ޚަބަރު

ވަޒީރުންނަށް ގެންނަ އަގުބޮޑު ކާރުކޮޅުތަކުގެ ތެރެއިން ބައެއް ކާރުކޮޅުތައް އެއަރ ފްރައިޓްކޮށް, އަގުބޮޑުކޮށް ގެނެސްފި

ދިޔަވަރު
ވަޒީރުންނަށް ގެންނަ އަގުބޮޑު ކާރުކޮޅުތަކުގެ ތެރެއިން ބައެއް ކާރުކޮޅުތައް އެއަރ ފްރައިޓްކޮށް, އަގުބޮޑުކޮށް ގެނެސްފި

ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ކޮންމެ ވަޒީރަކަށް ގެނައުމަށް ހަމަޖެހިފައިވާ އަގުބޮޑު އާ ކާރުކޮޅުތަކުގެ ތެރެއިން ބައެއް ކާރުކޮޅުތައް އެއަރ ފްރައިޓްކޮށް މާލެ ގެނެސްފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން, އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ 22 ވަޒީރުންނަށް ގެނައުމަށް ހަމަޖެހިފައިވާ މުޅިން އާ ކާރުކޮޅުތަކުގެ ތެރެއިން ބައެއް ކާރުކޮޅުތަކުގެ (ފުރަތަމަ ޝިޕްމަޓް) ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެމިރޭޓްސް ކާގޯ ފްލައިޓެއްގައި ކަމުގައެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިމަހުގެ 13 ވަނަ ދުވަހު ގެނައި ޝިޕްމަންޓުގައި ރާއްޖެ ގެނެސްފައިވަނީ ކެބިނެޓްގެ ވަޒީރުންނަށް ގެނައުމަށް ހަމަޖެހިފައިވާ އަގުބޮޑު 22 ކާރުކޮޅުގެ ތެރެއިން 10 ކާރުކޮޅު ކަމުގައެވެ.

އެހެންނަމަވެސް ސީ ފްރައިޓްކޮށް, އަގުހެޔޮކޮށް ކަނޑުމަގުން ގެނެވެން އޮއްވާ, އާދަޔާ ޚިލާފަށް އަގުބޮޑުކޮށް, އެއަރ ފްރައިޓްކޮށް ކާރުކޮޅުތައް ރާއްޖެއަށް ގެނައި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ކަޑުމަގުން މުދާ ގެނައުމުގެ ބަދަލުގައި ވައިގެމަގުން މުދާ ގެނައުމުން އާންމު ގޮތެއްގައި ފްރައިޓްގެ އަގު %60 ބޮޑުވާނެއެވެ.

ނަން ހާމަ ނުކުރުމަށް އެދި ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު މީގެ ކުރިން ވިދާޅުވެފައިވަނީ, ރައީސް މުއިއްޒުގެ ކެބިނެޓް ވަޒީރުންނަށް އާ ކާރުކޮޅުތައް ގެނައުމަށް ހަމަޖެހިފައިވަނީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ކަމުގައެވެ.

އެގޮތުން ދުބާއީ ކުންފުނިން ވަޒީރުންގެ ކާރުކޮޅުތަކަށް ކޯޓު ކޮށްފައިވަނީ (އަގު ދީފައިވަނީ) ކާރަކަށް 6.5 މިލިއަން ރުފިޔާއަށް ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވީ ވަޒީރުން ބޭނުން ކުރެއްވުމަށް ގެނައުމަށް ހަމަޖެހިފައިވަނީ މާސިޑޭޒް ބެންޒް މޭބެކް މޮޑެލް ކާރުކޮޅުތަކެއް ކަމަށާއި, މި މޮޑެލްގެ 22 އާ ކާރު ރާއްޖެއަށް އެތެރެކުރުމަށް ޖުމަލް 143 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކާރުކޮޅުތަކަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަމަށްވެސް އޮފިޝަލް އޭރި ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރުން ބޭނުން ކުރެއްވުމަށް އާ ކާރުކޮޅުތައް ގެނައުމަށް 143 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައިވާއިރު, ދައުލަތުގެ މާލިއަޔަތުން ބޭކާރު ގޮތުގައު ޚަރަދު ނުކުރައްވާނެކަމަށް ވަދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތައް ޖުމުހޫރީ މައިދާން ތައްޔާރު ކުރުމަށް އެކަނިވެސް ފާއިތުވި ނޮވެމްބަރުމަހުވަނީ ދައުލަތުގެ ބަޖެޓުން 23 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

އަދި ގައުމުން ބޭރަށް ދަތުރުފުޅުތައް ކުރެއްވުމަށްވެސް ރައީސްއާއި ނާއިބު ރައީސް ގެންދަވަނީ ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކުރައްވަމުންނެވެ.

އޭގެ އިތުރުން ރައީސް މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވުމުގެ ކުރިން އެ އިމާރާތުގެ ހައިބަތު އިތުރުކުރުމަށް ދައުލަތުގެ ބަޖެޓުން 16 މިލިއަން ރުފިޔާ ޚަރަދުކުުރުމަށް ނިންމާ މިހާރު ދަނީ މުލިއާގޭގެ އިންޓީރިއަރ އަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ.

ހަމައެއާއެކު މިމަހުގެ ކުރީކޮޅު މުއިއްޒު ދެކަނބަލުންވަނީ, ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ޒީނަތްތެރި ސަހަރުތަކަށް ޒިޔާރަތްކޮށް އެތަންތަން ބައްލަވާލައްވާފައެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް އަދި އެންމެ ދެ މަހެެއްހާ ދުވަސް ފާއިތުވެފައިވާއިރު, ދައުލަތުގެ މާލިއްޔަތުން އިސްރާފުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ޚަރަދު ކުރަމުންދާ ދިއުމުގެ ކަންބޮޑުވުން ގިނަބަޔަކު ދަނީ ފާޅު ކުރަމުންނެވެ.