ޖިހާދުގެ ނަމުގައި ސީރިޔާގެ ދާހިލީ ހަނގުރާމައަށް ދިޔަ ޓެރަރިސްޓުން 3 މަހަށް ރިހިބިލިޓޭޝަނަށް ލުމަށްފަހު ދޫކޮށްލަން ނިންމަމުން ދާ ކަމުގެ މައުލޫމާތު ދިޔަވަރަށް ލިބިއްޖެއެވެ. ބައެއް އާއިލާތަކުން މި ގޮތަށް ސަރުކާރުގެ ފަރާތްތަކާއި ވާހަކަ ދައްކަމުންދާއިރު މިކަމުގައި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބަހުއްޓެވެ.
ބޭރުގެ ހަނގުރާމައަކަށް ދިޔުމަކީ ޤާނޫނީ ކުށެކެވެ. ހަނގުރާމައިން ބަލިވެ ހާލުގެ ޖެހުމުން އެހީތެރިކަން ފޯރުކޮށް ދޭން ޖެހޭނެއެވެ. އެ ގޮތުން އެމީހުން ރާއްޖެ ގެނެސް ހިންމަފުށީގައި ހުންނަ އިންޓަގްރޭޝަން ސެންޓަރުގައި ބައިތިއްބައިގެން ފަރުވާ ދިނުމަކީ އެންމެ ރަނގަޅު ގޮތެކެވެ. ނަމަވެސް، މަޖިލިސް އިންތިހާބަށް އެއާއިލާ ތަކުގެ ވޯޓު ހޯދުމަށް ރިހިބިލިޓޭޝަން ފުރިހަމަ ނުކޮށް ދޫކޮށްލުމަށް ސަރުކާރުން ވިސްނުމަކީ ގޯސް ވިސްނުމެކެވެ.
ހަނގުރާމައިގެ ސަބަބުން އެކި މީހުންނަށް އަސަރު ކުރަނީ އެކި މިންވަރަށެވެ. ރިހިބިލިޓޭޝަން މަސައްކަތުގައި އުޅުއްވާ ފަރާތެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާ ގޮތުގައި، ހަނގުރާމައިން އަންނަ މީހުންނަށް ފަރުވާދީ، މުޖުތަމައު އަށް ނެރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެކި މީހުންނަށް އެކި ފަރުވާ ބޭނުންވާ ކަމަށާއި، އެކަން މީހާގެ އުމުރާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ކަންކަމާއި ކުރިމަތި ލުމުގައި ގެންގުޅޭ ހިތްވަރުގެ މައްޗަށް ބިނާވެގެން ވާކަމުގައި އޭނާ ކިޔައި ދިނެވެ. މީގެ އިތުރުން އާއިލީ އަދި އިޖުތިމާއީ އެހީތެރިކަމާއި، ސިއްހީ އަދި ނަފްސާނީ ކަންކަމަށް ލިބެން ހުރި ފަރުވާ މިކަމުގައި މުހިންމު ކަމަށް ވާއިރު، ނަފްސާނީ ފަރުވާ ދިނުމުގައި ރިހިބިލިޓޭޝަން ސެންޓަރަށް ދަތިތަކެއް ހުރި ކަމުގައި ވިދާޅުވިއެވެ. އަދި ގާތް އެކުވެރިންނާއި ފަރުދުންގެ ހިތްވަރު މިކަމުގައި ބޭނުންވާއިރު، ބޭރުން އަންނަ ފަރާތްތަކާއި ރާއްޖެއިން ގުޅިފައި ތިބެނީ ޓެރަރިޒަމަށް ހިތްވަރުދޭ ފަރާތްތައް ކަމަށް ވާތީ، ރިހިބިލިޓޭޝަން އަކީ 3 މަހުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަރުކަށި ފިކުރު ދޫކޮށްލައި، މުޖުތަމަޢުގެ ތެރެއަށް އަލުން ގުޅެން ބޭނުންވާ ބޭނުންވުން ހުންނަނީ މަދުބައެއްގައި ކަމަށާއި، އެކަން ނެތުމުން ފަރުވާ ދިނުމުގައި ދަތިތައް އެބަހުރިކަމަށް ހާމަ ކުރެއްވިއެވެ. ނަމަވެސް މަޖުބޫރީ ބައިވެރިވުމުގެ ސަބަބުން ޓެރަރިސްޓުންނާއި އެކު އުޅެން ޖެހުނު މީހުންނަށް ފަސޭހައިން ފަރުވާ ދެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ. މިފަހަރު ރާއްޖެއަށް ގެނައި މީހުންގެ ތެރޭގައި އޮޅުވާލައިގެން ސީރިޔާ ހަނގުރާމައަށް ގެންގޮސްފައިވާ ފަރާތްތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
އެހެން ކަމުން ފަރުވާގެ މުއްދަތު ކުރު ނުކޮށް، ފުރިހަމަ ފަރުވާއެއްދީ، އަދި ޤާނޫނާއި ޚިލާފަށް ހަނގުރާމައަށް ގޮސްފައިވާ މީހެއް ނަމަ، ޤާނޫނުން އެމީހަކަށް އޮތް އަދަބުވެސް ފުރިހަމަ ކޮށްފައި ނޫނީ، ނުރައްކާތެރި ބައެއް މުޖުތަމަޢު އަށް ނުނެރުމަށް ދިވެހި ގިނަ ރައްޔިތުން ގޮވާލައެވެ.