ޚަބަރު

މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭހެއް، އެޅުމަށް ސޮއިނުކުރާ ކަމަށް ބުނެ ދޮގު ހަދައިފި

ދިޔަވަރު
މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭހެއް، އެޅުމަށް ސޮއިނުކުރާ ކަމަށް ބުނެ ދޮގު ހަދައިފި

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމާއެކު ހދ. މަކުނުދޫ ހިމެނޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާނެ ކަމަށް ސަރުކާރުން ބުނެ ދޮގު ހަދާފި އެވެ.

މަކުނުދޫއާ ގުޅޭ އަސްކަރީ އެއްބަސްވުމެއްގެ ވާހަކަ އެންމެ ފުރަތަމަ ހާމަ ކުރީ ދިޔަވަރު ނޫހުންނެވެ. އެއަށްފަހު މި މަހުގެ 11 ގައި އިދިކޮޅު އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތުކުރެއްވީ ޗައިނާއާ އެކު ސޮއިކުރީ 20 އެމްއޯޔޫގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް 30 އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ހދ. މަކުނުދުއާ ގުޅޭ އެއްބަސްވުމެއް އޭގެ ތެރޭގައި ހިމެނެ އެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން އެނގެން ބޭނުންވޭ މަކުނުދޫ އާއި ބެހޭ ގޮތުން ސޮއިކުރެއްވީ ކޯއްޗެއްތޯ ޗައިނާއާ އެކު. އަޅުގަނޑުމެން ބަލަން ބޭނުންވޭ ފުށިދިއްގަރަށް ބޮޑުތިލަދުންމަތީގެ އެންމެން ގެނެސް އަޅާލައިފައި މަކުނުދޫ ހިސާބު ކޮންބަޔަަކަށް ދޭން، ކީއްކުރަައްވަންތޯ އުޅެނީ،" ފައްޔާޒް އެރޭ ވިދާޅުވި އެވެ.

ފައްޔާޒުގެ އެ ތުހުމަތާ ގުޅިގެން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، ޗައިނާއާއެކު ވެވުނު ކޮންމެ އެގްރީމެންޓެއްގެވެސް އަމާޒަކީ ދިވެހިންނާއި ދިވެހިރާއްޖޭގެ ކުރިއެރުން ކަމަށެވެ.

"ވަކި ބަޔަކަށް ވަކި ރަށަކަށް ހާއްސަކުރެވިގެން އެއްވެސް އެގްރީމެންޓެއް ނުކުރެވޭ" ހަލީލު ދޮގު ހަދަމުން ވިދާޅުވި އެވެ.

މަކުނުދޫއާ ގުޅޭގޮތުން އެއްބަސްވުމެއް ނެތް ކަމަށް ހަލީލު ވިދާޅުވި ނަމަވެސް ރައީސްގެ ދަތުރުފުޅުގެ ތެރެއިން ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫނު ސޮއިކުރެއްވީ މަކުނުދޫ ގައި މެރިން ސެންޓަރެއްގެ ނަމުގައި މިލިޓަރީ ބޭހެއް އެޅުމުގެ އެއްބަސް ވުމުގައެވެ.

ވިދާޅުވީ އެއްބަސްވުންތަކުގެ ތަފުސީލު ސަރުކާރުން ހާމަ ކުރާނެ ކަމަށާއި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ތަފުސީލުތައް ހާމަކުރާނީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.