ޚަބަރު

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ރާއްޖޭގެ ރައްޔިތުން އިންޑިއާއަށް ހިތްހެޔޮ: ޖައިޝަންކަރު

ދިޔަވަރު
ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ރާއްޖޭގެ ރައްޔިތުން އިންޑިއާއަށް ހިތްހެޔޮ: ޖައިޝަންކަރު

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ރާއްޖޭގެ ރައްޔިތުން އިންޑިއާއަށް ހިތްހެޔޮ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު މިހެން ވިދާޅުވީ މަހަރާސްތްރާގެ ނާގްޕޫރުގައި ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ސުވާލު ކުރީ އެގޮތުން މި ދުވަސްވަރު ރާއްޖެއާ ގުޅުން ހީނަރުވެފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި ސަރުކާރުތައް ބަދަލުވެގެން އަންނަ އިރު ގައުމުތަކާ އޮންނަ ގުޅުން ދަމަހައްޓަން ކުރާ މަސައްކަތަކީ ކޮބައިތޯއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އެ ގައުމުގެ "ނެއިބާހޫޑް ފަސްޓް" ޕޮލިސީ އަކީ އިސްކަމެއް ދޭ ޕޮލިސީއެއް ކަމަށާއި އޭގެ ދަށުން ގުޅުން ރަނގަޅު ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް "ސިޔާސީ ކަންކަމަކީ ސިޔާސީ ކަންކަން" ކަމަށާއި އެހެންކަމުން ގައުމުތަކުން އަބަދު އެއްގޮތަކަށް އެއްބާރުލުން ނުލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގުޅުންތައް ދަމަހައްޓަން ކުރާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ބޮޑަށް މަސައްކަތް ކުރީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން ކަމަށެވެ.

"ސީޔާސީ ކަންކަން އަޑިގުޑަން ވިޔަސް، އެ ގައުމުގެ ރައްޔިތުންނާއި މުޖުތަމައުގައި އާންމު ގޮތެއްގައި އިންޑިއާއާމެދު އޮތީ ރަނގަޅު އިހުސާސްތަކެއް، ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން އެނގޭ" ޖައިޝަންކަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ހައްލު ކުރެވޭނެ ގޮތަކީ މަޝްވަރާކޮށް އެއްބަސްވުންތަކެއް ވެގެން ކަމަށާއި ކުރީގައި އޮތް ގުޅުން އިއާދަ ކުރެވޭނީ އޭރުން ކަމަށެވެ.

އިންޑިއާއާއި ރާއްޖޭގެ ގުލުން މި ފަހަކުން ހީނަރުވީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި އޮންނަ ލަކްޝަދީބް ޕްރޮމޯޓު ކުރުމުގެ ނަމުގައި އެ ގައުމުގެ ބޮޑޫވަޒީރު ނަރެންދްރަ މޯދީ ރާއްޖެއާ ދެކޮޅަށް ފެއްޓެވި ކެމްޕޭނެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ، ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވެ ފާޑު ވިދާޅުވުމުންނެވެ.