މާލެ ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އެޅުމަށް ކޮރަލް ބޮލެވާޑަށް ދިން ބިން އަތުލުމަށް ފަހު އެހެން ބިމެއް ނުދިން މައްސަލާގައި ސަރުކާރާ ދެކޮޅަށް އެ ކުންފުނިން ކުރި ދައުވާއެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް އެބަ އޮތް ކަމަށް ސިވިލް ކޯޓުން ނިންމުމާއި ގުޅިގެން, ސިންގަޕޫރު ކުންފުނި، ކޮރަލް ބޮލެވާޑަށް 130 މިލިއަން ޑޮލަރުގެ ބަދަލެއް ދީ, އައުޓު އޮފް ކޯޓު ސެޓްލްމަންޓަކަށް ދިއުމަށް ރައީސް މުއިއްޒު ނިންމަވައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މިމައްސަލަ އައުޓު އޮފް ކޯޓު ސެޓްލްމަންޓަކަށް ގޮސް, ސިންގަޕޫރުގެ ކޮރަލް ބޮލެވާޑް ކުންފުންޏަށް 130 މިލިއަން ޑޮލަރު ދިނުމަށް އެއްބަސް ވެފައިވާއިރު, މި ފައިސާގެ ތެރެއިން ރައީސް މުއިއްޒުއަށް ދިނުމަށް ހަމަޖެހިފައިވަނީ 20 މިލިއަން ޑޮލަރެވެ. އެހެންކަމުން ކޮރަލް ބޮލެވާޑް ކުންފުންޏަށް ބަދަލުގެ ގޮތުގައި ލިބިގެންދާނީ 110 މިލިއަން ޑޮލަރެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, މިމައްސަލައާއި ގުޅޭގޮތުން ސިންގަޕޫރުގެ ކޮރަލް ބޮލެވާޑް ކުންފުންޏާއި މުއްމާލާތު ކުރަމުންދަނީ މިނިސްޓަރުގެ ފެންވަރުގައި ރިޔާސީ ގަނޑުވަރުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކޮށްފައިވާ, ރައީސް ޑރ. މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގ.ވަށަފަރު އިގްބާލު އާދަމް އާއި, ކުރިން މާލެ ސިޓީ ކައުންސިލަރުކަމުގެ މަގާމުގައި ހުންނެވި, މިހާރު ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ރައީސް މުއިއްޒު އަޔަން ކުރައްވާފައިވާ އަބްދުﷲ ނާސިރު (ހެރިންސް އައްލޯ)އެވެ.

މާލެ ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އެޅުމަށް ކޮރަލް ބޮލެވާޑަށް ދިން ބިން އަތުލުމަށް ފަހު އެހެން ބިމެއް ނުދިން މައްސަލާގައި ސަރުކާރާ ދެކޮޅަށް އެ ކުންފުނިން ކުރި ދައުވާއެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް އެބަ އޮތް ކަމަށް ސިވިލް ކޯޓުން މިހާރުވަނީ ނިންމާފައެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ޕްރޮޖެކްޓެކެވެ. ނަމަވެސް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ސިންގަޕޫރު ކުންފުނި، ކޮރަލް ބޮލެވާޑަށް ދީފައިވާ އެ ބިން އަތުލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ ބަދަލުގައި ހުޅުމާލޭން ބިމެއް ދޭ ގޮތަށެވެ.
ފެބްރުއަރީ 25، 2019 ގައި ސަރުކާރުން ނިންމާފައިވާ ގޮތަށް ހުޅުމާލޭން ބިމެއް ދީފައި ނުވާތީ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ 426.8 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. އެއީ ގާތްގަނޑަކަށް 6.5 ބިލިއަން ރުފިޔާ އެވެ.
އެ ކުންފުނިން ދައުވާކޮށްފައިވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީއާއި ދިވެހި ދައުލަތުގެ މައްޗަށެވެ.
މިއީ ސިވިލް ކޯޓުގެ އިހުތިސޯސް ލިބިދޭ މައްސަލައެއްތޯ ބެލުމަށް ފަހު، އެ ކޯޓުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީއާއި ދިވެހި ދައުލަތުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައިވާތީ އެ މިނިސްޓްރީގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.
އެހެންވެ ދައުވާ ތައްޔާރުކޮށް 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ކޯޓުން ކުރި ހުކުމުގައިވެ އެވެ. އެ ގޮތަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ހުކުމުގައިވެ އެވެ.