީހުން ތިބޭނެ ޖާގަ ނެތްކަމުގައެވެ. އެގޮތުން އޭގެ ތެރެއިން ގިނަ މީހުން ރަސްމީ ގަޑީގެ ގިނަ ވަގުތު ހޭދަ ކުރަމުންދަނީ އިމާރާތުގެ އެކި ފްލޯތަކުގެ ބެލްކަނި ތަކުގައި ގޮނޑި ބަހައްޓައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އޮފިޝަލް ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ އިނގިރޭސިބަހުން ލިޔަން އަދި ކިޔަންވެސް ނުދަންނަ މީހުންނަށް ވުމުން, އެމީހުންނާއި ހަވާލުކުރާނެ މަސައްކަތެއްވެސް މިނިސްޓްރީގައި ނެތްކަމުގައެވެ.

ފޮރިން މިނިސްޓްރީއަކީ ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި ޚިލާފަށް, ގައުމުން ބޭރާ މުއާމަލާތު ކުރާންޖެހޭ ތަނަކަށް ވުމާއެކު, އެމިނިސްޓްރީއަށް ވައްދާ, ބޭރުގެ އެމްބަސީތަކުގައި ވަޒީފާ އަދާކުރާންޖެހޭ މުވައްޒަފުންގެ ކޮންމެވެސް ވަރެއްގެ ތައުލީމީ ފެންވަރެއް ހުރުން މުހިންމު ވެއެވެ. އެހެންކަމުން, އެމިނިސްޓްރީއަށް ވައްދާ މުވައްޒަފުންނަށް އިނގިރޭސިބަހުން ލިޔަން ކިޔަން ނޭގޭނަމަ އެމުވައްޒަފުން ކުރާނެ މަސައްކަތެއް ނޯވެއެވެ.

ދާދިފަހުން ރައީސް މުއިއްޒުވަނީ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންއަށް ފޮރިން މިނިސްޓްރީން ވަޒީފާ ހަމަޖައްސައިދީފައެވެ.

”ދިޔަވަރު އޮންލައިން“އާއި ވާހަަކަ ދެއްކި ފޮރިން މިނިސްޓްރީން އޮފިޝަލަކު ވިދާޅުވީ ސީޒަން މިހާރު ދަނީ މާލޭގައި ހުންނަ ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނިކުންނަމުން ކަމުގައެވެ. އެހެންނަމަވެސް އޭނާ ފޮނުވުމަށް ހަމަޖައްސާފައިވަނީ ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކެޓްރީގެ މަގާމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މި ސަރުކާރު ހިމެނިގެން ގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ސިޔާސީ މަގާމްތައް ދިން ސަރުކާރު ކަމުގައެވެ. އަދި ސިޔާސީ ގިނަ މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ކަމަށް ގާބިލް ނޫން މީހުންކަންވެސް ފާހަގަ ކޮށްލެވެއެވެ.